7 ދުވަހުގެ މެދުކެނޑުމަކަށްފަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އިއްޔެ އަލުން ދޭން ފެށި އުދުވާނީ ހަމަލާތަކުގައި 184 މީހުން މަރާލައި ނުވަތަ ޝަހީދު ކޮށްލައިފިއެވެ.

ހަމާސްއާއި އިޒްރޭލާއި ދެމެދު ވެވުނު ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުން ނިމުމަކަށް އައުމަށްފަހު، ޒަޔަނިސްޓް ސިފައިން ވަނީ ރަފާ ބޯޑަރުން ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ވެސް ހުއްޓުވާފައެވެ.

ފަލަސްތީންގެ އޮފިޝަލުން ބުނީ ބޮމުގެ ހަަމަލާތަކުގައި މަދުވެގެން 589 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ. އަދި 20 އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށްވެސް މަޢުލޫމާތު ދީފައި ވެއެވެ.

މިފަހަރު ނިރުބަވެރި އިޒްރޭލު ސިފައިން ބޮން އަޅަން ފަށާފައިވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނުސް ސަރަހައްދަށެވެ. އެއާއެކު، އެ ސަރަހައްދުގެ ގިނަ ބަޔަކު ވަނީ މަގުމަތިވެފައެވެ. އިޒްރޭލުން ވަނީ ޢާންމުން ދެކުނުގެ ސަރަހައްދު ހުސްކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އިލްތިމާސްކޮށްފައެވެ. ޒަޔަނިސްޓް ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ލީފްލެޓް ބަހާފައިވިޔަސް، ޣައްޒާގެ އެއްވެސް ސަރަހައްދެއްގައި ޢާންމުންގެ ރައްކާތެރިކަން ކަށަވަރުނުވާނެ ކަމަށް އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމާއަތްތަކުން ބުނެއެވެ.

މީގެ ކުރިން އިޒްރޭލުން ވަނީ ޣައްޒާގެ އުތުރު ހިފާފައެވެ. އަދި ޢާންމުން އަމާންކަން ހޯދުމަށް ދެކުނަށް ބަދަލުވާން ވަނީ އަންގާފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ފަލަސްތީން ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ "ޒަޚަމްވި ދިހަހާސް މީހުން" ސަލާމަތް ކުރުމަށް ޣައްޒާގައި ވީ އެންމެ އަވަހަށް ފީލްޑް ހޮސްޕިޓަލްތައް ގާއިމް ކުރުމަށް އަރަބި އަދި މުސްލިމް ދައުލަތްތަކަށް ގޮވާލާފައެވެ. އެ އޮފީހުގެ ތަރުޖަމާނު ސަލަމާ މައުރޫފް ވިދާޅުވީ "ގިނަ އަދަދެއްގެ އެހީ ގެ ގާފިލާތައް" ވެސް ބޭނުންވާ ކަމަށެވެ. އަދި ޣައްޒާއަށް ދުވާލަކު މަދުވެގެން އެއް މިލިއަން ލީޓަރުގެ ތެޔޮ ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ބަދަލުގައި ހަމާސްއިން ވަނީ އިޒްރޭލަށް ބޮމުގެ ހަމަލާތައް ދީފައެވެ. އެ ޖަމާއަތުން އެހެން ބުނި ނަމަވެސް، އިޒްރޭލުގެ އެއްވެސް މީހަކަށް އަދި ތަަނަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން