ޓިއަންގޮންގް
ޓިއަންގޮންގް
ޗައިނާއިން ޖައްވުގައި ބިނާކުރި ސްޕޭސް ސްޓޭޝަން ދައްކާލުމުގެ ގޮތުން އެތަނުގެ ފުރަތަމަ ތަސްވީރު އެގައުމުގެ ޖައްވާއި ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.

އާންމުކޮށްފައިވަނީ ޓިއަންގޮން ސްޕޭސް ސްޓޭޝަންގެ ތިރިން ނަގާފައިވާ، ޖައްވީ ފޮޓޯއެކެވެ. މި ފޮޓޯއަކީ ކްރޫ މެންބަރުންގެ ތިން މީހުން ގެންދިޔަ ޝެންޒައު ޖައްވީއުޅަނދު އެނބުރި ދުނިޔެއަށް އައިމަގުމަތީގައި ނަގާފައިވާ ފޮޓޯއެކެވެ. އެގޮތުން، އާންމުކުރި ފޮޓޯއަކީ ސްޕޭސް ސްޓޭޝަން އެއްކޮށް ފެންނަގޮތަށް ނަގާފައިވާ ފުރަތަމަ ތަސްވީރުކަމުގައިވާއިރު، މި ތަސްވީރުން އެތަނުގެ ހައިބަތު ދައްކުވައިދެއެވެ. ވަރަށްވެސް ފުރިހަމައެވެ.

ޗައިނާއިން މިހާރު އަންނަނީ ޓިއަންގޮން ފުރިހަމައަށް ބޭނުންކުރަމުންނެވެ. އެގޮތުން، ޓިއަންގޮންގެ ޖައްވީ ސްޓޭޝަނުގެ ތިންވަނަ އަދި އެންމެ ފަހު މޮޑިއުލްކަމުގައިވާ، މެންގްޝިއަން ހަރުކޮށްފައިވަނީ ނިމިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ތަސްވީރުގެ އެންމެ މަތިން ފެންނަ މި މޮޑިއުލާއި، ތަސްވީރުގެ އެންމެ ތިރިން ފެންނަން އޮތް ވެންޝިއަން މޮޑިއުލަކީ ތަހުލީލީ މަރުކަޒުތަކުގެ ދެ މޮޑިއުލެވެ. ތަސްވީރުގެ މެދުން ފެންނަން އޮތް ޓީއަންހޭ މޮޑިއުލްގައި ޑޮކިންގް ހަބެއް އެކުލެވޭއިރު، އެސްޓްރޮނޯޓުން ދިރިއުޅުމަށް ހާއްސަކޮށްފައިވާ ކޮޓަރިތައްވެސް ހުންނަނީ މި މޮޑިއުލްގައެވެ.

ޗައިނާ މޭންޑް ސްޕޭސް އޭޖެންސީއިން ބުނެފައިވާގޮތުގައި މި ޖައްވީ ބިނާގެ މައިގަނޑު މަޤްޞަދަކީ ތަހުލީލީ މަސައްކަތްކުރުމެވެ. އެގޮތުން، މައިކްރޯގްރެވިޓީއާއި، ޖައްވުގައި ގަސްގަހާއިގެހި އުފައްދާނެގޮތާއި، ޖައްވުގައި ދިޔާތަކެތި ގެންގުޅޭނެ ގޮތް ބެލުމަށް ހަދާ ތަހުލީލުތައް ހިމެނޭގޮތަށް 1000 އަށްވުރެ ގިނަ ތަހުލީލްކުރުމަށް ޗައިނާގެ ޖައްވީ ވުޒާރާއިން ވަނީ ނިންމާފައެވެ.

މިވަގުތު ޓިއަންގޮންއަށް ސަވާރުވެ ތިބި ތިން އެސްޓްރޮނޯޓުން ސްޕޭސް ސްޓޭޝަނަށް ދަތުރުކުރީ ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި އެމީހުން އެނބުރި އަންނާނީ ހަމަސްދުވަސް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން