ރާއްޖެއިން ހިފެހެއްޓި އިންޑިއާގެ މަސް ބޯޓެއް އަނބުރާ ހަވާލުނުކޮށްފިނަމަ، އިންޑިއާގެ މަސްވެރިން އިހުތިޖާޖަކާއި ހަމައަށް ގޮސްދާނެ ކަމަށް އިންޑިއާގެ މީޑިއާއަކުން ރިޕޯޓްކޮށްފިއެވެ.

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހައްޔަރުކުރި އިންޑިއާގެ ތަރުވައިކުލަމަށް ނިސްބަތްވާ 12 މަސްވެރިން ވަނީ އެމީހުންގެ ޗީފް މިނިސްޓަރާއި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުގެ އަރިހުގައި ރާއްޖެއިން ހިފެހެއްޓި ބޯޓު އަނބުރާ ގެނެސްދިނުމަށް އެދިފައެވެ. އަދި ސަރުކާރުން އެކަން ފަހިކޮށްދިނުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ މަސްވެރިން ވަނީ ޝަކުވާ ކޮށްފައެވެ. އެހެންކަމުން، އެކަމުގައި ސަރުކާރުން އެދެވޭ ފިޔަވަޅެއް ނާޅާނަމަ، މަސްވެރިންނާއި ތަރުވައިކުލަމް މާޗަންޑައިޒްޑް ބޯޓް އޯނާސް އެސޯސިއޭޝަނުން އިތުރު ފިޔަވަޅަކާއި ހަމައަށް ދާނެ ކަމަށް "ދަ ހިންދޫ" އިން ރިޕޯޓްކޮށްފައި ވެއެވެ.

"ހުކުރު ދުވަހު (ޑިސެމްބަރު 1) ގައި ބާއްވާ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ގެނައުމާއި ބެހޭ ބައްދަލުވުމުގައި މަސް ބޯޓު ދޫކޮށްލުމާ ބެހޭގޮތުން މަސްވެރިން ރާވާފައިވާ މުޒާހަރާތަކާ ބެހޭ ގޮތުން ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނަށާއި މަރުކަޒީ އަދި ސްޓޭޓް ސަރުކާރަށް ސާފުކޮށް ކިޔާދެވޭނެ." މަސްވެރިން ބުންޏެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ރަސްމީ ފަރާތްތަކުގެ ބަހެއް ލިބޭތޯ ކުރި މަސައްކަތުން އަދި އެފަދަ ފަރާތެއްގެ ބަހެއް ލިބިފައެއް ނުވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ވަނީ ރާއްޖޭގެ އިކޮނޮމިކް ޒޯންގައި މަސްވެރިކަން ކުރަމުންދިޔަ އެ އުޅަނދުގައި ތިބި 12 އިންޑިއާ މީހުން ހައްޔަރުކޮށްފައެވެ. އެއާއިއެކު، ދިވެހި ސަރުކާރުން ވަނީ އެ ގައުމުގެ މަސްވެރި އުޅަނދު 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ސަރުކާރަށް އެ ފައިސާ ދައްކަން 30 ދުވަހުގެ ނޯޓިސްއެއްވެސް ވަނީ ދީފައެވެ.

މަސްވެރިން ބުނާ ގޮތުގައި އެ ދުވަހު ބޯޓަށް ރާއްޖޭގެ އިގްތިޞާދީ ސަރަހައްދަށް އެތެރެވެވުނީ ނޭނގުމެއްގެ ތެރޭގައެވެ. މި ބޯޓުގެ ވެރިޔާ ޖަޔާބާލަންއާއި އެ ސަރަހައްދުގެ އެމްޕީ އެމްއެސް ކަނިމޮޒީއާއި ޗީފް މިނިސްޓަރ އެމްކޭ ސްޓާލިން ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖޭޝަންކަރަށްވެސް މިކަމާއި ގުޅޭގޮތުން ސިޓީއެއް ފޮނުވާފައި ކަމަށް ދަ ހިންދޫ ރިޕޯޓްކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން