ކާމިޔާބު ބަތަލާ ރާނީ މުކަރްޖީ ކުޅުނު ފިލްމެއްގެ ސަބަބުން އިންޑިއާގެ ގިނަ ބަޔަކު ވަރިވި ކަމަށް އޭނާ ބުނެފިއެވެ.

ރާނީއަކީ ތަފާތު އެކި ކަހަލަ ފިލްމުތައް ކުޅުމަށް ކުޅަދާނަ ބަތަލާއެކެވެ. އޭނާ ކުޅޭ ގިނަ ފިލްމުތަކަކީ އަންހެނުން ބާރުވެރިކުރުވުމުގެ އިތުރަށް އެކި ގޮތްގޮތަށް މީހުން ބާރުވެރިކުރުވާ ފިލްމުތަކެކެވެ. އެހެން ނަމަވެސް، ޝާހުރުކް ޚާންއާއި އެެއްކޮށް ކުޅުނު "ކަބީ އަލްވިދާ ނާ ކެހެނާ" ގައި ރާނީ ވަނީ އުފާވެރިކަމެއް ނެތް ކައިވެންޏެއް ނިންމާލި ގޮތް ދައްކުވައިދީފައެވެ. އެ ފިލްމުގައި ރާނީ ކުޅެފައިވަނީ ކައިވެނީގެ ވަކި ހިސާބަކުން ބޭވަފާތެރިވާ އަންބެއްގެ ރޯލެވެ. ރާނީ ވަނީ ހަގީގީ ލޯބިވެރިޔާ ނޫން އެހެން މީހަކާއިއެކު ނަމެއްގައި އުޅޭ ޒަވާޖީ ހަޔާތެއްގައި ދެމިހުރުމަކީ ލާޒިމް ކަމެއް ނޫން ކަން ބުނެދީފައެވެ.

އިންޑިއާއަކީ ޢާންމުގޮތެއްގައި އަންހެންކުދިންގެ ކައިވެނި ވަރަށް ހަގު އުމުރުފުރާގައި ކުރުވާ ތަނެކެވެ. މަޖުބޫރު ޙާލުގައި ވަރަށް ގިނަ މީހުން ލޯތްބެއް ނެތް ކައިވެނިތަކުގައި ދެމިތިބެއެވެ. މި ފިލްމު ޢާންމުވީ ދުވަސްވަރަށްފަހު ވަރަށް ގިނަ ބަޔަކު އުފާވެރިކަމެއް ނެތް ކައިވެނިން މިނިވަންވުމަށްޓަކައި ވަރިވެފައިވާ ކަމަށް މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރާނީ ބުނެފައި ވެއެވެ. އަދި އަންހެނުން ބޭނުންވާ އިޚްތިޔާރުތަކާއި ގުޅޭގޮތުން މަޝްވަރާކުރުން މުހިންމުކަމަށްވެސް ރާނީ ބުނެފައި ވެއެވެ.

ރާނީ ވަނީ "މެހެނދީ"، "މިސިސް ޗަތެރްޖީ ވާސަސް ނޯރވޭ" ފަދަ މަގްބޫލު ފިލްމުތަކުގެ ލީޑް ރޯލުތައް އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން