ލިވަރޕޫލުން ޗެމްޕިއަން ޓްރޮފީ އުފުލާލަނީ
ލިވަރޕޫލުން ޗެމްޕިއަން ޓްރޮފީ އުފުލާލަނީ
30 އަހަރަށްފަހު ލިވަޕޫލުން އިނގިރޭސި ލީގު ތަށި އުފުލާލައިފިއެވެ. ލިވަރޕޫލަށް ޓްރޮފީ ޙަވާލުކޮށްފައިވަނީ، އެންފީލްޑުގައި ރޭ ޗެލްސީގެ މައްޗަށް 5-3 ގެ ނަތީޖާއަކުން ކުރި ހޯދި މެޗަށް ފަހުއެވެ. ލިވަޕޫލުން އެންމެފަހުން މިތަށި އުފުލާލާފައިވަނީ 1990 ވަނަ އަހަރުއެވެ. މިސީޒަންގެ ތައްޓާއެކު، ލިވަޕޫލުންވަނީ 19 ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ ލިވަޕޫލްއިންނެވެ. ފުރަތަމަ ހާފު 23 ވަނަ މިނެޓްގައި ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ކެއިޓާ އެވެ. މިއީ ޑީއޭރިއާގެވެސް ބޭރުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. އަދި 38 ވަނަ މިނެޓްގައި ދެވަނަ ގޯލް އެލެކްޒާންޑާ އާނޯލްޑް ކާމިޔާބު ކޮށްދިނީ ހިލޭޖެހުމަކުންނެވެ. ތިންވަނަ ގޯލް ވައިނަލްޑަމް ލަނޑު ޖަހާފައިވަނީ ކޯނަރަކުން އޭރިއާތެރެއަށް ވެއްޓުނު ބޯޅައެއް ޗެލްސީއަށް ރަނގަޅަށް ސާފުކޮށްނުލެވި އުޅެނިކޮށެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީއިން ލަނޑެއްޖަހައި ފަރަގު ކުޑައިރު މިލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދީފައިވަނީ ޖިރޫޑެވެ. ވިލިއަންގެ ހަމަލާއެއް ކީޕަރު އެލިސަންއަށް ރަނގަޅަށް ދިފާޢުނުކުރެވުމުން ގޯލްއާއި ދިމާއަށް ދިޔަ ބޯޅަ ދެވަނަ ފަހަރަށް ކީޕަރު ދިފާޢު ކުރުމުގެ ކުރިން ޖިރޫޑުވަނީ ވެއްޓިގަނެފައި ފައިންޖަހައި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ފިރްމީނޯ ކާމިޔާބުކޮށްދިން ލަނޑަކުން ލިވަޕޫލްއިން އަނެއްކާވެސް ލީޑު ފުޅާކުރިއެވެ. ނަމަވެސް ޗެލްސީގެ އަބްރަހަމްއާއި ޕުލިސިޗް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ޗެލްސީއިން އުއްމީދު އާކުރިއެވެ. އެއް ލަނޑު ލީޑެއްގައި އޮތް ލިވަޕޫލްއިން އަނެއްކާވެސް ލީޑު ފުޅާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 6 މިނަޓަށްވެފައި ވަނިކޮށް ޗެމްބަލިން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ރޭގެ މޮޅާއެކު ލިވަޕޫލްއިންވަނީ އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ މިސީޒަންގެ ޕްރިމިއާ ލީގު ނިންމާލާފައެވެ. ލިވަޕޫލްގެ ފަހު މެޗު ނިއުކާސަލްއާއި ދެކޮޅަށް ކުޅޭނީ އަވޭގައެވެ. ވޭތުވެދިޔަ ދެސީޒަންގައިވެސް ލީގު މެޗަކުން ހޯމްގައި ލިވަޕޫލްބަލިވެފައި ނުވާއިރު، މިއީ ކްލަބުގެ ތާރީޚުގައިވެސް ހޯމް މެޗަކުން ބަލިނުވެ ލިވަޕޫލް ޖެހި ޖެހިގެން ތިން ސީޒަން ނިންމާލި ފުރަތަމަ ފަހަަރެވެ.

ރޭގެ މެޗަށްފަހު ލިވަޕޫލަށް ޓްރޮފީ ހަވާލް ކުރީ އެ ޓީމުގެ ލިޖަންޑް ސާރ ކެނީ ޑަލްގިޝްއެެވެ. ޑަލްގިޝް އަކީ ލިވަޕޫލް އެންމެ ފަހުން 1990 ވަނަ އަހަރު ލީގު ކާމިޔާބު ކުރިއިރު އެ ޓީމުގެ މެނޭޖަރެވެ. ޓްރޮފީއާ ޙަވާލުވީ ލިވަޕޫލްގެ ކެޕްޓަން ހެންޑަރސަން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން