މީހަކާ ރައްޓެހިވާން ވިސްނާއިރު، ފުރަތަމަ ދުވަސްކޮޅު ތިމާ ދެކެ އެމީހަކު ގަޔާވާކަން ޔަގީން ކުރުމަކީ މުހިއްމުކަމެކެވެ. އެހެންނަމަވެސް އަހަރެމެންގެ ތެރެއިން މިކަން ދެނެގަންނަން ގިނަ މީހުންނަކަށް ނޭނގޭނެއެވެ.

ގަޔާވާ މީހަކު ފުރަތަމަ ފެނިލުމުންވެސް އެމީހަކަށް ހިތްކިޔަންފަށާފާނެއެވެ. އެ އިޙްސާސް ތިމާއަށް ކުރެވިގެންދާނެއެވެ. އެހެންނަމަވެސް ފުރަތަމަ ދުވަސްކޮޅު އެ އިހުސާސްތައް ފޮރުވޭތޯ މަސައްކަތްކުރާނެއެވެ. ނަމަވެސް، އެމީހަކުވެސް ތިމާއަށް ޝައުޤުވެރިކަން ހުރެއްޖެނަމަ އެމީހަކަށްވެސް އެއިހްސާސްތައް ކުރެވި ގިނަފަހަރަށް ތިމާގެ އެއިހްސާސްތައް ދެނެގަންނާނެއެވެ.

ތިމާ ހިތްއެދޭ މީހާ، ތިމާއަށް ހާއްސަ ސަމާލުކަމެއް ދޭކަން އެމީހެއްގެ އިޝާރާތްތަކުންނާއި ޢަމަކުތަކުން ބަޔާންކޮށްދޭއިރު އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް އެމީހާގެ އިހްސާސްތައް ދަނެގަންނަން ނޭނގެއެވެ.މި ލިޔުމުގައި މި ހިމަނާލަނީ ތިބާ ދެކެ ގަޔާވާ މީހަކު އެކަން ހާމަކުރަން ބޭނުންނުވިޔަސް، އޭނާ ގަޔާވާ މީހާ ކުރިމަތީގައި ބޭއިޚްތިޔާރުގައި ދައްކާނެ ބައެއް އިޝާރާތްތަކެކެވެ.

* ހަތަރު ކަޅި ހަަމަކުރުން

"ލޮލުގެ ޖަޒުބާތުން ގަތުލު ނުކުރާށޭ، ހިތުގެ ވެރިޔާއޭ،" މިއީ ލަވައެެއްގެ ކުޑަކުޑަ ތަންކޮޅެކެވެ. އެހެން ނަމަވެސް، މި މަދު ލަފުޒުތަކަކުން އެކަނިވެސް ޅެންވެރިޔާ ބުނެދޭން އުޅޭ އެއްޗެއް ވަރަށް ސާފެވެ.

ތިބާއާއި ގިނަގިނައިން ހަތަރު ކަޅިހަމަކުރުމަކީ ނުވަަތަ ސިއްރުން މޫނަށް ބެލުމަކީ ތިމާއަށް މީހަކު ޝައުގުވެރިވާކަން އަންގައިދޭ އިޝާރާތެކެވެ. ފިރިހެނަކު ތިމާދެކެ ގަޔާވާ ކަމަށްވާނަމަ، އާންމުކޮށް އޭނާ ބަލާ ވަރަށްވުރެ ބޮޑަށް ތިބާއާއި ހަތަރު ކަޅި ހަމަކުރާ ވަރު ގިނަވާނެއެވެ. އަދި ގިނައިން ބަލާނެއެވެ. އެގޮތަށް ބެލެނީ، ތިބާގެ ހިތު ތެރޭގައި ވާ ކަންތައްތައް ދެނެގަނެވޭތޯ މަސައްކަތް ކުރެވޭތީއެވެ. އަދި ތިބާއާއި ދިމާލަށް އަމާޒުވާ ހިނިތުންވުން އިތުރުވެސް ވާނެއެވެ.

މިސާލަކަށް ގިނަ މީހުން ތިބި ތަނެއްގައިވެސް، ތިބާދެކެ ޝައުގުވެރިވާ ފިރިހެންމީހާ ވާހަކައެއް ހިއްސާކުރާ ކޮންމެ ފަހަރަކު ތިބާއާއި ދިމާލަށް ނަޒަރު ހިންގާނެއެވެ. ކިތަންމެ ގިނަ ބައެއްގެ ތެރޭގައިވެސް އޭނާގެ ނަޒަރު ތިބާއާ ދިމާއަށް އަމާޒުކޮށްލަނީ ތިބާ ދެކޭގޮތާއި ތިބާގެ ރުހުން ހޯދުމުގެ ނިޔަތުގައެވެ. މިއީ އޭނާއަށް ތިބާގެ ޚިޔާލު އަގުހުރިކަމުގެ ނިޝާނަކަށް ވެދާނެއެވެ. އެހެންނަމަވެސް، މިހިސާބުން މީހަކަށް މީހަކު ވަރަށް ބޮޑަށް ގަޔާވާ ކަމަށް ނިންމައިގެން ނުވާނެއެވެ.

'* ބޮޑީ ލެންގުއޭޖް'

އިންސާނާގެ ސިއްރުތައް ދުލުން ހިފެހެއްޓިދާނެއެވެ. އެހެނަސް، އޭނާ ކިތަންމެ މަސައްކަތްކުރިޔަސް، ހަށިގަނޑުގެ 'ބޮޑީ ލެންގުއޭޖް' ނުވަތަ ހަށިގަނޑުގެ ހަރަކާތްތަކުން ބޭއިޚްތިޔާރުގައިވެސް އޭނާގެ އިހުސާސްތައް ދައްކުވައިދޭނެއެވެ. ތިމާ ދެކެ ގަޔާވާ މީހަކަށް ނޭނގި ނަމަވެސް، ތިބާއާއި ވާހަކަދައްކާ ގަޑީގައި ތިބާގެ ހަރަކާތްތައް ނަކަލު ކުރެވޭނެއެވެ. އަދި ވާހަކަދައްކާއިރު، އަތްތިލަ ހުރަސް ނުކޮށް ހުޅުވާފައި ބަހައްޓާނެއެވެ. މީގެ އިތުރުން އޭނާގެ މޫނުގައި ނުވަތަ އިސްތަށިގަނޑުގައި ގިނައިން އަތްލާނެއެވެ. އަދި ވާހަކަދައްކާ ގަޑީގައި އުނދަގޫ ނުވާ ވަރަށް ކައިރިވެސް ވާނެއެވެ.

އޭނާގެ ސަމާލުކަން ހުރިހާ ގޮތަކުންވެސް ތިބާއަށް ހުއްޓިފައި ހުންނާނެއެވެ. މިއީ ފަަހަރެއްގައި ރަހުމަތްތެރިކަމާއި ގުޅިގެން ވެވޭ ހަރަކާތްތަކެއް ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް، ހަމަ ގައިމުވެސް، ތިބާއާއި ދޭތެރޭ ޚާއްސަކޮށް ވިސްނާ މީހަކު ތިބާއަށް ވަގުތު ދިނުމަށް އިސްކަންދޭނެއެވެ. ތިބާ ދެކެ ލޯބިވަންޏާ، ތިބާއާއި ގިނަގިނައިން ސަމާސާކޮށްވެސް ހަދާނެއެވެ.

* ތައުރީފުގެ ބަސްތައް ގިނަވުން

ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެޔޭ ބުނާ ހަރުބަހަކީ ތެދެކެވެ. ތިބާ ދެކެ ގަޔާވާ މީހަކު ވާ ލޯތްބެއް ބޮޑުކަމުން، ތިބާ ކުރިމަތީގައި ތައުރީފުގެ ބަސްތައް އަމުނާނެއެވެ. އަދި ތައުރީފު ކުރުުމުގައި އެހެން މީހުންނަށްވުރެ ބޮޑަށް ވިސްނާފައި، ހިތްވަރު ދޭނެއެވެ. މިސާލަކަށް "ހާދަ މޮޅޭ" ބުނުމުގެ ބަދަލުގަައި މޮޅުވީ ކީއްވެކަން ބުނެދޭނެއެވެ.

* ވާހަކަދައްކަން ބަހަނާތައް ހޯދާނެ

އޭނާއަށް ވަގުތުވާ ވަރަަކުން ތިބާއާއިއެކު ވާހަކަދައްކާ ހަދާނެއެވެ. އަދި ފޫހިކަމެއް ނެތި ގިނައިރުވަންދެން ވާހަކަދައްކާ ހަދާނެއެވެ. ވާހަކައިގެ ތެރެއިން ދެމީހުންގެ އެއްގޮތް ކަންތައްތަކަކީ ކޮބާކަން ހޯދާނެއެވެ. ތިބާއަށް ކަމުދާ ކަންތައްތައް ނުބުންޏަސް ކޮށްދޭނެއެވެ.

އެހީއަށް އެދުމުގެ ކުރިން އެހީވާން އިސްނަގާނެއެވެ. އަދި ތިބާ މުސީބާތެއްގައި ޖެހިގެން އުޅޭނަމަ، އެކަމެއް ދެނެގަނެ، ހައްލުކުރަން މަސައްކަތް ކުރާނެއެވެ. މިއީ ތިމާދެކެ މީހަކު ގަޔާވާކަން އަންގައިދޭ ކަންތައްތަކެވެ.

މެސެޖްތަކަށް އަވަސް އަވަހަށް ޖަވާބުދިނުން، އޭނާއަށް ކަމުދިޔަ މީސް މީޑިއާގެ ޕޯސްޓުތައް ތިބާއާއި ހިއްސާކުރުން، ދައްކާ ވާހަކަތަކާއި ގުޅުވައިގެން ސުވާލުކުރުން، މިއީވެސް މިސާލުތަކެކެވެ. އިތުރު ކަމަކަށް، މީސް މީޑިއާގައި ތިބާގެ ނަން ޓެގްކުރުން، ޕޯސްޓުތަކަށް ލައިކް ދީފައި ކޮމެންޓް ކުރުން، މިއީވެސް ގަޔާވާ މީހަކަށް ކޮށްދެވޭ ކަންތައްތަކެވެ.

* ދައްކާ ވާހަކަ ކަނުލާ އަޑުއެހުން

ތިބާ ދައްކާ ވާހަކަތަކުގެ ހުލާސާ ތިބާއަށް ކިޔާދޭން އެނގޭނަމަ، އޭނާ ތިބާއަށް ޝައުގުވެރިކަން ބަހައްޓާ ކަން ވަރަށް ސާފެވެ. އަދި އަޑުއަހައިގެން އޭނާއަށް ފެންނަގޮތް ކިޔާދޭނެއެވެ.

* ރަހުމަތްތެރިންނާއި ބައްދަލުކުރުވުން

ތިބާ ދެކެ ހަޤީޤަތުގައިވެސް ގަޔާވާ މީހަކު ރަހުމަތްތެރިން ކައިރީގައި ތިބާގެ ޒާތީ ނޫން ވާހަކަތައް ދައްކާނެއެވެ. އަދި ތިބާއާއި ބެހޭގޮތުން މަޝްވަރާކުރާނެއެވެ. އެމީހުންނާއި ބައްދަލުވާއިރު އެމީހުންނަށް ތިބާއާއި ބެހޭ މަޢުލޫމާތު ދުރާލާ އެނގުމަކީ އެކަން ހާމަވާ އެއް ކަމެވެ. އެހެން ނަމަވެސް، އެހެން މީހަކު ތިބާއަށް އޭނާ ފަދައިން ޚާއްސަ ސަމާލުކަމެއް ދޭނަމަ، އޭނާ އެކަމާއި ފަހަރެއްގައި ހިތްނުތަނަވަސްވެދާނެއެވެ. ލޯބީގައި ހަސަދަވެރިވުމަކީ ޢާންމު ކަމެކެވެ.

* ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބަދަލު އައުން

ތިބާއާއި ބައްދަލުކުރާ ދުވަހެއްގައި ހެއަރ ސްޓައިލަށް ނުވަތަ ހެދުން އެޅުމަށް ބަދަލުތަކެއް އައުން ފަދަ ކަންތައްތައް އެއީ ތިބާ ދެކެ ގަޔާވާކަމުގެ އެެއް ހެއްކެވެ. ލޯބިވާ މީހެއްގެ ރުހުން ހޯދުމަށް އޭނާއަށް ކަމުދާހެން ހީވާނެ ގޮތަކަށް ހެދުން އަޅަން ބައެއް މީހުން ޚާއްސަ ސަމާލުކަމެއް ދެއެވެ.

* ކަންކަމުގައި އޭނާގެ މަސްލަަހަތަށްވުރެ ބޮޑަށް ތިބާއަށް އިސްކަންދިނުން

ލޯބި ހާސިލުކުރަން ބޭނުންވާނަމަ، ގުރުބާނީތަކެއްވެސް ވާންޖެހޭނެއެވެ. މިސާލަކަށް، އޭނާއަށް އޭނާގެ ނިދި މުހިންމުވިޔަސް، ތިބާ ބޭނުންވާ ކަމެއް ކުރަން، ފަތިހު ހޭލައިގެން އެކަމާއި އުޅޭނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން