ފަލަސްތީނަށް ތާއިދުކުރާ ހޮލީވުޑްގެ ބައެއް ތަރިންނަށް ހޮލީވުޑްގެ ފިލްމު އިންޑަސްޓްރީން ފިއްތުންތައް ކުރިމަތިކުރަން ފަށައިފިއެވެ.

ފަލަސްތީނާއި އެއްކޮޅަށް ވާހަކަދެއްކި ހޮލީވުޑްގެ ދެ ތަރިންނާއި ދޭތެރޭ މި ހަފްތާގެ ތެރޭގައިވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

އެކެޑެމީ އެވޯޑް ހާސިލުކޮށްފައިވާ ސޫސަން ސަރަންޑޮންގެ އެޖެންސީ، ޔުނައިޓެޑް ޓެލެންޓް އެޖެންސީ (ޔޫޓީއައި) އިން ވަނީ އޭނާ ތަމްސީލުކުރުން ހުއްޓާލާފައެވެ.

"ޣައްޒާގައި ހިންގާ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަން ފަލަސްތީން ރައްޔިތަކަށް ވާކަށް ނުޖެހޭ" ނޮވެމްބަރު މަހުގެ ކުރީކޮޅު ވޮޝިންޓަން ޑީސީގައި ބޭއްވި މުޒާހަރާގައި ފަލަސްތީނުގެ ފެމިނިސްޓް ކަލެކްޓިވްގެ މެމްބަރުންނާއި އެއްކޮޅަށް އޭނާ ވަނީ އަޑު އުފުލާފައެވެ. އަދި މުސްލިމުން މަދު ތަންތާނގައި މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ޚިޔާލު ފާޅުކުރުމާއި ގުޅިގެން ޔޫޓީއައި އިން ވަނީ އޭނާއަކީ ޔަހޫދީންނަށް ގެއްލުން ވުމަށް އެދޭ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ.މަޝްހޫރު ބިރުވެރި ފިލްމު ފްރެންޗައިޒް "ސްކްރީމް" ގައި ހަރަކާތްތެރިވާ މެލީސާ ބަރޭރާއާއި އެފިލްމު ޕްރޮޑިއުސްކުރާ ސްޕައި ގްލާސް މީޑިއާ ގްރޫޕާއެކު ހަދާފައިވާ ކޮންޓްރެކްޓްވެސް އުވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

މެލީސާއާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލުމުގެ ސަބަބުން އެ ފިލްމު ފްރެންޗައިޒްއާއިއެކު އެއްބަސްވުން ހަދާފައިވާ ބަތަލާ ޖެނާ އޯޓެގާ ވަނީ އެ ފިލްމުގައި ހަރަކާތްތެރިވާން އިންކާރުކޮށްފައެވެ. ޖެނާއަކީ އަބަދުވެސް ފަލަސްތީނާއި އެއްކޮޅަށް ވާހަކަދައްކަމުންދިޔަ މަޤްބޫލު ތަރިއެކެވެ.

މެލީސާއާއި ދެކޮޅަށް ފިޔަވަޅު އެޅީ އިޒްރޭލުން ފަލަސްތީނުގައި ހިންގަނީ "ގަތުލުޢާންމެއް" ކަމަށް ލިޔެ، އިންސްޓަގްރާމްގައި ޚިޔާލު ފާޅުކުރުމުންނެވެ. އަދި ހަނގުރާމަ ހުއްޓާލަން ގޮވާލާ ޕޯސްޓްތައް ތަކުރާރުކުރުމުންނެވެ.

މި ނޫންވެސް ވަރަށް ގިނަ ހޮލީވުޑް ތަރިން، ފަލަސްތީނާއި އެއްކޮޅަށް އަޑު އުފުލުމުން، ސަޕޯޓަރުންގެ ނުރުހުންވުން ލިބި މީސް މީޑިއާގައި ފޮލޮވާސް ގެއްލުންފަދަ ކަންކަމާއި ކުރިމަތިލާން ޖެހިފަވެއެވެ.

މި ފަހުން ބޭއްވި ބަފްތާ އެވޯޑް ހަފްލާ ބްރޯޑްކާސްޓްކުރި ބީބީސީން ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލި ތަރިންގެ ބައިތައް އެޑިޓްކޮށް ސެންސަރު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން