މޫނުގައި އެކި ވައްތަރުގެ ކްރީމްތައް އުނގުޅުމާއި ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ހަންގަނޑަށް އަޅާލުމަކީ ހަމައެކަނި އަނެހެނުންނަށް އޮތްކަމެއްކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެހެންނަމަވެސް މިވިސްނުމަކީ ބަދަލުކުރަންޖެހިފައިވާ ގޯސްވިސްނުމެކެވެ.

އަންހެނުންކޭ އެއްފަދައިން ފިރިހެނުންވެސް ތިމާގެ ހަޑިގަނޑަށް ފަރުވާތެރިވެ އަޅާލާންޖެހޭނެއެވެ. ހަންގަނޑަށް އަޅާލައި ހަމުގެ ރީތިކަމާއި ދޮޅަހެޔޮ ޞިއްހަތެއްގައި ދެމިހުރުމަށް ފަރުވާތެރިވާންޖެހެއެވެ. އެހެންނަމަވެސް ރީތިވުމަށް އަނބިމީހާ ނުވަތަ ދައްތަގެ ފޭސްވޮޝް ބޭނުން ކުރުމުގެ ބަދަލުގައި ފިރިހެނުންނަށް ޚާއްސަ ފޭސްވޮޝް ފަދަ ތަކެތި ބޭނުންކުރާށެވެ.

އެއީ ފިރިހެނުންގެ ހަންގަނޑު އަންހެނުންގެ ހަމަށްވުރެ ހަރުވެފައި ފިރިހެނުންގެ މޫނުގެ ހަމުން ތެޔޮއުފައްދައިދޭ މިންވަރުވެސް އެތަށް ގުނައަށް އިތުރުވުމުންނެވެ. ފިރިހެނުންނާއި އަންހެނުންނަށް ހާއްސަކޮށް ތަފާތު ކްރީމާއި ސޭރަމް އަދި ލޯޝަން ވަކިވަކިން އުފައްދާފައި ހުންނަނީ މިސަބަބާހުރެއެވެ.މިހާހިސާބުން މިބަލާލަނީ ފިރިހެނުންގެ މޫނުގެ ހަންގަނޑަށް ދިމާވާ މައްސަލަތަކަށެވެ.

1. ހަންގަނޑު ތެޔޮވުމާއި ބިހިނެގުން:

ފިރިހެނުންގެ ހަންގަނޑުން އަންހެނުންގެ ހަމުން އުފައްދާ މިންވަރަށްވުރެ ގިނައިން 'ސީބަމް' ނުވަތަ ތެޔޮ އުފައްދައެވެ. އެއީ ސީބަމް އުފައްދާ ހޯމޯން ޓެސްޓަސްޓްރޯން ފިރިހެނުންގެ ހަށިގަނޑުގައި ގިނަވުމުންނެވެ. ފިރިހެނުންގެ މޫނުގައި ގިނައިން ބިހިނަގަނީ ހަންގަނޑު ތެޔޮވެފައި ހުރުމުގެ ސަބަބުންނެވެ. ވަކިން ޚާއްސަކޮށް ފުރާވަރަށް އެޅުމުން ފިރިހެން ކުދިންގެ މޫނުގައި ބިހިނެގުން އިތުރުވަނީ މިސަބަބަށްޓަކައެވެ.

2. ރޭޒާއިން ހަލާކުވުމާއި 'އިންގްރޯން ހެއާ'

ތުނބުޅި ބޭލުމާއި ތުނބުޅި އެއްވަރުކުރުމުގެ ތެރެއިން ރެޒާއިން ހަންގަނޑު ހަލާކުވެއެވެ. މިތަންތަނުން ވަރަށް ބޮޑަށް ދިލަނަގައި އަދި ހަންގަނޑު ހަލާކުވެއެވެ. އަދި ރޭޒާ ބޭނުންކުރާ ގިނަބަޔަކަށް 'އިންގްރޯން ހެއަރ'ގެ މައްސަލަ ދިމާވެއެވެ. މިއީ ހަންގަނޑުގެ އެތެރެއަށް އިސްތަށި އުފެދުމަށް ކިޔާނަމެކެވެ. މިހެންވުމުން ހަންގަނޑުގެ ބޭރުން ކަޅުތިކިތަކެއް މޫނުގައި އުފުލިފައި ހުރެއެވެ. މިތަންތަނަކީ ހަންގަނޑުން އެއިސްތަށިތައް ނެރެ ސާފުކުރަންޖެހޭނެ ތަންތަނެވެ. އެހެން ނޫންނަމަ އެތަނުގައި އިންފެކްޝަން އުފެދުމަކީ އެކަށީގެންވެއެވެ.

3. 'ޕޯސް' ބޮޑެތިކޮށް ހުޅުވިފައި ހުރުން:

ބައެއް މީހުންގެ މޫނުގައި، ވަކިން ޚައްސަކޮށް ކޮލުގައި ކުދިކުދި ބާހެދިފައިހުންނަހެން ހަންގަނޑު ހަރުކޮށް، އޮމާންކަމެއް ނެތި ހުރެއެވެ. މިއަށް ކިޔަނީ 'އެންލާޖްޑް ޕޯސް'އެވެ. ހަންގަނޑުގައި ބާ ހުންނާނެއެވެ. އެހެންނަމަވެސް ސީބަމް އުފެދުން އިތުރުވެ ހަންގަނޑުގައި ހުންނަ މިކުދިކުދި ލޯވަޅުތައް ބޮޑުވުމުން ހަމުގެ ރީތިކަން ގެއްލެނީއެވެ.

4. ހަންގަނޑު ކުރަކިވުން:

އާއްމުކޮށް ފިރިހެނުންގެ ހަންގަނޑުގައި ތެޔޮކަން އިތުރުކޮށް ހުންނަނަމަވެސް ބައެއް މީހުންގެ މޫނާއި އަތްތިލައިގައި ކުރަކިވުމުގެ މައްސަލަވެސް ދިމާވެއެވެ. ހަންގަނޑަށް ރަނގަޅު ނޫން ކެމިކަލްތައް އެކުލެވޭ ސައިބޯނި ބޭނުން ކުރުމުން މިހެން ދިމާވެއެވެ.

5. މައަވަހަށް މުސްކުޅިވުން:

އަންހެނުންނާއި އަޅާބަލާއިރު ފިރިހެނުންގެ މޫނުގައި މާއަވަހަށް ރޫޖެހި ހަންގަނޑަށް ބަދަލުތައް އަންނަން ފަށައެވެ. މިހެންދިމާވަނީ އަންހެނުންގެ ގައިގައި ގިނައިން އުފައްދާ އެސްޓްރޮޖިން ކިޔާ ހޯމޯން، ފިރިހެނުންގެ ހަށިގަނޑުގައި އުފެދުން މަދުވުމުން ހަންގަނޑުގެ އިލާސްޓިސިޓީއަށް އަސަރުކުރާތީއެވެ. އިލާސްޓިސިޓީއަށް އަންނަ ބަދަލުތަކުގެ ސަބަބުން އަންނަ ބަދަލުތަކަށް ގިނަ ފިރިހެނުން ފަރުވާތެރި ނުވުމުގެ ނަތީޖާއަކަށް ވެގެންދަނީ މިހާ މުސްކުޅިވުމެވެ. އަދި މީގެ އިތުރުން ގިނަވަގުތު އަވީގައި އުޅުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަކީވެސް ފިރިހެނުން މާއަވަހަށް މުސްކުޅިވާން ދިމާވާ ސަބަބެކެވެ.

ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ފިރިހެނުންނަށް ކުރެވިދާނެ ކަންކަން

1. މޫނު ރަނގަޅަށް ދޮވުން:

ފިރިހެނުންނަށް ޚާއްސަ ފޭސް ވޮޝްއެއް ބޭނުންކޮށްގެން ހެނދުނާއި ރޭގަނޑު އާދަކޮށް މޫނު ރަނގަޅަށް ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ.

2. އެކްސްފޯލިއޭޓްކުރުން:

މިއީ ހަންގަނޑުގައި ހިފާފައި ހުންނަ ހަޑިތައް ރަނގަޅަށް ސާފުކުރުމަށްޓަކައި މޫނުގައި ކޮންމެވެސް ސްކްރަބްއެއް ނުވަތަ މޫނުގެ ހަންގަނޑު ސާފުކުރުމަށް ހުންނަ ފޮތިކޮޅަކުން ރަނގަޅަށް މޫނުގައި އުނގުޅައި ސާފުކުރުމެވެ. ހަފްތާއަކު 1 ފަހަރު މިހެން ސާފުކުރުމަށް އާދަކުރަންވާނެއެވެ.

3. މޮއިސްޗަރައިޒް ކުރުން:

ހަންގަނޑު ކުރަކިވިޔަ ނުދިނުމަށްޓަކައި ހަންގަނޑުގައި ކްރީމްއެއް ނުވަތަ ތެތްކަން ބެހެއްޓުމަށްޓަކައި އުނގުޅާ މޮއިސްޗަރައިޒަރއެއް އުނގުޅުމަކީ މޮއިސްޗަރައިޒްކުރުމެވެ. ކޮންމެ ދުވަހަކުވެސް މޫނު ދޮވެ ރަނގަޅަށް ހިއްކުމަށްފަހު މިފަދަ ބާވަތެއް މޫނުގައި އުނގުޅާލަންވާނެއެވެ.

4. ސަން ސްކަރީން:

އިރުގެ ނުރައްކާތެރި ދޯދިތަކުން ހަމަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ސަން ސްކްރީން ބޭނުންކުރުން ވަރަށް މުހިންމެވެ. މިގޮތުން އެސް.ޕީ.އެސް 30 ނުވަތަ އެއަށްވުރެ މަތީގެ އެސް.ޕީ.އެސް ހުންނަ ސަންސްކްރީންއެއް ޚިޔާރު ކުރާށެވެ.

އެހެންކަމުން އަނބިމީހާ ނުވަތަ ދައްތަގެ 'ފޭސް ވޮޝް' ނަގައިގެން މިކަން ހައްލުވީކަމަށް ނުބަލާށެވެ. ފިރިހެނުންނަށް ޚާއްސަ ޕްރޮޑަކްޓްތައް ބޭނުން ކުރުން މުހިންމެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން