އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން 2021ވަނަ އަހަރުގެ ސަރޕްލަސް ބެހުމަށް ކަނޑައަޅާ، ސަރޕްލަސް ލިބުމަށް ޝަރުތު ހަމަވާ ބައިވެރިން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވާލައިފިއެވެ.

ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2021 ވަނަ އަހަރުގެ ސަރޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ 22 ނޮވެމްބަރު 2023 ގައެވެ.ސަރޕްލަސް ބެހުމަކީ ކޮބާ؟

އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލް ބިނާވެގެންވަނީ ޝަރީޢާ ހުއްދަކުރާ މުޢާމަލާތެއްކަމުގައިވާ "ވަކާލާ" މޮޑެލްގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި، ބައިވެރިވާ ފަރާތް (ޕާރޓިސިޕަންޓް) ތަކާފުލް ޕްލޭންގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކާލާ ފީ އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު "ބައިވެރިންގެ ފަންޑު" ގައި ބަހައްޓައި ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ. މިގޮތުން، ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލްއިން ނަގާ ވަކާލާ ފީ ހުންނާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓަރ" ފަންޑުގައި އަދި އެފަންޑުން ހޭދަކުރާނީ އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށެވެ. އަދި ބައިވެރިންނަށް ލިބޭ އެކި ގެއްލުންތަކަށް ބަދަލުދެވިގެން ދާނީ ބައިވެރިންގެ ފަންޑުގައި ހުންނަ ފައިސާއިންނެވެ.

ސަރޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ގޮތުގައިދޭ ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު/ތަކާފުލް ފަންޑު" އިން ސީދާ ތަކާފުލްއާއި ގުޅޭ ޚަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ޚަރަދުތައް) އުނިކުރުމަށްފަހު، ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. މިފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭވެސް ކިޔައެވެ.

މިގޮތުން، އާންމު އުސޫލުން ސަރޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ، ސަރޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތްތަކުގެ ތެރެއިން ޚިދުމަތެއް ނަންގަވައި، ސަރޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު "2120"ވަނަ އަހަރުގައި ބަދަލަށް (ކްލެއިމްއަށް) އެދި ހުށައަޅާފައި ނުވާ ފަރާތްތަކެވެ.

އެގޮތުން ސަރޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެފައިސާ ޖަމާކުރެވޭނީ އަޔާދީ ތަކާފުލްއަށް ޙިއްޞާކޮށްފައިވާ އެފަރާތެއްގެ ބޭންކު އެކައުންޓަށެވެ. މިގޮތުން، އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުމަށް އަދި ސަރޕްލަސް ލިބޭ ބައިވެރިއެއްކަން ޔަޤީންކުރެއްވުމަށް އެލައިޑް ވެބް ޕޯޓަލް، ( މައިއެލައިޑް )ގެ "ޗެކް ސަރޕްލަސް އެލިޖިބިލިޓީ" ޓެބުން ނުވަތަ އެލައިޑް މޯބައިލް އެޕް އަދި ކަސްޓަމަރ ފްރަންޓު އޮފީސް، (ހ.އޯކިޑް، އަމީރު އަހުމަދު މަގު) އަށް ވަޑައިގެންނާއި ކަސްޓަމަރ ކެއަރ ނަންބަރު 1600 އަށް ގުޅުއްވައިގެންވެސް އެމައުލޫމާތު ސާފުކުރެއްވޭނެއެވެ. ސަރޕްލަސް ފައިސާ ޖަމާކުރުމަށް މިހާރު ޙިއްޞާކޮށްފައިވާ އެކައުންޓް ބަދަލުކުރަން ބޭނުންވެލައްވާނަމަ، އެންމެ ބައިވެރިއެއްގެ ގޮތުގައި ނަގައިފައިވާ ސެޓްފިކެޓްތަކުގެ ވެރިފަރާތްތަކަށް މައިއެލައިޑް ވެބް ޕޯޓަލް އަދި އެލައިޑް މޯބައިލް އެޕް އިން އެ މަޢުލޫމާތުތައް ބަދަލުކުރެއްވޭނެއެވެ.

އަޔާދީ ތަކާފުލްއިން މައުލޫމާތު ދެއްވާ ގޮތުގައި ސަރޕްލަސްއަށް އެދި ހުށައަޅަންޖެހޭ ސުންގަޑިއަކީ 21 ޖަނަވަރީ 2024ގެ، 16:00 ގެ ކުރިންނެވެ. ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ލިބިވަޑައިގަންނަވާނީ އަޔާދީ ތަކާފުލްގެ ވެބްސައިޓުންނާއި ކަސްޓަމަރ ފްރަންޓު އޮފީހުންނެވެ. ފޯމް ހުށައަޅަން ބޭނުންފުޅު ނުވާނަމަ، އޮންލައިން ޕޯރޓަލް "މައިއެލައިޑް" މެދުވެރިކޮށްވެސް ސަރޕްލަސްއަށް އެދެވިދާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

އަޔާދީ ތަކާފުލްގެ 2021 ވަނަ އަހަރުގެ ސަރޕްލަސްއަށް ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން އެކަމަށް އެދި ހުށަނާޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ބައިވެރިންގެ ފަންޑަށް އަނބުރާ ރައްދުކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން