މި ސަރުކާރުގެ ދުވެލި ހިނގާނީ "މުޢިއްޒު ދުވެލީގައި" ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.

"ވިޒިޓާ އިކޮނޮމީ ކައުންސިލް" ގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޙަލީލް ވިދާޅުވީ މި ސަރުކާރަކީ ނޫސްވެރިންނާއި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ސަމާލުކަންދެއްވާނެ ސަރުކާރެއް ކަމަށެވެ.

"އަޅުގަނޑުމެން 17 ނޮވެމްބަރގައި ފެށި މިދަތުރު ހުންނާނީ މުޢިއްޒު ދުވެލީގައި. މުޢިއްޒު ދުވެލީގައި އަޅުގަނޑުމެން ސަރުކާރު ހިނގަމުންދާނީ. އަޅުގަނޑުމެން ހުކުރެއް ހޮނިހިރެއް، ބަންދެއް ނެތި ވަޒީރުންނާއި ވެރިންނާއި ޗެއާމަނުންނާއި ޢައްޔަންކުރެއްވި ހުރިހާ ބޭފުޅުން މަސައްކަތްކުރައްވާނީ." ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި އެހެން ވެރިންނާއި ތަފާތުވާނެ ކަމަށެވެ.

ސަރުކާރުން ކުރާ ކަންތައްތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަކީ ރައީސް މުޢިއްޒުގެ ވައުދެކެވެ. އެހެން ކަމުން، ޚަލީލް ވިދާޅުވީ ވީހާވެސް ގިނަގިނައިން ޕްރެސް ކޮންފަރެންސްތައް ރައީސް އޮފީހުން ބާއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން