ގޭތެރޭގެ މަސައްކަތްތައް ގިނަވެގެން އުޅުމުން ބައެއް މަސައްކަތްތަކުގައި ވާންޖެހޭ ވަރަށް ފަރުވާތެރި ނުވެވެއެވެ. އެއްކަމެއް ކޮށް ނުނިމިގެން އުޅޭއިރު އަނެއް ކަމެއް އަބަދުވެސް އޮންނާނީ ކުރަންޖެހިފައެވެ. އެހެންކަމުން ކަންކަން އަވަހަށް ނިންމަން އުޅުމުގެ ތެރޭގައި ފަރުވާކުޑަކުރެވެނީއެވެ. ނަމަވެސް ބައެއް ކަންކަން ކުރުމުގައި ދެ ތިން އުކުޅެއް ބޭނުންކުރުމުން ފަހުން އެމަސައްކަތަކާއި ގުޅިގެން ވިސްނަންޖެހޭ އެތައްކަމެއް ނުކޮށްދޫކޮށްލުމުގެ އިޚްތިޔާރު ލިބިގެންދެއެވެ.

ތިރީގައި މިވަނީ މިގޮތަށް ތިބާއަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

1. ބެޑްޝީޓް ފައްޖެހުން:

ބެޑްޝީޓްތައް ފައްޖެހުމަށްފަހު އެންމެ ބޮޑަށް ވަގުތު ހޭދަވާ ކަމަކީ ބެޑިން ސެޓެއްގެ ހުރިހާ އެއްޗެއް އެއްތަނަކުން ހޯދުމެވެ. އެންމެ ފަހުން އެއް ބާލިސް އުރަ ހޯދަން މާގިނައިރު ނެގުމުން ނުގުޅޭ އުރައެއް ލައްވައި މަސައްކަތް ނިންމާލެވެއެވެ. މިކަމަށް އޮތް އެންމެ ފަސޭހަ ހައްލަކީ ފައްޖެހުމުގައި އެއް ބެޑިން ސެޓުގެ ހުރިހާ ބަޔެއް ރީތިކޮށް ފައްޖެހުމަށްފަހު ކޮންމެވެސް އެއް ބާލިސް އުރައަކަށް ލުމެވެ. އޭރުން ބެޑިންސެޓްގެ ބައިބައި ގެއްލިގެން ހޯދާކަށް ނުޖެހޭނެއެވެ.

2. ކާތަކިން ޖެހޭލައް ފިލުވުން:

ބަދިގެތެރޭގައި އުޅޭއިރު، އެޕްރަން އަޅައިގެން އުޅުމަކީ އަޅުގަނޑުމެންގެތެރެއިން ގިނަ ދިވެހިންނަށް އަދިވެސް ވަރަށް ބީރައްޓެހި ކަމެކެވެ. އަދި ބަދިގެތެރޭގައި ރިހަ ކެއްކުމުގައި ނުވަތަ ކުޅިމަސްފަދަ އެއްޗެހި ތައްޔާރުކުރާއިރު، އޭގެއިން އެތިކޮޅެއް ބުރައިގެންގޮސް ލައިގެން ހުންނަ ހެދުމުގައި ޖެހުން އެއީ އާއްމުކަމެކެވެ. ބުރައިގެންދިޔުމުން ހެދުމުގައި އެޖެހޭ ރީނދޫ ލައްގަނޑު އެއީ ފިލުވާލަން އެހާ އުނދަގޫކަމެކެވެ. އެހެންކަމުން މިގޮތަށް ހުންނަ ތަންތަން ފެލިވާލުމަށް ވައިޓްބޯޑު ޗޯކު ކޮޅެއް ހިމުންކޮށްލައި ލައްތަކުގައި ހާކާށެވެ. އަދި 12 ގަޑިއިރުވަންދެން ބާއްވާށެވެ. ދެން ރަނގަޅަށް އުނގުޅާލުމަށްފަހު އެހެންޏާވެސް ދޮންނަ ފަދައިން ދޮވެލާށެވެ. އޭރުން އެލައްތައް ފިލާނެއެވެ. އެހެންނަމަވެސް މިކަމަށް ވުރެ އެންމެ ބުއްދިވެރިގޮތަކީ ބަދިގެތެރޭ ކެއްކުމުގައި މަސްއޫލުވެގެން އުޅޭއިރު އެޕްރަން އަޅައިގެން އުޅުމެވެ.

3. ފެންފުޅިން ނުބައިވަސް ފިލުވުން:

ބޭކިން ސޯޑާގެ 3 ސަމްސާވަރު ފުޅިއަށް އެޅުމަށްފަހު ތާފަނާ ފެން އަޅައި ބަހައްޓާށެވެ. އަދި ގަޑިއިރެއްވަރު ކޮށްލުމަށްފަހު ރަނގަޅަށް ދޮވެލާށެވެ. އޭރުން ފުޅީގައި ހުންނަ ނުބައިވަސް ކެނޑިދާނެއެވެ.

4. ކާޕެޓްގައި ހުންނަ އަޑިތަންތަން:

އަޅުގަނޑުމެންގެތެރޭގައި ކޮޓަރީގެ ޑިޒައިންނަށާއި ފަރުނީޗަރު އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރެއެވެ. މިގޮތަށް އެނދު އަލަމާރިފަދަ ބުރަދަންހުންނަ ބޮޑެތި ފަރުނީޗަރު ބަދަލު ކުރާއިރު ފަރުނީޗަރެއްގެ ފައިކަށި ކާޕެޓްގައި ޖެހިފައިހުންނަބައި އަޑިވެފައި ހުރެއެވެ. އަދި ގޭތެރޭގެ އެތުރުން ބަދަލުކޮށްލާއިރު ކާޕެޓުން އެތަންތަން ފެންނަން ހުރުމުން ބަލާލަން ވަރަށް ހުތުރެވެ. އެހެންކަމުން މިފަދަ އަޑިތައް ރަނގަޅުކޮށްލުމަށް އައިސްކިއުބް ނަގައި އެއަޑިތައް މަތީގައި އަތުރާލާށެވެ. އައިސްކިއުބްތައް މެލްޓުވުމުން އަތުން ވިޔަސް އެތަންތަން ރީތިކޮށްލާށެވެ. އޭރުން އަޑިތަންތަން ފިލާފާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން