ރޭ އާސެނަލް އާއި އެސްޓަން ވިލާ ބައްދަލު ކުރި މެޗުގެ ތެރެއިން
ރޭ އާސެނަލް އާއި އެސްޓަން ވިލާ ބައްދަލު ކުރި މެޗުގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ވަޓްފޯޑްގެ މައްޗަށް ކުރި ހޯދި އިރު، އެސްޓަން ވިލާ އަތުން ބަލިވެ އާސެނަލް 10 ވަނައަށް ވެއްޓިއްޖެއެވެ.

ރޭ ވަޓްފޯޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ. މިވަގުތު ތާވަލުގެ 18 ވަނައިގައި 34 ޕޮއިންޓާ އެކު އޮތް ވަޓްފޯޑަށް ރޭގެ ބައްޔާއެކު ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތްވުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.

އެ ޓީމުގެ ކުރީގައި ހަމަ އެދަދަށް ޕޮއިންޓް ހޯދައިގެން ރެލިގޭޝަނުން ބޭރުގައި އޮތީ ރޭ އާސެނަލްގެ މައްޗަށް ކުރި ހޯދި އެސްޓާންވިލާއެވެ. އެސްޓަން ވިލާއަށް ދަރަޖައިގެ ކުރިއެރުން ލިބެނީ ފައިދާ ގޯލުންނެވެ. މި ދެ ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތުމާ އެކު ލީގުގެ މަގާމު ޔަގީންވާނީ އެންމެ ފަހު މެޗުގެ ނަތީޖާއަށްފަހު އެވެ.

ރޭގެ މެޗްގައި ސިޓީ އިން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންގް އެވެ. ސިޓީގެ ތިންވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ޒުވާން މިޑްފީލްޑަރު ފިލް ފޮޑެން އެވެ. ސިޓީގެ ހަތަރު ވަނަ ގޯލު ޖެހީ އައިމެރިކް ލަޕޯޓް އެވެ. މިއީ ކެވިން ޑިބްރޭނާ ނެގި ހިލޭ ޖެހުމަކުން ލަޕޯޓް ބޮލުން ވައްދާލި ގޯލެކެވެ.

މީގެ އިތުރުން، ރޭގެ ބައްޔާއެކު ލީގުގެ ގަދަ ހައެއްގެ އުންމީދުވެސް ގެއްލިފައިވާ އާސެނަލްގެ މައްޗަށް އެސްޓަން ވިލާއިން ކުރި ހޯދި އިރު މެޗުގެ ހަމައެކަނި ގޯލު 27 ވަނަ މިނިޓްގައި ވިލާ އަށް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މަހުމޫދު ޓްރެޒެގޭ އެވެ. ކޯނަރަކުން އައި ބޯޅައެއް ޓައިރަން މިންގްސް ބޮލުން ޖައްސާލުމުން އޭރިއާ ތެރޭގައި ހުރި ޓްރެޒެގޭ އަށް ލިބުމާ އެކު އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ އާސެނަލްގެ އަމިއްލަ ދަނޑުގައި އެސްޓަންވިޔާއިން 1998 ވަނަ އަހަރަށް ފަހު އެ ޓީމު ބަލި ކުރި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން