30 މާރިޗު 2020 - 2:46
17 ވަނަ އެޕިސޯޑް

==========

[ދަރިފުޅާ...ހިނގާ އަވަހަށް ގެޔަށްދާން. ދަރިފުޅު ކީއްކުރަންތަ އެކަނި ބޭރަށް ނިކުތީ. ދަރިފުޅު އެކަނި ބޭރަށް ނިކުތުމަކީ ރަނގަޅު ކަމެއް ނޫން.] ރެކިމަނިކު އަފްރާގެ އަތުގައި ހިފައިގެން ގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

އަފްރާ އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކައި ބައްޕައާއެކު ހިނގައިގެންފިއެވެ.

ޙަޤީޤަތުގައި ރެކިމަނިކު އަފްރާއާ އަރާހަމަވުމާއެކު، އަފްރާއަށް ބާރުފޯރުވަމުންދިޔަ ޖިންނި ދުރަށް ދިޔައީއެވެ.

ޖިންނީގެ ބިރުކުޑަކަމާހުރެ ރެކިމަނިކު ވަރަށް ބޮޑަށް ޙައިރާންވެސްވިއެވެ. ޙަޤީޤަތުގައި ޖިންނީގެ ކިބައިން ތާރާއާއި އަފްރާ ސަލާމަތްކުރަން މަސައްކަތް ކުރާކަން ހަމަ ރަނގަޅަށްވެސް އޭއްޗަށް އެނގޭނެއެވެ.

[ވަރަށް ބިރުކުޑަ އެއްޗެއް ކަމަށް ބެލެވެނީ. މިރޭ އަހަރެމެންނަށް ހޭނުލެވުނުނަމަ އަހަރެމެންނަށް އަފްރާ އަތެއްނުވީސް. ނަޞީބު ރަނގަޅުކަމުން މުއުމިނާއަށް ހޭލެވުނީ.] ރެކިމަނިކު އަފްރާގެ އަތުގައި ހިފައިގެން ގޮސް ގެޔަށް ވަންނަމުން ވާހަކަ ދެއްކިއެވެ.

[ރެކިމަނިކު....މިހާރު ކަންތައް ވަމުންދާގޮތުން އަހަރެން ވަރަށް ބޮޑަށް ބިރުގަންނަން ފަށައިފި. އަވަހަށް ތި އެއްޗެއްގެ ކިބައިން އަފްރާ ސަލާމަތްކުރަން ވެއްޖެއެއްނު. މިރޭ އަހަންނަށް ހޭނުލެވުނުނަމަ ކިހިނެއްވާނެ.] މުއުމިނާ ވާހަކަ ދެއްކީ ވަރަށް ދެރަވެފައި ހުރެއެވެ.

[މިހާރު މިއުޅެނީ މިގޭ އިމުން އެތެރެއަށް އެފަދަ ރޫޙާނީ އެއްޗަކަށް ނުވަދެވޭގޮތް ހަދަން. އެކަމަކު އަފްރާގެ އުނަގަނޑަކު ތަވީދެއް އެޅުވޭކަށްނެތް. ވާނެގޮތަކީ އަފްރާގެ އުނަގަނޑުގައި ތަވީދެއް އަޅުވައިފިއްޔާ، އަފްރާގެ ބަނޑުގައި އަޅާ ވޭން ވަރަށްބޮޑުވާނެ.] ރެކިމަނިކު ބުންޏެވެ.

އެރޭ ރެކިމަނިކުގެ ޚިޔާލު ބަދަލުވެ، އޭނާ ނިންމީ އައްޑުއަށް ނުގޮސް ސީދާ މާލޭގައި ހުރެ ޖިންނި އޭނާގެ ބާރުގެ ދަށަށް ގެންދާށެވެ. ދަރިފުޅުގެ ސަލާމަތަށްޓަކައެވެ.

[މާދަމާ އަހަރެން މަސައްކަތް ފަށްޓާނަން. އަހަރެން މިހާރު ނިންމައިފިން...އައްޑުއަށް ނުގޮސް މީތީގެ ދުވަސް ދުއްވާލަން. އެހެން ނޫނީ މާބޮޑަށް ވަގުތުކުޑަތަންވެދާނެ.] ރެކިމަނިކު ބުންޏެވެ.

އެއީ ޙަޤީޤަތުގައި މުއުމިނާވެސް ބޭނުންވާގޮތެވެ.

[ކުރިންވެސް ތިގޮތް އޮތެއްނު. އެމަންޖެގެ ޙާލަތު ބަލާކަށް އަހަންނަކަށް ކުޅަދާނައެއް ނޫން. މިރޭވެސް ކިރިޔަ ކިރިޔާ އެސަލާމަތްވީ.] މުއުމިނާ ބުންޏެވެ.

ޖެހިގެން އައި ދުވަހުގެރެއެވެ. ރެކިމަނިކު ކިޔެވެލި ކިޔެވުމަށްޓަކައި ޢުމުރުން ދުވަސްވީ އަށެއްކަ މީހުންނާއެކު މަސައްކަތް ފެށިއެވެ. އޭނާ މަސައްކަތް ކުރަމުންދާއިރު، ކުރިމަތީގައި ހުރި އެނދުގައި އަފްރާވެސް އޮތެވެ. ހަތަރުވަރަކަށް ޒުވާނުން އަފްރާގެ ގައިގައި ހިފަހައްޓާފައި ތިއްބެވެ.

[އެއްވެސް މީހަކު ބިރުނުގަންނާތި...މިކަހަލަ ކަންކަމަކީ ބިރުގަނެގެން ކުރެވޭނެ ކަމެއް ނޫން.] ރެކިމަނިކު ކުރިމަތީގައި ހުރި އަލިފާން މުށިގަނޑަށް ތަވީދެއް ވައްޓާލަމުން ވާހަކަ ދެއްކިއެވެ.

އެތަވީދު އަލިފާނަށްލުމާއެކު، އަފްރާ ކުރިއަށްވުރެންވެސް ބާރަށް ތެޅިފޮޅެން ފަށައިފިއެވެ.

ހީވާކަހަލައެވެ. ރެކިމަނިކުމެންގެ މަސައްކަތް ކުރިއަށްދާވަރަކަށް އޭނާގެ ބަނޑުގައިވާ ރޫޙާނީ އެތި ނޫނީ ކުޑަ ޖިންނި ބަނޑުން ނިކުންނަން މަސައްކަތް ކުރަނީއެވެ. އެވަގުތު އިތުރަށް އަފްރާ ހިފެހެއްޓުމަށް ރެކިމަނިކު ބުންޏެވެ.

[މިފަހަރު އަހަރެން މިކުރާ މަސައްކަތުން އޭތީގެ މައި އެތި މިގޭތެރެއަށް ފާޅުވާނެ. އެންމެންވެސް ހަމަޖެހިގެން ތިބެންވާނީ.] ރެކިމަނިކު ދެވަނަ ތަވީދުވެސް އަލިފާނަށް ލައިފިއެވެ. އެޔާއެކު ކުރިއަށްވުރެންވެސް ބޮޑަށް އަފްރާ ތެޅެން ފަށައިފިއެވެ.

ކިޔެވެލި ކިޔަވަމުން އެގޮތަށް ހަތް ތަވީދު އަންދާލަން ޖެހޭނެއެވެ. އެ ހަތް ތަވީދާއެކު އަފްރާގެ ބަނޑުގައި އޮތް ކުޑަ ޖިންނި ބޭރަށް ފާޅުވުމުގެ އިތުރުން އޭގެ މައި އެތިވެސް ރެކިމަނިކުގެ ބާރުގެ ދަށަށް ގެނެވޭނެއެވެ.

[އައްދިއްޔޯއި...ބައްޕާ....މަންމާ...އަހަރެންގެ ބަނޑު ފަޅައިގެން ދަނީއެވެ. އަހަރެންގެ ބަނޑުގައި މިއޮތީ ކޯއްޗެއްތަ؟] އަފްރާ ކުރިއަށްވުރެންވެސް ބޮޑަށް ތެޅެން ފެށިއެވެ.

ރެކިމަނިކު އަތުގެ އިޝާރާތުން ބާރަށް ހިފެހެއްޓުމަށްފަހު ތިންވަނަ ތަވީދުވެސް އަލިފާނަށް ލިއެވެ.

އެވަގުތެވެ. ތާރާ ގާތުގައި ކޮޓަރިތެރޭގައި ހުރި އަރުފާން ތެޅިފޮޅެނީއެވެ. ހީވަނީ އޭނާގެ ހަށިގަނޑުގެ އެތަން މިތަނަށް އާދަޔާ ޚިލާފަށް ހޫނުވަމުން ދަނީހެންނެވެ.

[އަރުފާން...ކިހިނެއްވީތަ؟] އަރުފާންގެ ޙަރަކާތްތަކަށް ބަލަން ހުރެފައި ތާރާ ބުންޏެވެ.

[ހަށިގަނޑުން ވަރަށް ގަދަޔަށް ހޫނުއަރަނީ. އަހަންނަކަށް ނޭނގެ...މިވާގޮތެއްވެސް.] އަރުފާން އޭނާ ލައިގެން ހުރި ގަމީސް ބޭލިއެވެ.

[އަރުފާން ފެންވަރަންވީނު. ތިހާވަރަށް ހޫނުވަންޏާ ޖެހޭނެ ޑޮކްޓަރަކަށް ދައްކަން.] ތާރާ އަރުފާން ބޭލި ގަމީސް ކޮނޑުގައި އެޅުވިއެވެ. ތާރާގެ ލޮލުގައި އަނދުން އެޅުވުމުގެ ޤަޞްދުގައި އޭނާ ފާޚާނާއަށް ވަނެވެ.

އެހެން ނަމަވެސް އެއީކީ ޙައްލެއް ނޫންކަން އޭނަޔަށް އެނގެއެވެ. އޭނާ ވަޅުތެރެއަށް ފައިބާ އޮތަސް އެކަމަކަށް ޙައްލެއް ނުލިބޭނެއެވެ.

ހަމަގައިމުވެސް ރެކިމަނިކު ހަތްވަނަ ތަވީދު އަލިފާނަށް ލުމާއެކު ތާރާގެ ލޯމަތިން ގެއްލެން މަޖުބޫރުވާނެއެވެ. މިހާރު ރެކިމަނިކު ހަތަރުވަނަ ތަވީދު އަލިފާނަށް ލައިފިއެވެ. އެޔާއެކު އަފްރާގެ ބަނޑު ވަރަށް ބޮޑަށް އުފުލެން ފަށައިފިއެވެ. އެމަންޒަރު ފެނުމުން ބައެއް މީހުން ބިރުގަންނަން ފެށިއެވެ. އެހެން ނަމަވެސް، ރެކިމަނިކުގެ އިޝާރާތާއެކު އެމީހުންވެސް ހަމަޔަކަށް އެޅުނެވެ.

ރެކިމަނިކު ނިންމާފައިވަނީ ފަސްވަނަ ތަވީދު އަލިފާނަށް ލުމާއެކު، އަފްރާ މުޅިން ސަލާމަތް ކުރެވޭނެ ކަމަށެވެ. ކިޔެވެލި ކިޔަވާ މީހުން އެއްވެސް ހުއްޓުމެއްނެތި ކިޔަވަމުންދެއެވެ.

ފާޚާނާއިން ނިކުމެވެސް އަރުފާން އުޅެންޖެހުނީ އެފަދަ ޙާލެއްގައެވެ. އޭނާއަށް އެ ހޫނަށް ކެތްކުރެވެނީކީ ނޫނެވެ. މުޅި ގައިގައި ހީވަނީ ލޮނުމިރުސް އަޅައިގެން އުޅޭހެންނެވެ. ހަށިގަނޑުގައި އަޅަނީ ދިލަ ހޫނެކެވެ. ބައެއްފަހަރު ހަށިގަނޑު ފިހިދާނެހެންވެސް ހީވެއެވެ.

[އަރުފާން...ބައްޕަމެނަށް ގޮވަންތަ؟ ހިނގާ ހޮސްޕިޓަލަށް ދާން. އަހަންނަކަށް ހިއެއްނުވޭ، ތީ ރަނގަޅު ކަމެއްހެނެއް.] ތާރާ ބުންޏެވެ.

[އެހެންވެ އަހަރެން އިންޑިޔާއަށް ދާން އުޅުނީވެސް. އަހަރެންވެސް މެޑިކަލް ހައްދާލަން ދާން.] އަރުފާން އަނެއްކާވެސް ގޮސް ފާޚާނާޔަށް ވަނެވެ. މިފަހަރު އޭނާވަނީ ގިފިއްޔަށެވެ.

ތާރާ ގިފިއްޔަށް ވަނީ އަރުފާން އެތަނަށް ވަދެ ބައިގަޑިއިރުވީ ފަހުންނެވެ. ގިފިއްޔަށް ވަދެވުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ޙައިރާންކަމާއެކު އަނގަވެސް ތަންމިނަށް ހުޅުވުނެވެ. އަރުފާން ހުރީ ވަޅަށް ފައިބައެވެ. އޭނާ އިރުއިރުކޮޅާ ވަޅަށް ފީނަމުން ދަނީއެވެ. އެއީ ތާރާ ވަރަށް ބޮޑަށް ޙައިރާންވީ ކަމެކެވެ. އެއީ މީގެކުރިން ދުވަހަކުވެސް އޭނާ ދުށް މަންޒަރެއް ނޫނެވެ.

[އަރުފާން ތިހާވަރު ވެގެންދާއިރުވެސް ތިޔަ ބުނަނީ ހޮސްޕިޓަލަށް ދާނެ ކަމެއްނެތޭ. އަވަހަށް ހިނގާ ހޮސްޕިޓަލަށް ދާން.] ތާރާ ބުންޏެވެ. ނަމަވެސް މިފަހަރުވެސް އަރުފާން އެކަމަކަށް އެއްބަހެއްނުވިއެވެ.

އޭނާ ވަޅުން އެރުމަށްފަހު ފެން ހިއްކައިގެން ހެދުން އަޅައިގެން ނިކުތީ ބޭރަށެވެ. ތާރާ ގާތު ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެފައެވެ.

[އަރުފާން...ތިޙާލުގައި ބޭރަށް ނިކުންނަނީ ކީއްކުރަންތަ؟ ހިނގާބަލަ ޑޮކްޓަރަކަށް ދައްކާލަން. ނޫނީ ތިވެދާނެ ކޮންމެވެސް ފަންޑިތަވެރި ޢަމަލެއް، ބަޔަކު ހިންގަނީ ކަމަށްވެސް.] އަރުފާންގެ ފަހަތުން ހިނގައިގަންނަމުން ތާރާ މިހެން ބުނީމާ އަރުފާން ހުއްޓުނެވެ.

[ވެދާނެއެއްނު...ޔަޤީން...އެމީހުން އަހަރެމެން ދުރުކުރުވަން ފަންޑިތަ އެބަ ހަދާ. އަހަރެން މިދަނީ އެމީހުނާ ދިމާކުރަން....ތާރާ ގެޔަށް ވަދޭ.] އަރުފާން ގެއިން ނިކުމެއްޖެއެވެ. ތާރާވަނީ ކޮޓަރިއަށެވެ.

ޙަޤީޤަތުގައި އަރުފާންގެ ފަރާތުން މިހާރު ފެންނަމުންދާ ޙަރަކާތްތަކަކީ ފަހަރެއްގައިވެސް އޭނާގެ އަމިއްލަ އިޚްތިޔާރުގައި ގެނެވޭ ޙަރަކާތްތަކެއް ނޫނެވެ. މިހާރު އޭނާއަށް ކޮންމެވެސް އެހެން ފަރާތަކުން އެދަނީ ބާރުފޯރުވަން މަސައްކަތް ކުރަމުންނެވެ.

ތާރާ ގެޔަށް ވަދެ މަންމައާއި ބައްޕައަށް ގޮވާފައި އަރުފާނަށް ވީގޮތް ކިޔައިދިނެވެ. ތާރާ އެވާހަކަ ކިޔައިދިނުމުން އެމީހުން ވަރަށް ބޮޑަށް ޙައިރާންވިއެވެ.

[ކީކޭ!؟ އަރުފާން ވަޅަށްވެސް އެރުނީ. އެހާވަރަށް އޭނާގެ ގައިން ހޫނުއެރިތަ؟ އަނެއްކާ ޝިޔާންމެން ފަންޑިތަ ހަދަނީކީ ނޫންބާ؟] ޝަފީޤުވެސް ޙައިރާންވިއެވެ. އޭނާގެ ގާތަށް އެވަގުތު ރުޅިވެސް އައެވެ.

[އަހަރެން މިދަނީ އެމީހުންގެ މަސައްކަތް ހުއްޓުވަން. އެމީހުނަށް އަހަރެންނަކީ ކާކުކަން ނޭނގިގެން އެއުޅެނީ.] ޝަފީޤު ފިސާރި ރުޅިއައިސްފައި ހުރެ ގެއިން ނިކުތެވެ.

[ޝަފީޤު...ރުޅިއައިސްގެން ގޮސް ގޯހެއް ނަހަދާތި. އެވަރުގެ މޮޔަ ކުދިން ކުރާ ކަންކަމުގައި ބޮޑެތި މީހުން ޖެހޭނެ ވިސްނައިދީގެން ހުއްޓުވަން. އެއްވެސް ކަމެއްގައި ރުޅިއިސްކުރުމަކީ ޙައްލުކަމަށް ވިސްނައިގެން ނުވާނެ.] ޞަފޫރާ ޝަފީޤަށް ވިސްނައިދިނެވެ. ނަމަވެސް ޝަފީޤު ގެއިން ނުކުތީ ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރެއެވެ. އެރުޅީގައި ގޮސް އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އޭނާއަކީ އޭނާގެ އެންމެ ޒުވާން ދުވަސްވަރުގައިވެސް ރުޅިގަދަ ކަމަށް ވަރަށް މަޝްހޫރު މީހެކެވެ.

އެހެންވެ ޞަފޫރާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

[ދަރިފުޅާ ތާރާ... އެރުޅިގަނޑުގައި ދަރިފުޅުގެ ބައްޕަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.] ޞަފޫރާ ބުންޏެވެ.

ޝަފީޤު އެރުޅިގަނޑުގައި ގޮސް ވަނީ ޝިޔާންމެންގެ ގެޔަށެވެ.

[ޝިޔާން...ހަމަ މިހާރު ކަލޭމެން ތިކުރާ މަސައްކަތް ހުއްޓާލާ...އެެހެންނޫނީ އަހަރެންގެ އަތުންފައިން ގޯހެއް ހެދިދާނެ. ކަލޭމެން ތިކުރާ ކަންތަކުން ހަނދާން ކުރާތި...އަހަރެންގެ ދަރިފުޅަށް އެއްވެސް ގެއްލުމެއް ފޯރައިފިއްޔާ، އޭގެ ބަދަލު ވަރަށް ހިތިވާނެ.] ޝަފީޤު ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

[އަހަރެމެން އެއްވެސްކަމެއް ތާރާއަށް ދެރަވާ ގޮތަކަށް ނުކުރާނަން. ޝަފީޤުބެވެސް ތިހުރީ ވަރަށްބޮޑު އޮޅުމެއްގެ ތެރޭގައި. އަދި ހުރިހާ ކަމެއްވެސް ހާމަވާނެ. އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަހެއް ނުވާނެ.] ޝަފީޤު ކިތަންމެ ރުޅިއައިސްފައި ހުރެ ވާހަކަ ދެއްކިޔަސް، ޝިޔާން ވާހަކަ ދެއްކީ ވަރަށް މަޑުމައިތިރިކަމާ އެކުގައެވެ.

ހަމަ އެވަގުތެވެ. ރެކިމަނިކާއި އޭނާގެ ބައިވެރިން ހުއްޓާނުލާ މަސައްކަތް ކުރަމުން އެދަނީ ޖިންނި އޭނާގެ ބާރުގެ ދަށަށް ގެނައުމަށްޓަކައެވެ.

މިހާރު ހަވަނަ ތަވީދުވެސް ވަނީ އަލިފާނަށް ލެވިފައެވެ. ހަތްވަނަ ތަވީދާއެކު ޖިންނި ސީދާ އޭނާގެ ލޯމައްޗަށް ފާޅުވާނެއެވެ.

އެއީ އަދި އޭނާގެ މަސައްކަތުގެ ނިމުމެއް ނޫނެވެ. މަސައްކަތުގެ ނިމުމަކަށްވާނީ ދާއިމީ ގޮތަކަށް ޖިންނީގެ ކިބައިން އޭނާގެ ދަރިފުޅާއި ތާރާ ސަލާމަތް ކުރެވިގެންނެވެ.

އަރުފާނަކީ އިންސާނެއް ނޫންކަން އެންމެނަށް ސާބިތުކޮށްދޭން އޭނާ ބޭނުންވާނެއެވެ.

[ދެން މާގިނައިރެއްނުވެ އަހަރެމެންގެ ލޯމައްޗަށް އޭތި ފާޅުވާނެ. އޭތި އަންނަނީ އަހަރެމެންނާ ވަރަށް ދުރުގައި ހުރެފައި. މިހާރު އޭތި ވީ މަގުމަތީގައި.] ރެކިމަނިކު އެހެން މީހުންގެ ސަމާލުކަމަށްޓަކައި ބުންޏެވެ.

އޭރު އެގޭގައި އެމީހުން އެމަސައްކަތް ކުރަމުންދާކަށް އެނގިގެން ބައެއް އަވަށްޓެރިންނާއި ޢާއިލާގެ ބައެއް މީހުން އައިސް ތިއްބެވެ. ބައެއް މީހުން ތިބީ ހިސާބަކަށް ބިރުވެސްގެންފައެވެ.

[ރެކިމަނިކުބޭ....އެއްވެސް ނުރައްކާތެރި ޙާދިޘާއެއް މެދުވެރިއެއް ނުވާނެތަ؟ އަހަރެން ފޮޓޯއެއް ނެގިޔަސް އެންމެ ރަނގަޅުވާނެތަ؟] އޭރު އެތާނގައި ހުރި ރެކިމަނިކަށް ބޮޑުބޭބެ ކިޔާ ޒުވާނަކު ބުންޏެވެ.

[އެއްވެސް ނުރައްކަލެއް މެދުވެރިއެއް ނުވާނެ. ހުރިހާ ކަމެއްވެސް ދާނީ ބަރާބަރަށް. ފޮޓޯއަކަށް ނާރާނެ. އެކަމަކު އިންސާނެއްގެ ސިފައިގައި ހުންނަ ވަގުތު އަރާނެ.] ރެކިމަނިކު އޮޅުންފިލުވައިދިނެވެ.

އެޒުވާނާ އޭނާގެ ޖީބުގަައި އޮތް ސޮނީ ސައިބަރ ޝޮޓް ކެމެރާ ނެގިއެވެ.

ހަމަގައިމުވެސް ފޮޓޯއެއް ނެގިއްޖެނަމަ، އެ ފޮޓޯއެއް ވެގެންދާނީ ވަރަށް ތާރީޚީ އަގުބޮޑު ފޮޓޯއަކަށެވެ.

އެވަގުތު އެތަނުގައި ދެންތިބި މީހުންވެސް އެމީހުންގެ ފޯނުތަކުން ފޮޓޯ ނެގުމަށްޓަކައި ތައްޔާރުވެއްޖެއެވެ.

މިހާރު ހަވަނަ ތަވީދު އަނދަމުން ދަނީއެވެ. އެތަވީދު އަނދަމުންދާ ވަރަކަށް އަފްރާ ތެޅިފޮޅެމުން ދަނީއެވެ. ހީވަނީ އަލަތު ދަރިއަކު ވިހެއުމަށްޓަކައި އަޅާ ރިހުމަށް ކެތްނުކުރެވިގެން އެނބުރެމުންދާހެންނެވެ.

އޭރު އެތަނުގައި ރެކިމަނިކުގެ ލަފާގެ މަތިން ފޫޅުމަޔަކުވެސް ގެނެސްފައި ހުއްޓެވެ. ފޫޅުމައިމީހާ ހުރީ ފަރުދާ ކުރެވިފައިވާ އެނދުގައި އޮތް އަފްރާގެ ގާތުގައެވެ.

[މާގިނައިރުތަކެއްނުވެ އަފްރާގެ ބަނޑުން އޭތި އުފަންވާނެ. އޭގެފަހުން އޭގެ މައި އެތިވެސް ފާޅުވާނެ.] މިހެން ބުނެފައި ރެކިމަނިކު އިތުރަށް ކިޔަވަމުންދިޔައެވެ.

އޭގެ މާގިނައިރެއް ނުވެއެވެ. އެތަނުގައި ތިބި އެންމެންގެ ލޯތައް ތަރަތަރަޖަހައިގެން ދިޔައީ ކުއްލިއަކަށް އަފްރާގެ ބަނޑުން އުފަންވެ މައްޗަށް އަރައިގެންދިޔަ އަލިފާން ގުޅައަކުންނެވެ. އަލިފާން ގުޅައެއްގެ ގޮތުގައި ސިފަވިޔަސް، އެއީ ރޫޙާނީ އެއްޗެކެވެ. އޭތި މައްޗަށް އަރައިގެން ދިޔުމާއެކު އަފްރާގެ ބަނޑު މުޅިން ހިނދުނެވެ.

އަފްރާގެ ބަނޑުން އުފަންވި އެތި ގެއްލުނީ އެގޭގެ ފަންގިފިލާއާ ދިމާއިންނެވެ. އޭތި ގެއްލުމާއެކު އަފްރާ ހޭނެތުނެވެ. ވުމާއެކު ދެން އޭނާއަށް މަސައްކަތް ކުރަން ޖެހުނީ އަފްރާ ހޭއެރުވުމަށެވެ. އެވަގުތު އަފްރާ އޮތްގޮތުން ބައެއް މީހުން އަފްރާ މަރުވެއްޖެ ކަމަށް ހީކުރިއެވެ. ނަމަވެސް އަފްރާއަށް ވީގޮތް އެނގޭތީ، ރެކިމަނިކު ހާހެއްނުވެއެވެ. އޭނާ ނުހަނު ބުރަ މަސައްކަތުން އަފްރާ ހޭއެރުވިއެވެ. ހޭއެރުމާއެކު އަފްރާ ފުންމައިގެން ތެދުވެ ވަށައިގެން ހޯދަން ފަށައިފިއެވެ. ފިސާރި ޙައިރާންކަމާ އެކުގައެވެ.

[ބައްޕާ...ތީ ކޮން ބައެއް. މިގޭގައި ޕާޓީއެއް އޮތީތަ؟ ކީއްވެތަ އަހަރެން މިތާނގައި ބާއްވާފައި މިއޮތީ.] އަފްރާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ވާހަކަ ދެއްކިއެވެ.

[އެއްވެސް ކަމެއްވީކީ ނޫން. މިގޭގައި ޕާޓީއެއް އޮތީކީވެސް ނޫން. ބައްޕަމެން މިމަސައްކަތް ކުރަނީ ދަރިފުޅަށް އުފާވެރި މަގެއް ހޯދައިދޭންވެގެން.] ރެކިމަނިކުމެން އޭރުވެސް ކިޔެވެލި ކިޔަވަމުން ދަނީއެވެ.

[ހުރިހާ މީހުން ތިތާ ތިބެ ކީއްތިކުރަނީ. އަނެއްކާ މިގޭ މީހަކު މަރުވީތަ؟ ކޮބައިތަ މަންމައާއި ބޭބެއާއި ދައްތަ.] އަފްރާ ފުންމައިގެން ތެދުވިއެވެ.

[ދަރިފުޅާ އަދި ނުތެދުވެ އޮވެބަލަ.] އެވަގުތު އެތަނުގައި ތިބި މީހުން އަފްރާ ހިފެހެއްޓިއެެވެ. އަފްރާ އަނެއްކާވެސް އޮށޯތެވެ.

އެވަގުތެވެ. ތާރާގެ ބައްޕަ ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރެ ޝިޔާނާއި އޭނާގެ ދޮންތައަށް ވަރަށް ހުތުރުކޮށް އެއްޗެހި ކިޔައި، އިންޒާރުތަކެއްވެސް ދިނުމަށްފަހު، އެގެއިން ނިކުތީ ވާހަކަ ދައްކާނޭ ފުރްޞަތު ޝިޔާންމެނަށް އެއްވެސްވަރަކަށް ނުދީއެވެ.

[ތާރާ ބައްޕަ އަހަރެމެން ދައްކާ ވާހަކައެއް އަޑުއަހައިގެންތާ...ކަމުގެ ޙަޤީޤަތް އެނގޭނީވެސް. އޭނާ އެއްވެސްވަރަކަށް އަހަރެމެންނަށް ވާހަކަ ދައްކާނޭ ފުރްޞަތެއް ނުދިނޭ. ދޮންތާ...އަހަރެން މިހާރު އެންމެ ކަންބޮޑުވަނީ އޭނާ އަހަރެމެންނަށް ގެއްލުމެއް ދީފާނެތީ.] ޝިޔާން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

[ހާސްނުވޭ ޝިޔާން...އިރާދަކުރެއްވިއްޔާ އަހަރެމެންނަށް މިކަމުން އެއްވެސް ގެއްލުމެއް ނުފޯރާނެ. ފަހުން ތާރާއާއި ތާރާގެ ޢާއިލާގެ މީހުން އައިސް މަޢާފަށްވެސް އެދޭނެ.] ވިޝާލް ޝިޔާނަށް ހިތްވަރު ދިނެވެ. ނަމަވެސް ޝިޔާން ހުރީ ތާރާގެ ބައްޕަގެ އިންޒާރުތަކުގެ ސަބަބުން ވަރަށް ބޮޑަށް ހާސްވެފައެވެ.

[ވިޝާލް...އަހަރެންގެ މަންމަމެން ބުނާތީވެސް އަހަމޭ...ތާރާގެ ބައްޕަގެ ނުލަފާކަމުގެ ވާހަކަ. އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އޭނާޔަކީ އޭނާގެ ޒުވާން ދުވަސްވަރު ގެއެއް ރޯކޮށްލައިގެން އަދަބު ލިބިފައި ހުރި މީހެއް.] ޝިޔާން ބުންޏެވެ.

ތެދެކެވެ. މީގެ ހަތާވީހަކަށް އަހަރު ކުރިން އޭނާގެ ލޯބިވެރިޔާ، އާދެ! މިހާރުގެ އަނބިމީހާ ޞަފޫރާއާއި އެރަށުގެ އެހެން ޒުވާނަކު ދިމާކުރުމުގެ ސަބަބުން އޭނާވަނީ އެޒުވާނާގެ ގޭގެ ފެންޑާގައި ރޯކޮށް، އެގެޔަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެފަހަރު އޭނަޔަށްވަނީ އަދަބުވެސް ލިބިފައެވެ. އަދި އޭގެކުރިންވެސް އޭނާވަނީ އެކަހަލަ ކިތަންމެ ނުލަފާ ކަންތައްތަކެއް ކޮށްފައެވެ. އެދުވަސްވަރު ބައެއް މީހުން ބިރުކުޑަ ޝަފީޤުގެ ނަމުންވެސް އޭނާޔާ މުޚާޠަބުކޮށްފައި ވެއެވެ.

އެހެން ނަމަވެސް އޭނާ ޞަފޫރާއާ އިނދެގެން އަމިއްލަ ދިރިއުޅުން ފެށިފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ވަރަށް މަޑުމައިތިރި މީހެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެރަށުގެ ގިނަ ބަޔަކު އަބަދުވެސް އޭނަޔާމެދު ޖެހިލުންވެއެވެ.

[އެމީހުންނަށް އެއުޅެނީ އަހަރެން ރަނގަޅަށް ނޭނގިގެން. އަހަރެން މިބުނަނީ ވަރަށް ސާފުކޮށް...އެމީހުންގެ ސަބަބުން ތާރާގެ ދިރިއުޅުމަށް އެއްވެސް އަސަރެއް ކޮށްފިނަމަ، ވާފިރުގެ ގެ ރޯކޮށްލިހެން ކުރިމަތީގައި ހުރި ގެވެސް ރޯކޮށްލާނަން.] ޝަފީޤު ވާހަކަ ދެއްކީ ޞަފޫރާއާއެވެ.

އޭރު ބައްޕަގެ ވާހަކަ އަޑުއަހަން ތާރާވެސް ހުއްޓެވެ. ތާރާހުރީ އަރުފާން ބޭރަށްދިޔަގޮތަށް ގެޔަށް ނާންނާތީ އިންތިޒާރުގައެވެ.

އޭނާ ގަޑިއަށް ބަލައިލިއެވެ. މިހާރު މެންދަމު ބާރަޖެހީއެވެ. އަދިވެސް އަރުފާންގެ ޚަބަރެއް ނުވޭމެއެވެ.

އަށެއް ނުޖަހަނީސް އަރުފާން ހިނގައްޖެއެވެ. އަދިވެސް އޭނާގެ ޚަބަރެއް ނުވެއެވެ. ތާރާ އެންމެ ބޮޑަށް ކަންބޮޑުވަނީ އަރުފާން ވަރަށް ބޮޑަށް ބަލިވެ އުޅެމުން ބޭރަށް ނިކުތީމައެވެ. ގައިން ހޫނުއަރާތީ އަރުފާން އުޅުނު ޙާލު އޭނާއަށް ފެނިފައިވެއެވެ.

[އަޅެ އަރުފާން ކޮންތާކަށްބާ އެދިޔައީ. ފޯނުވެސް އޮފްކޮށްފަ...އަހަރެން އަރުފާން ހޯދަން ގުޅާނީވެސް ވަކި ކޮންތަނަކަށްތަ؟] ތާރާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އެވަގުތު އޭނާގެ ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާލިއަޑު އިވުމުން ތާރާއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބި، އޭނާ ދޮރާ ދިމާޔަށް އެނބުރުނެވެ.

[ކާކުތަ؟....އަރުފާންތަ؟] ތާރާ ގޮސް ދޮރު ހުޅުވާލިއެވެ.

ދޮރުމަތީގައި ހުރީ އޭނާގެ މަންމަ ޞަފޫރާއެވެ. ޞަފޫރާވެސް ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

[ދަރިފުޅާ...އަދިވެސް އަރުފާން ނާދޭތަ؟] ޞަފޫރާ އެތެރެއަށް ވަނެވެ.

[އާނ...މަންމާ...އޭނާ ހޫނުއަރާވަރުން ހާދަ ހާލެއްގައި އުޅެފައޭ އެދިޔައީ. އަޅެ މަންމާ...އޭނަ ވަޅަށް ފައިބައިގެން އުޅުނުގޮތަށް މޫދަށްވެސް އެރިފާނެ.] ތާރާގެ ލޮލުން ކަރުނަހިލެން ފަށައިފިއެވެ.

[ދަރިފުޅާ ދެރަނުވޭ...އިރާދަކުރެއްވިއްޔާ އަރުފާނަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެ. މާތްރަސްކަލާނގެ ދަރިފުޅަށް އުފާވެރިކަން މިންވަރު ކުރައްވާށި.] ޞަފޫރާ ތާރާގެ ބޮލުގައި ފިރުމާލިއެވެ.

[މަންމާ...އެކަމަކު އަދިވެސް އަރުފާން ގެޔަކަށް ނާދެއެއްނޫންތަ؟ ފޯނުވެސް އޮފްކޮށްފައި އޮތީ. އަޅެ އޭނަގެ ޚަބަރެއްވޭތޯ މިހާރު ހޯދަންވެއްޖެއެއް ނޫންތަ؟] ތާރާއަށް ރޮވޭގޮތްވިއެވެ.

އެއީ އެތަނަށް ތާރާގެ ބައްޕަ ޝަފީޤުވެސް އައިސް ވަން ވަގުތެވެ. ދަރިފުޅުގެ މާޔޫސީކަން ފެނުމުން އޭނާ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވިއެވެ.

[އަދިވެސް އަރުފާން ނާދޭތަ؟ އޭނާގެ ފޯނަކަށްވެސް ނުގުޅޭތަ؟ އަދި ގުޅާބަލަ.] ޝަފީޤު ބުންޏެވެ. ތާރާ އަނެއްކާވެސް އަރުފާންގެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ފޯނަކުން ޖަވާބެއް ނުދެއެވެ. ބައެއްފަހަރު ފޯނު އޮފްކޮށްފައިވާ ކަމަށް ބުނާއިރު، އަނެއްބައިފަހަރު ބުނަނީ ފޯނުން ޖަވާބު ނުދޭކަމަށެވެ.

[ގެއިން ނުކުތްއިރު އޭނާގެ ޖީބުގައި ހަމަގައިމުވެސް ފޯނު އޮތް. އޭނާ ނިކުތީ ޝިޔާންމެންގެ މަސައްކަތް ހުއްޓުވަން އެގެޔަށްދާށޭ ކިޔާފައި.] ތާރާއަށް މިފަހަރު ރޮވޭގޮތްވިއެވެ.

[ނުރޮއި ދަރިފުޅާ...މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި. އަހަރެން އަންނާނަން.] ޝަފީޤު ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރެ ނިކުތެވެ.

އޭނާ ދެންވެސް ދިޔައީ ޝިޔާންމެންގެ ގެޔަށެވެ. އޭރު ޝިޔާންމެން ތިބީ ނިދާފައެވެ. މުޅި ގެޔަށްވެސް ވަނީ ނިދާބޮކީގެ ފަނޑުއަލިކަމެއް ވެރިކުރުވާފައެވެ.

ޝަފީޤު ގޮސް ނިކަން ބާރަށް ދޮރުގައި ތަޅައިގެންފިއެވެ. އެޔާއެކު ދޮރު ހުޅުވީ ޝިޔާނެވެ. ނިދީގައި ހުރެމެއެވެ.

[ހަމަ މިހާރު ބުނޭ...ކޮބައިތަ އަރުފާން...ކަލޭމެނަށް އެނގޭނެ އޭނަ ވީތަނެއް. ހަމަ މިހާރު ބުނޭ...އޭނައައީވެސް ސީދާ މިގެޔަށް.] ޝަފީޤު ހީވަނީ ޝިޔާންގެ ގަޔަށް އަތްލާފާނެހެންނެވެ. އޭރު ޝަފީޤުގެ އަޑަށް ވިޝާލާއި ޝިނާވެސް ތެދުވެގެން އެތަނަށް އަތުވެއްޖެއެވެ.

[އަރުފާން ވީތަނެއް އަހަރެމެންނަކަށް ނޭނގެ....އޭނާ މިގެޔަކަށް ނާދޭ. ޝަފީޤުބެ އަހަރެމެންދެކެ ތިވަރަށް ރުޅިއައިސްގެން ތިއުޅެނީ ކީއްވެގެންތޯ. ރުޅި އިސްނުކޮށް އެއްފަހަރުވެސް ޙަޤީޤަތް ހޯދަން މަސައްކަތް ކޮށްބަލަ.] މިފަހަރުވެސް ޝިޔާން އުޅުނީ ޙަޤީޤަތް ކިޔައިދެވޭތޯއެވެ. ނަމަވެސް ޝަފީޤު ހުރީ އެހެން މީހެއްގެ ވިސްނުން ނުވަތަ އެހެން މީހަކު ކިޔައިދޭ އެއްޗެއް އަޑުއަހާފަދަ މޫޑެއްގައެއް ނޫނެވެ. އެއަށްވުރެން އޭނާގެ ރުޅިވެރިކަން ވަނީ މަތީގައެވެ.

[ކަލޭމެނަށް އޭނާ ވީތަނެއް އެނގެން ޖެހޭނެ. އާނ...އެނގެންޖެހޭނެ. ހުރިހާ ކަމެއްވެސް މިދިމާވަނީ ކަލޭގެ ސަބަބުން.] ޝަފީޤުގެ ރުޅި ކުރިޔަށް ވުރެންވެސް ގަދަވިއެވެ.

[ޝަފީޤުބޭ... ޝިޔާން ބުނަން އެއުޅޭ ވާހަކަ އެއްފަހަރު ނަމަވެސް އަޑުއަހާބަލަ.] މިފަހަރު ވާހަކަ ދެއްކީ ޝިނާއެވެ. އޭނާވެސް މަސައްކަތް ކުރީ ޝަފީޤަށް ވިސްނައިދެވޭތޯއެވެ.

ނަމަވެސް ޝިނާގެ އަޑެއްވެސް ޝަފީޤު ނޭހިއެވެ. އޭނާވެސް ބޭނުންވަނީ އޭނާގެ ބަސް ކުރިއަރުވާށެވެ.

[އަހަރެން ބޭނުމެއް ނޫން...ކަލޭމެންގެ ބަސް އަޑުއަހާކަށް. އަހަންނަށް ކަލޭމެން ކުރާ މަސައްކަތް އެނގޭ. އަރުފާން މިރޭ އައީ މިގެޔަށޭ ކިޔާފައި....] ޝަފީޤު ހަޅޭއްލަވައިގަތެވެ.

އެވަގުތު ފަހަތުން އައިސް ޝަފީޤުގެ ކޮނޑަށް އަތް ވައްޓާލީ އަރުފާނެވެ. ޝަފީޤު ސިހިފައި އެނބުރުނެވެ.

[ބައްޕާ ހިނގާ ގެޔަށް ދާން. މިތާނގައި ތިބުމުގެ މާނައެއް ނެތް. މިހާރު ތާރާ ހުންނާނެ...ވަރަށް ކަންބޮޑުވެގެން...ހިނގާ...ނުވިސްނޭ މޮޔަކުދިން ކުރާ ކަންކަމުގައި އަޅާލާކަށް ނުވާނެ.] އަރުފާން ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ. އޭނާގެ ފަހަތުން ޝަފީޤުވެސް ހިނގައިގަތެވެ.

ހަމަގައިމުވެސް އަރުފާނަށް އާދެވޭނީ ކޮންމެވެސް ގޮތަކުން ރެކިމަނިކުގެ މަސައްކަތް ހުއްޓިގެންކަން ގައިމެވެ.

[އެމީހުންގެ މަސައްކަތް ކުރިއަށް ނުދަނީބާ! ދޮންތާ ދީބަލަ ފޯނު...ރެކިމަނިކުބެއަށް ގުޅަން....] ޝިޔާން ދޮންތަގެ ފޯނުން ރެކިމަނިކަށް ގުޅިއެވެ. އެމީހުން ހީކުރިގޮތަށް ރެކިމަނިކު އޭނާގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލީއެވެ.

[އަހަރެމެންގެ މަސައްކަތް ދެން ފައްޓާނީ މާދަމާރޭ. މިހާރު ބައެއް ކަންތައްތައް ތައްޔާރު ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ މާދަމާރޭގެ މަސައްކަތުން ހުރިހާ ކަމެއް ނިމޭނެ.] ރެކިމަނިކު ބުންޏެވެ. އެއަށްފަހު ތާރާގެ ޢާއިލާއިން ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް އަޅާނުލާ...ހިމޭނުން ތިބުމަށް އޭނާ ނަޞޭޙަތްތެރިވިއެވެ.

އެރޭ އަރުފާން ގެޔަށް އައިސް ވަނުމުން ތާރާ ވަރަށް އުފާވެސްވިއެވެ.

[އަޅެ އަރުފާން...ކޮންތާކުން ތިއައީ...އަރުފާންގެ ޚަބަރެއް ނުވެގެން އަހަރެން މިހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައި. ޑޮކްޓަރަށް ދައްކައިފިންތަ؟] އަރުފާން އައިސް ކޮޓަރިއަށް ވަނީމާ ތާރާ އެއްސެވެ.

[އަހަރެން ޑޮކްޓަރަށް ދައްކައި ބޭސްވެސް ކައިފިން. މިހާރު ރަނގަޅުހެން ހީވަނީ.] އަރުފާން ލައިގެން ހުރި ގަމީސް ބޭލުމަށްފަހު އޮށޯތެވެ.

[ޑޮކްޓަރު ބުނީ ކީކޭތަ؟ އެހާވަރަށް ހޫނުއެރި ސަބަބެއް ނުބުނޭތަ؟ އެއްވެސް ޓެސްޓެއް ހެއްދިތަ؟] ތާރާ އެހިއެވެ.

[މާބޮޑު ކަމެއް ނޫނޯ އޭނާ ބުނީ. އޭނަ ބުނީ ފަހަރެއްގައި ވެދާނެޔޯ...މިރޭ ކެވުނު އެއްޗެއްގެ ސަބަބުން ވީކަމެއް ކަމަށްވެސް.] އަރުފާން ދޮގުހެދިއެވެ.

[އަރުފާން ކެއީ މިގޭ އެހެން މީހުންވެސް ކޭ އެއްޗެއްނު!] ތާރާ ޙައިރާންވެފައި ހުރެ ވާހަކަ ދެއްކިއެވެ.

[އަހަރެން ބަނދަރުމަތީ ހޮޓަލުން ފާޑެއްގެ ތެއްލި މަސްކޮޅެއް ކެއިން. ރަހަތަށް ވަރަށް ރަނގަޅު.] އަރުފާން އެނދުގައި އޮށޯވެ ދެފައި ދަމާލުމަށްފަހު ދެލޯ މަރާލިއެވެ.

[އަރުފާން އެޙާލުގައި އުޅެފައި ދިޔައީމަ...އަހަރެން ވަރަށް ހާސްވި. އަހަރެން ހުރީ ގޮތްހުސްވެފައި. އެންމެފަހުން ބައްޕަ ގާތުވެސް ހުރިހާ ވާހަކައެއް ބުނެވުނީ.] ތާރާވެސް އަރުފާންގެ ގާތުގައި އިށީނެވެ. އެރޭ އަރުފާން ކުރިން ދުވަހަކުވެސް ލޯބިނުދޭވަރަށް ތާރާއަށް ލޯބިދިނެވެ. ހީވެއެވެ. އޭނާ ބޭނުންވަނީ ތާރާއަށް އޭނާގެ ހަނދާންތަކާ ދުރަށް ނުދެވޭވަރަށް ލޯބިދީ، ތާރާގެ ހިތުގައި އޭނާގެ ނަން ބިންވަޅު ނަގާށެވެ.

އޭނާ ބޭނުންވަނީ އޭނާގެ ޙަޤީޤަތް އެނގޭ ދުވަހަކުވެސް އޭނާގެ ފަހަތުން ތާރާ އަންނާނޭ ވަރަށް ތާރާގެ ހިތުގައި ލޯބި ޖައްސާށެވެ.

[މިރޭ އަހަރެން ވަރަށް އުފާވެއްޖެ. އާ ކައިވެނީގެ ރެޔަށްވުރެވެސް މާބޮޑަށް ހިތްހަމަޖެހިއްޖެ. މިރޭ ކުރެވިގެންދިޔައީ އާ އިޙްސާސްތަކެއް.] އުފަލާއި އަރާމު ލިބެނިވި ބީހުންތަކަށްފަހު ތާރާ ވާހަކަ ދެއްކިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން