ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އިއުލާންކޮށްފިއެވެ.

ހައުސިންގ މިނިސްްޓްރީން ބުނީ ލިސްޓަށް އައިސްފައިވާ ބަދަލުތަކާއެކު ފުރަތަމަބުރުގައި ދޫކުރާ 4000 ފްލެޓްގެ ތެރެއިން 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށެވެ. އަދި ފުރަތަމަބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް ހައުސިންގ މިނިސްްޓްރީން ބުނެއެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފުލެޓްއެވެ. ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުނަގައިގެންނެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000ރ (ހަތްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. އަދި 2 ކޮޓަރީގެ މަހު ކުއްޔަކީ 5000ރ (ފަސްހާސް ރުފިޔާ) އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000ރ (އެއްހާސް ރުފިޔާ) އެވެ. ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ޙަވާލުކުރާ ތާރީހުންފެށިގެން 3 (ތިން މަސް) ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު އެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 (ތިންސަތޭކަ) މަހެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނެރެފައިވާއިރު، ރައްޔިތުންގެ ތެރެއިން ގިނަ މީޙުން ގަބޫލުކުރަނީ މިއީ އޮޅުވާލުމެއްގެ ތެރެއިން ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށެވެ. އަދި އައު ސަރުކާރުން މި ލިސްޓަށް ބަދަލުތަކެއް ގެންނާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން