މުއްސަނދިކަމާއި ތަނަވަސްކަމަކީ އެކި މީހުންނަށް އެކި ގޮތަށް ލިބޭ ނިއުމަތެކެވެ. ކިތަންމެ ނިކަމެތި ޙާލުގައި އުޅޭ މީހަކަށްވެސް ހީވެސް ނުކުރާހާ ގޮތަކަށް ނަސީބު މިންވަރު ކުރަށްވަފާނެއެވެ.

މިފަހަރު މި ބަލާލަނީ ވަރަށް ފަގީރު ހާލުގައި، ފަގީރު ސަރަހައްދެއްގައި އުޅެ ބޮޑުވި އެފްރިކާ ޤައުމެއްގެ ރައީސަކު އެ މަޤާމަށް ދަތުރުކުރި ގޮތުގެ މައްޗަށެވެ.

ޖޯޖް ވެއާ އުފަންވެ އުޅެ ބޮޑުވީ ލައިބީރިއާގެ އެންމެ ފަގީރު އަވަށް ކަމުގައިވާ ގިބްރާލްތަރްގައެވެ. އެއީ ވަރަށް ފަގީރުން ދިރިއުޅޭ ޖިފުޓި އޭރިއާއެކެވެ. ވަރަށް ފަގީރު ހާލުގައި އުމުރުގެ ޅަ ދުވަސްތައް ހޭދަކުރެއްވި ވެއާ މަޝްހޫރުވެ ތަނަވަސް ބޭފުޅަކަށް ބަދަލުވެގެން ދިޔައީ ފުޓްބޯޅައިގެ މައިދާނުން ލިބިވަޑައިގެންނެވި ފުރުސަތެއްގެ ތެރެއިންނެވެ.

މިހާރު އުމުރުފުޅުން 57 އަހަރުގެ ވެއާއަކީ ފުޓްބޯޅައިގެ މައިދާނުން މަޝްހޫރުކަން ހޯއްދެވި ކުރީގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔެކެވެ. ވެއާ ވަނީ ޕީއެސްޖީއާއި ޗެލްސީ އަދި އޭސީ މިލާން ފަދަ ތަފާތު ކްލަބްތަކަށް ކުޅެދީފައެވެ. އަދި ފީފާއިން ދޭ ޕްލޭޔަރ އޮފް ދަ އިޔަރ އެވޯޑާއި ބެލަން ޑޯ އެވޯޑުވެސް ވެއާ ވަނީ ހާސިލުކުރައްވާފައެވެ.

ވެއާ އެފްރިކާއަށް ހޯއްދަވާދެއްވި މި ޝަރަފަކީ ލައިބީރިޔާގެ މަގުތަކުގައި ވެއާ ރައީސްކަމަށް ހޮވުނު އަހަރުގައި ބޭނުންކުރި ކެމްޕެއިން ޕޯސްޓަރުތައް އަދިވެސް އެތަނުން ފަނޑުނުވުމުގެ އެއް ސަބަބު ކަމަށް ގިނަ ބަޔަކު ދެކެއެވެ.

2021 ވަނަ އަހަރު ވެއާއަށް ލައިބީރިއާގެ ވެރިކަން ލިބިވަޑައިގަތީ ހަނި ފުރުޞަތެއްގެ ތެރެއިން ވާދަވެރިޔާ ބަލިކުރައްވައިގެނެވެ.

އެހެން ނަމަވެސް، ފުޓްބޯޅައިގައި ހޯއްދެވި ކާމިޔާބީތަކާއި ގުޅިގެން ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯއްދެވި ވެއާއަށް ކުރިއަށް އޮތް އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިގަތުމަކީ ނާދިރު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އެއީ ވެއާގެ ވެރިކަމުގައި ޒަރޫރީ ކާބޯތަކެތީގެ އަގުތައް އުފުލި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވިފައި ނުވާތީއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ 2022 ވަނަ އަހަރުގެ ކޮރަޕްޝަން އިންޑެކްސްގައި ލައިބީރިއާ އޮތީ 180 ޤައުމުގެ ތެރެއިން 142 ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން