ލިވަޕޫލްގެ ފުޓްބޯޅަ ކުޅުންތެރިޔާ ލުއީސް ޑިއާޒްގެ ބައްޕަ ރަހީނުކުރި މީހުން އޭނާ ގޮވައިގެން ވެނެޒުއެލާއަށް ދިއުމުގެ ފުރުޞަތު ބޮޑުކަމަށް ކޮލަމްބިއާގެ ފުލުހުން ބުނެފިއެވެ.

ޑިއާޒްގެ ބައްޕަ، ލުއީސް މަނުއެލް ހޯދަން ކޮލަމްބިއާގެ ފުލުހުންނާއި އަސްކަރިއްޔާ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށައިފައެވެ.

ކޮލަމްބިއާގެ ފުލުހުން ވަނީ އޭނާ ހުރި ތަނާއި ގުޅޭ މައުލޫމާތެއް ދޭ ފަރާތަކަށް ގާތްގަނޑަކަށް 40،000 ޕައުންޑްގެ އިނާމެއް ދިނުމަށް ހުށަހަޅާފައެވެ. އެންމެ ފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުގައި ފުލުހުން ވަނީ އޭނާ ހޯދުމުގެ ގޮތުން ކޮލަމްބިއާގެ އުތުރު ސަރަހައްދެއްގައި ހުރި ޖަންގައްޔެއްވެސް ބަލާފައެވެ. އަދި އަސްކަރިއްޔާއިން ދަނީ ވެނެޒުއެލާއާއި ކޮލަމްބިއާގެ ބޯޑަރ ސަރަހައްދު ޗެކްކުރަމުންނެވެ.

ފުލުހުން ބުނީ ޑިއާޒްގެ ބައްޕަ ރަހީނުކުރި 4 މީހުންގެ ތެރެއިން 2 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. ޝައްކު ކުރެވޭ 2 މީހުން ޑިއާޒްގެ ބައްޕަ ގޮވައިގެން ވެނެޒުއެލާއަށް ދިއުމުގެ ބިރު އެބައޮތްކަމަށް ފުލުހުން ފާހަގަކުރިއެވެ. ވެެނެޒުއެލާއަކީ ވަރުގަދަ މާފިއާ ގޭންގްތައް ހިންގާ ތަނެކެވެ.

ކޮލަމްބިއާގައި ތިބި ޑިއާޒްގެ މައިންބަފައިން ރަހީނުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ހޮނިހިރު ދުވަހު އެވެ. ރަހީނުކުރި މީހުން ލުއީސްގެ މަންމަ ސިލެނިސް މަރުލަންޑާ ވަނީ މިނިވަންކޮށްފައެވެ. އެހެން ނަމަވެސް، އޭނާގެ ބައްޕައަށް ވީނުވީއެއް އަދިވެސް އެނގިފައެއްނުވެއެވެ.

އެހެންކަމުން ކުޅުމާއި ދުރުގައި މިހާރު ހުރި ޑިއާޒްއަށް އޭނާގެ ޓީމުން މިވަގުތު ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް ރިޕޯޓްގައިވެއެވެ. ޑިއާޒް ހުރީ ކޮލަމްބިއާއަށް ދާން ކެތްމަދުވެފައެވެ. އެކަމަކު، ސަލާމަތީ ސަބަބުތަކާއިހުރެ އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެދުމުގެ މަތިން އޭނާއަށް ލިވަޕޫލްގައި މަޑުކުރަން މަޖުބޫރުވިއެވެ.

ކޮލަމްބިއާގެ ނޫހަކުން ޝާއިކުރި ޚަބަރެއްގައި ލިޔެފައިވާ ގޮތުގައި ޑިއާޒްގެ މައިންބަފައިން ޕެޓްރޯލް ޝެޑެއް ކައިރީގައި ތިއްބާ މޮޓޯސައިކަލް ދުއްވާފައިއައި ހަތިޔާރު އެޅި 4 މީހުން ވަނީ އެދެމީހުން ރަހީނުކޮށްފައެވެ.

އެމަންޒަރު ދުށް ފުލުހުން ވަނީ އެމީހުން ސަލާމަތްކުރަން މަސައްކަތްކޮށްފައެވެ. އެކަމަކު ފުލުހުންނަށް އެމީހުން ސަލާމަތްކުރެވުމުގެ ކުރިން ކިޑްނެޕްކުރި މީހުން ވަނީ ލުއިސް އާއިލާގެ ކާރު އަތުލައިގެން ލުއިސްގެ ދެމަފިރިން ރަހީނުކޮށްފައި ކަމަށް މަންޒަރު ދުށް މީހަކާއި ހަވާލާދީ ކޮލަމްބިއާގެ ނޫހުން ރިޕޯޓްކޮށްފައި ވެއެވެ.

ޑިއާޒްގެ މަންމަ މިނިވަން ކުރުމުގައި މައުލޫމާތު ހާމަކޮށްދިން ފަރާތަށް ފުލުހުން ވަނީ 200 މިލިއަން ކޮލަމްބިއާ ޕެސޯ [ގާތްގަނޑަކަށް 40،000 ޕައުންޑް] ގެ ފައިސާގެ އިނާމެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން