ދުނިޔޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ޝަރަފުވެރި އެއް ކުޅިވަރު މުބާރާތްކަމަށްވާ، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2034 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބޭއްވޭނެކަން ކަށަވަރުވެއްޖެއެވެ.

2034 ވަނަ އަހަރުގެ ފުޓްބޯޅަ މުބާރާތް ސައުދީ އަރަބިއްޔާގައި ބާއްވާނެކަން ކަށަވަރުވީ، އެކަމަށް ބިޑް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ސައުދީ އަރަބިއްޔާއިން އެކަނި ބިޑް ހުށަހެޅުމުންނެވެ.

ސައުދީގެ އިތުރުން އޮސްޓްރޭލިއާއިންވެސް ވަނީ 2034 ވަނަ އަހަރުގެ ފުޓްބޯޅަ މުބާރާތް ބާއްވަން ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އޮސްޓްރޭލިއާއިން ވަނީ ބިޑް ހުށަނޭޅުމަށް ނިންމާފައެވެ.

ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކުރިއެރުވުމަށް އެ ޤައުމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަގުބޮޑު ކުޅުންތެރިން ގެނެސްގެން އެ ޤައުމުގެ ފުޓްބޯޅަ ލީގު ވަނީ ވަރުގަދަވެސް ކޮށްފައެވެ. އަދި ސައުދީ މަހުޖަނުން ވަނީ ޔޫރަޕްގެ ބައެއް ކްލަބްތަކުގެ ކޮންޓްރޯލްވެސް ނަގާފައެވެ.

2034 ވަނަ އަހަރުގެ ފުޓްބޯޅަ މުބާރާތް ސައުދީ އަރަބިއްޔާގައި ބާއްވާނެކަން ކަށަވަރުވިޔަސް އެކަން ރަސްމީކޮށް ފީފާއިން ނިންމަންޖެހޭނެއެވެ. ނަމަވެސް އެކަން ކުރާނީ އަންނަ އަހަރުކަމަށް ބެލެވެއެވެ.

2034 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕް ފަދައިން އޭޝިޔާގައި ބާއްވަންޖެހޭ ވޯލްޑް ކަޕެކެވެ. އެ ވޯލްޑް ކަޕަށް ކުރިމަތިލެވޭނީ އޭޝިޔާ އަދި އޯޝަނިއާގެ ޤައުމުތަކުންނެވެ.

ދެން އެންމެ އަވަހަށް އޮންނަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕް އޮންނަނީ ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައެވެ. އަދި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮންނަނީ ސްޕެއިން، މޮރޮކޯ އަދި ޕޯޗުގަލްއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން