މެންޗެސްޓަރ ސިޓީގެ ކޯޗް ގާޑިއޯލާ (ކ). އާއި އޭނާގެ ކުރީގެ އެސިސްޓެންޓް އަދި އާސެނަލްގެ މިހާރުގެ ކޯޗް އާޓެޓާ (ވ).
މެންޗެސްޓަރ ސިޓީގެ ކޯޗް ގާޑިއޯލާ (ކ). އާއި އޭނާގެ ކުރީގެ އެސިސްޓެންޓް އަދި އާސެނަލްގެ މިހާރުގެ ކޯޗް އާޓެޓާ (ވ).
އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އާސެނަލުން ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ކަޓުވާލުމަށް ފަހު, ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުން އާސެނަލް މޮޅުވީ 2-0 އިންނެވެ.

ސިޓީ ކޮޅަށް އާސެނަލްގެ ދެ ލަނޑު ވެސް ޖަހައިދިނީ ގޭބޮންގެ ހުނަރުވެރި ފޯވާޑް ޕިއޭ-އެމެރިކް އޮބާމިޔަން އެވެ. މެޗުގެ 19 ވަނަ މިނެޓުގައި އޭނާ ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. ނިކޮލަސް ޕެޕޭ ނަގައިދިން ހުރަހެއް އޮބާމިޔަން ފޮނުވާލުމުން ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އާސެނަލްގެ ދެ ވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި އޮބާމިޔަން ޖެހީ ކިއެރަން ޓިއާނީ ދިން ބޯޅަ ހޯދުމަށް ފަހު ހަމަޖެހިލާފައި ތިރިތިރިން ގޯލަށް ވައްދާލައިގެންނެވެ. މިއީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އާސެނަލަށް ބަދަލުވުމަށް ފަހު ހުރިހާ މުބާރާތެއްގައި އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން 66 ވަނަ ގޯލެވެ.

ސިޓީގެ މައްޗަށް އާސެނަލުން މިރޭ މޮޅު ހޯދިއިރު އޭގެ ކުރިން ކުޅުނު ހަތް މެޗުން ވެސް އާސެނަލް ވަނީ ސިޓީ އަތުން ބަލިވެފަ އެވެ. ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ބަލިވި މި ހަތް މެޗުގައި ސިޓީން 20 ލަނޑު ޖެހިއިރު އާސެނަލަށް ޖެހުނީ އެންމެ ދެ ލަނޑެވެ. އެކަމަކު ކުރިން ސިޓީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މިކޭލް އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން މިރޭ ވަނީ ސިޓީއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް އާސެނަލުން ކަށަވަރުކުރިއިރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް އެޓީމަށް ލިބެނީ 13 ތައްޓާ އެކުއެވެ. އެޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2017 ވަނަ އަހަރު އެވެ. މިއީ މި މުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކުރި 21 ވަނަ ފަހަރެވެ. އާސެނަލް އާއި އެންމެ ގާތުން ވާދަކުރަނީ 12 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ. އާސެނަލް އަތުން މިރޭ ބަލިވި ސިޓީން ހަ ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު ސެމީގައި މިރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ޗެލްސީން ވަނީ އަށް ފަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ.

އެފްއޭ ކަޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން