ނީސްގައި މުސްލިމު ކުޅުންތެރިން ތަފާތު ކުރި ކޯޗް ކްރިސްޓޯފް ގަލްޓިއޭ ގަތަރުގެ ފުޓްބޯޅަ ކްލަބު އަލް ދުހެއިލްގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

ގަލްޓިއޭ، 57، އެންމެ ފަހުން މަސައްކަތްކޮށްފައި ވަނިީ ފްރާންސްގެ ޕީއެސްޖީއަށެވެ. ފްރާންސް ލީގުގެ ތަށި ޕީއެސްޖީއަށް ހޯދާދިން ނަމަވެސް، ނިމިދިޔަ ސީޒަންގައި ޕީއެސްޖީން ވަނީ ގަލްޓިއޭ ހެޑް ކޯޗްގެ މަޤާމުން ވަކިކޮށްފައެވެ.

އޭނާ ކުރިން ކޯޗްކަން ކޮށްދިން ނީސްގައި ތިބި މުސްލިމު ކުޅުންތެރިންނާއި އެކި ނަސްލުގެ އެހެން ކުޅުންތެރިންނާއި ތަފާތު ކޮށް ދިމާކުރުމުގެ މައްސަލަ މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ. ޖޫން މަހުގައި އެކަމާއި ގުޅޭގޮތުން ފުލުހުން ކުރި ތުހުމަތަށް ގަލްޓިއޭ ވަނީ އިންކާރުކޮށްފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތަކަށް ޑިސެމްބަރު މަހު އޭނާ ކޯޓަށް ވެސް ހާޒިރުވާން ޖެހެއެވެ.

ގަލްޓިއޭ އަލް ދުހެއިލާއި ހަވާލުވީ އެޓީމްގެ ކޯޗް، އާޖެންޓީނާގެ ހާނަން ކްރެސްޕޯ 48، މަޤާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. މިއީ ފްރާންސުން ބޭރުގެ ޓީމަކަށް އޭނާ ކޯޗްކަން ކޮށްދޭ ފުރަަތަަމަ ފަހަރެވެ.

ކުރިން ބާސެލޯނާއަށް ކުޅުނު ބްރެޒިލް ފޯވާޑް ފިލިޕޭ ކުޓީނިއޯ ވެސް ވަނީ މި ސީޒަންގައި އައް ދުހެއިލްއާއި ގުޅިފައެވެ. ޕްރިމިއާ ލީގް ކްލަބް އެސްޓަންވިލާއަށް ކުޅެމުންދިޔަ ކުޓީނިއޯ އެ ކްލަބަށް ބަދަލުވީ ލޯނު އުސޫލުންނެވެ.

މި މަހުގެ ފަހުކޮޅުގައި، ދުހެއިލް ޖެހޭނީ އޭއެފްސީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރާ ކުރިމަތިލާށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން