އިނގިރޭސިވިލާތުގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާއިން އިޒްރޭލާއި އެއްކޮޅަށް ބުރަވުމަށް އިންކާރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީން ވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން ކުޅުނު ރަހުމަތްތެރިކަމުގެ މެޗްގައި އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަންގެ ދިދަ ކައިރީގައިވާ ވެމްބްލޭ އާކް އިޒްރޭލު ދިދައިގެ ކުލަތަކުން ދިއްލާލުމަށް އަމުރު ކޮށްފައެވެ. ނަމަވެސް، އެ އެސޯސިއޭޝަނުން އެގޮތަށް ކަންތައް ނުކުރުމުން ހުޅަނގުގެ ގިނަ ބައެއްގެ އިތުރަށް އިޒްރޭލުގެ ފުޓްބޯޅައާއި ބެހޭ މައި އިދާރާގެ ފާޑުކިޔުންވެސް އަމާޒު ވިއެވެ.

ގިނަބަޔަކު ޤަބޫލުކުރާގޮތުގައި އިނގިރޭސި ފުޓްބޯޅަ ކްލަބުތަކުގެ ހިއްސާތައް ގިނަ އަރަބިންގެ ކޮންޓްރޯލްގައިވުމުން އެސޯސިއޭޝަނަށް އެމީހުންނާއި ދެކޮޅުވާން ނުކެރުނީއެވެ. އަދި އެއެސޯސިއޭޝަނުން ވަނީ މެޗްތަކުގައި ދެޤައުމުގެ ދިދަ ބޭނުންނުކުރުމަށްވެސް އަންގާފައެވެ. އިނގިރޭސި ސަރުކާރުން ވަނީ މެޗްތަކުގައި ފަލަސްތީނުގެ ދިދަ ދައްކާލުން ޖިނާއީ ކުށެއްގެ ގޮތުގައި ކަަނޑައަޅާފައެވެ.

ފްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލާއި ފަލަސްތީނާއި ދެމެދު ހިނގާ ހަނގުރާމައިގައި ކުށެއްނެތް އެތަކެއް މީހުންނަށް ދެމުންދާ އަނިޔާތައް ކުށްވެރިކޮށްފައެވެ. އަދި ހަމައެއާއިއެކު، ބްރިޓިޝް ރެޑް ކްރޮސްއަށް އެހީވާނެ ކަމަށްވެސް ވައުދުވެފައި ވެއެވެ.

މި ހަނގުރާމަ ތަހައްމަލުކުރަމުންދާ މައުސޫމް ޢާންމުންނާއި އެކީގައި ތިބިކަން އަންގައިދިނުމުގެ ގޮތުން ޕްރިމިއާ ލީގުގެ މެޗްތައް ފެށޭ ދުވަހެއްގައި ކުޅުންތެރިންނާއި ކޯޗުން ކަޅުކުލައިގެ އާމްބޭންޑެއް އަޅައިގެން ތިބޭނެ ކަމަށް އެ ބަޔާނުގައި ހާމަކޮށްފަވެއެވެ. އަދި މި ހަނގުރާމައިގައި މަރުވި މީހުންގެ ހަނދާނުގައި މިނެޓެއްގެ ސުކޫތެއްގައި އެންމެން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ. އަދި އެ ހަރަކާތްތައް އޮކްޓޫބަރ 23ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ބްރޭކަށްފަހު ޕްރިމިއާ ލީގުގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން