ފުޓުބޯޅަ ކެރިއަރުގައި 1000 ގޯލް ހަަމަކުރުމަށް ޕޯޗުގަލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަޒުމް ކަނޑައަޅައިފިއެވެ.

ރޮނާލްޑޯ މިގޮަތަށް އަޒުމް ކަނޑައެޅީ އެފްސީ ޕޯރޓޯގެ ރައީސް ޖޯޖް ނޫނޯ ޕިންޓޯ އޭނާއަށް ގޮންޖެހުމާއި ގުޅިގެންނެވެ.

"1000 ގޯލް ހަަމަކުރަން އޭނާ އަހަރެންނަށް ގޮންޖެހި. 900 ގޯލް ހަަމަކުރެވިދާނެ ރިޓަޔަރވުމުގެ ކުރިން. 1000 ގޯލް ހަމަކުރެވޭނީ އުނދަގުލުން." ސްލޮވޭކިއާއާއި ދެކޮޅަށް ކުޅުނު ޔޫރޯ ކޮލިފައިން މެޗަށްފަހު ރޮނާލްޑޯ ބުނެފައި ވެއެވެ.

އެންމެ ފަހުން ޕޯޗުގަލްއިން ޔޫރޯއަށް ކޮލިފައިވީ މެޗްގައިވެސް ރޮނާލްޑޯ ވަނީ އޭނާގެ ޤައުމީ ޓީމަށް 2 ލަނޑު ޖަހާދީފައެވެ. ސްލޮވޭކިއާއާއި ދެކޮޅަށް ކުޅުނު އެމެޗަކީ ރޮނާލްޑޯ ޤައުމީ ޓީމުގައި ފެނިގެންދިޔަ 200 ވަނަ މެޗެވެ.

2022 ވަނަ އަހަރުގައި ރޮނާލްޑޯ ވަނީ ފީފާއިން ހޮވާ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެެ. އުމުރުން 38 އަހަރުގެ ރޮނާލްޑޯއަކީ 2021 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ތިބި ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

ރޮނާލްޑޯ ވަނީ އޭނާގެ މުޅި ކެރިއަރުގައި ޖުމްލަ 857 ގޯލް ޖަހާފައެވެ.

މި ސީޒަންގައި އަލް ނަސްރުގައި ފެނުނު 11 ފެނިލުމެއްގައި އޭނާ ވަނީ އެ ކްލަބަށް 11 ގޯލް ޖަހާދީފައެވެ. އަހަރެއްގެ މައްޗަށް 175 މިލިއަން ޕައުންޑްގެ މުސާރައަކަށް ސައުދީ ލީގަށް ބަދަލުވި ރޮނާލްޑޯއާއިއެކު އެކްލަބުން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގައެވެ. ރިޕޯޓްތައް ބުނާގޮތުގައި ރޮނާލްޑޯ ގަސްދުކުރަނީ އަލްނަސްރާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކުރާށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން