ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކުގެ ބަހުގެ ހަމަލާއެއް ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމަށް އަމާޒުކުރައްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު އެމްއާރުއެމްގެ ރައީސް މައުމޫނަށް ބަހުގެ ހަމަލާއެއް އަމާޒު ކުރެއްވީ ރައްޔިތުންގެ މަޖިލީހާއި ހޯމް މިނިސްޓްރީއަށް ފާޑުކިޔައި އެމަނިކުފާނު ނިސްބަތްވާ ޕާޓީން ބަޔާނެއް ނެރުމާއި ގުޅިގެންނެވެ. އެމްއާރުއެމްގެ ބަޔާނުގައި ރައްޔިތުންގެ މަޖިލީހުގެ ޒިންމާ އަދާނުކުރާ ކަމަށް ބުނެ، އެއްވެ އުޅުމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީ އިން ނެރުނު އިއުލާނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ގާނޫނުތައް އިސްލާހުކުރުން އަވަސްކުރުމަށް އެމްއާރުއެމްގެ ބަޔާނުގައި ގޮވާލައިފައިވެއެވެ. ރައީސް މައުމޫނަށް ސަރުކާރުން ލިބުނު ބައިގައި ހިމެނިގެން އެޕާޓީގެ ވަޒީރަކު އައްޔަން ކޮށްފައި ހުރި ހައުސިން މިނިސްޓްރީ އުވާލުމުން އެޕާޓީގެ ބައެއް ބޭފުޅުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ.

އެކަން ކަމަށް އިޝާރަތް ކުރައްވައި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި ރައީސް މައުމޫނަށް ތައުރީފް ކޮށް ސަނާކިޔައި "ތިޔައީ ޒައީމޭ އަދު ލޮބުވެތި މިގައުމު ފަޚުރުވެރިވާ" ލަވަޖެހިއިރު ރައީސް ސޯލިހާއި އެމްޑީޕީ ވަރެއް މައުމޫނަށް ނެތް ކަމަށެވެ. އެހެން ނަމަވެސް ވުޒާރާ އެއް އުވާލައިގެން ރައީސް ސޯލިހް މިހާރު މުޅިން ގޯސްވެފައިވާ ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.ރީކޯ މޫސަ ވިދާޅުވީ އެމްއާރުއެމް އަށް ރައްޔިތުންގެ މަޖިލިސް އާއި ހޯމް މިނިސްޓަރުވެސް ގޯސްވެފައިވާ ކަމަށާއި އެއްވެ އުޅުމުގެ ގާނޫނު ވެސް އުވާނުލާ އޮތްކަން ވެސް މިހާރު އެގިއްޖެ ކަމަށެވެ.

"2023 ކައިރިވަނީއެވެ. އެއްވެ އުޅުމުގެ ގާނޫނު 30 އަހަރު އޮތް ގޮތަށް ބަދަލުވާނެތާއެވެ." ވެރިކަން ކުރާ އެމްޑީޕީ އުފެއްދުމުގައި 7 ވަނަ އަށް ސޮއިކުރެއްވި އެޕާޓީ އުފެއްދުމުގައި އިސްރޯލެއް އަދާކުރައްވައި އިސްލާހީ ހަރަކާތްތަކުގެ އިސްސަފުގައި ހަރަކާތްތެރިވެވަޑައިގެންފައިވާ ރީކޯ މޫސަ ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އުވާނުލައި ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް، އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ލަސްވަމުންދާތީ އެމްއާރުއެމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރީކޯ މޫސަ އަކީ ރައީސް މައުމޫނަށް މީގެ ކުރިން އާންމުކޮށް ވަރަށް ގިނައިން ފާޑުވިދާޅުވެފައިވާ ބޭފުޅެކެވެ. އަދި މޫސަ އަކީ ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައި ދިނުމަށާއި ރައީސް މައުމޫންގެ ސަރުކާރުގެ 30 އަހަރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގޮވާލަމުން ގެންދަވާ ބޭފުޅެކެވެ. އެހެން ނަމަވެސް ޒަމާން ތަކަކަށް ފަހު މިއީ ރައީސް މައުމޫނަށް ރީކޯ މޫސަ ފާޑުވިދާޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރީކޯ މޫސަ އަކީ އެމްޑީޕީގެ މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގެންނެވި އެޕާޓީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން