ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ތާއީދު ނުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭގޮތުން އެމްޑީޕީން ދެކޭގޮތް ކަނޑައަޅަން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެގޮތަށް ފާސްކުރީ 90 މެމްބަރުންގެ ތާއީދާއެކު އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކި އެއް މެމްބަރަކު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވެސް ވޯޓުދެއްވީ ބަރުލަމާނީ ނިޒާމާއި ދެކޮޅަށެވެ. މި ޖަލްސާގައި އެމްޑީޕީ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމަނިކުފާނު ވެސް ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ނިޒާމީ ވޯޓެއް ނަގައިފިނަމަ ރިޔާސީ ނިޒާމު ދަމަހައްޓަން އަމަލީ ގޮތުން އެމަނިކުފާނު ނިކުންނަވާނެ ކަމަށެވެެ.

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައި ބުނެފައިވަނީ އެ ވޯޓު މި މަހުގެ 30 ގެ ކުރިން ނަގަންޖެހޭނެެ ކަމަށެވެ.

އެ ވޯޓު ނަގަން މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް ވެސް ވަނީ އަންގައިފަ އެވެ. އެހެން ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ އެމުއްދަތުގެ ތެރޭގައި އެ ވޯޓް ނުނެގޭނެ ކަމަށް ބުނެ އެކަމަށް އިތުރު ވަގުތު ދިނުމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން