ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދާއި ނާއިބް ރައީސް އީވާ އަބުދު ﷲ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށައަޅައިފިއެެވެ.

އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު ހުށައެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނާއިބް ރައީސް އީވާ އަބުދު ﷲ މަގާމުން ވަކިކުރުމަށް އެދެބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ގައުމީ މަޖިލީހަށް ހުށައަޅުއްވާފައެވެ. އަދި އެގަރާރަށް މެމްބަރަކު ތާއިދު ކޮށްދެއްވުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަތް މަސް ދުވަސް ތެރޭގައި މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އެމްޑީޕީގައި އޮތުމަށް ބޭނުންވާ ކަމަށެވެެ.

"އަަޅުގަނޑު ހުށައަޅަން މުޙައްމަދު ނަޝީދާއި އީވާ އަބުދު ﷲ ރިޔާސަތުން ބޭރުކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން، އަޅުގަނޑުމެން ކުރިއަށް އޮތް ހަތް މަސް ދުވަސް ތެރޭގައި އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލާއި ބާރު ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ބޭނުން،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ޝަރީފް ވަނީ މަޖިލީހުގައި މިހާރު އޮތް ނިޒާމާ ބެހޭ ވޯޓާއި ގުޅޭ ގަރާރު ބޭރު ކުރުމަށް އިތުރު ގަރާރެއް ހުށައެޅުމަށް އެދިވަޑައިގެންފައެވެ. ޝަރީފް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް ކަމަށާއި ރައްޔިތުން ބޭނުންވަނީ ރައީސް ނަޝީދު ނޫން ގޮތެއް ކަމަށެވެ. ޝަރީފް ވިދާޅުވީ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް 45 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ބޭކާރު ގޮތެއްގައި 7 ޕަސެންޓް ރުއްސުމަށްޓަކައި ދިވެހި ދައުލަތުގެ ބަޖެޓުން މިހާ ދަތި ދުވަސް ވަރެއްގައި 45 މިލިއަން ރުފިޔާ ޚަރަދުކުރާކަށް، ބޭނުމެއް ނޫން." ޝަރީފް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން