ހައްދުންމަތީ ގަން ކޯޒްވޭ
ހައްދުންމަތީ ގަން ކޯޒްވޭ
ހައްދުންމަތީ ގަމުގައި މަސްފެންގަނޑަކަށް ވެއްޓުނު ކުޑަކުއްޖަކު ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް ރޭ މާލެ ގެނެސްފިއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ، އުމުރުން 15 މަހުގެ ތުއްތު ކުއްޖާ މަސްފެންގަނޑަށް ވެއްޓިފައި ވަނިކޮށް ފެނިގެން ނަގައިގެން ހޮސްޕިޓަލަށް ގެނެސްފައި ވަނީ، އިއްޔެ ހަވީރު ކަމަށެވެ. އަދި ކުއްޖާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ ހޭނެތިފައި ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ހޮސްޕިޓަލަށް ގެނައި ފަހުންވެސް، ކުއްޖާގެ ހާލަތު އިތުރަށް ގޯސްވެ، ފިޓުޖެހުމާއި ގުޅިގެން އިތުރު ފަރުވާއަށް އާސަންދައިން ޗާޓަރ ކުރި ފްލައިޓެއްގައި ރޭ މެންދަމު މާލެއަށް ފޮނުވާލާފައިވާ ކަމަށެވެ.

އަލީ ނަޝީދު ވިދާޅުވީ، ކުއްޖާ މާލެ ފޮނުވި އިރުވެސް ހޭ ނާރާ ކަމަށެވެ.

އުމުރުން 15 މަހުގެ ތުއްތު ފިރިހެން ކުއްޖާ ވެއްޓިފައި ވަނީ ގޯތި ތެރޭގައި ހަދާފައިވާ މަސްފެންގަނޑަކަށް ކަމަށް މައުލޫމާތު ލިބެއެވެ. އެފެންގަނޑަކީ މިހާރު ނުބަލަހައްޓައި ދޫކޮށްލާފައިވާ މަސްފެންގަނޑެކެވެ.

މަސްފެންގަމޑަށް ވެއްޓުނު ތުއްތު ކުއްޖާއަކީ ގަން މަތިމަރަދޫ އަވަށުގެ ގެއެއްގެ ކުއްޖެކެވެ. ތިންކުދިން ތިބި އާއިލާގެ އެކުއްޖާއަކީ އެންމެ ހަގު ކުއްޖާއެވެ.

މީގެ ކުރިންވެސް ގަން މަތިމަރަދޫ އަވަށުގެ ގެއެއްގައި ހަދާފައިވާ މަސްފެންގަނޑަކަށް ވެއްޓުނު ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ މާލެ ގެނެސް އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވާފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދިވެސް އެކުއްޖާއަށް ފަރުވާދެމުން ދަނީ އިންޑިއާގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން