އަލަށް އުފަންވާ ކުދިން ނިންދެވުމަކީ އެކުދީންގެ ހެދިބޮޑުވުމަށާއި ދުޅަހެޔޮ ޞިއްޙަތެއް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ތުއްތު ކުދީން ބޮޑުވަމުން އަންނައިރު، ނިދުމުގެ ރަނގަޅު އާދަތައް އެކުދީންގެ ކިބައިގައި އަށަގެންނެވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ތުއްތު ދަރިފުޅަށް ރަނގަޅަށް ނުނިދިއްޖެނަމަ 'ސްލީޕް ސައިކަލް'އަށް ނުވަތަ ނިދުމުގެ ވަގުތުތަކަށްވެސް އޭގެ އަސަރު ކޮށްފާނެ އެވެ. ތުއްތު ދަރިފުޅަށް އެކަށީގެންވާ މިންވަރަކަށް ނިދި ކަށަވަރު ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ތިރީގައި މިވަނީ އެވެ.

ތުއްތު ދަރިފުޅަށް ބޭނުންވާ ވަރަށް ނިންދެވުމަށް ކުރެވިދާނެ ކަންކަން

1- ކާވަގުތުތައް ކަނޑައެޅިފައިވުން:

ދަރިފުޅުގެ ބަނޑުހައިވުމާއި ރަނގަޅަށް ނުނިދުމަކީ ގުޅިފައިވާ ދެކަމެކެވެ. އެހެންކަމުން ދަރިފުޅު ނިންދެވުމުގެ ކުރިން ކާންދޭންވާނެއެވެ. އޭރުން ބަނޑުހައިވުމުގެ ސަބަބުން އިރުއިރުކޮޅާ ނުހޭލާނެއެވެ. އަދި ނިދުމުގެ ވަގުތު ޝެޑިއުލް ކުރުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ރަނގަޅަށް ނިދި ލިބުން ކަށަވަރުކުރުމަށްޓަކައި ތުއްތު ދަރިފުޅަށް ނިދުމުގެ ޝެޑިއުލެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. ކުދިންގެ ޝެޑިއުލްތަކުގައި ނިދުމާއި ހޭލެވޭ ގަޑިތައް ކަނޑައަޅައި، ރޭގަނޑުގެ ވަގުތުތަކުގައި ފެންވަރައި، ކާންދިނުން، ފަދަ ކުރަންޖެހޭ ހުރިހާ ކަމަކަށް ރޫޓިންތަކެއް ހަދާށެވެ.

2- ޕެސިފިއަރ އެއް ނުވަތަ ތުންގަނޑު ބޭނުންކުރުން: ނިދަން އުނދަގޫވާނަމަ ދަރިފުޅަށް ޕެސިފިއަރއެއް ދެވިދާނެއެވެ. މިއީ ނިދުމަށް ފަސޭހަވުމުގެ އިތުރުން ކުއްލިއަކަށް ނޭނގޭ ތުއްތު ކުދިން މަރުވުމުން ނުވަތަ އިންފެންޓް ސަޑަން ޑެތު ސިންޑްރޮމް ގެ ނުރައްކާ ވެސް ކުޑަކޮށްދޭކަމެކެވެ.

3- ނިދުމަށް ރަނގަޅު މާހައުލެއް ކަށަވަރުކުރުން: އަރާމު ނިންޖެއް ކަށަވަރުކުރުމަށްޓަކައި ދަރިފުޅަށް ނިދުމުގެ ރަނގަޅު މާހައުލެއް ކަނޑައެޅިފައިވާކަން ކަށަވަރުކުރަންވާނެއެވެ. ބައެއް ތުއްތު ކުދިންނަށް ސްވެޑްލިން ނުވަތަ ފޮތިގަނޑަކުން މުޅިގައި ނިވާވާހެން އޮޅާލުމުން އަވަހަށް ނިދައެވެ. އަނެއް ބައި ކުދިންނަށް 'ވައިޓް ނޮއިސް' ނުވަތަ ބޭރުތެރޭގެ އަޑުތަކުން އުނދަގޫ ކުޑަކުރުމަށް ކޮންމެވެސް މަޑު ރާގެއް ނުވަތަ މީގެ ބަދަލުގައި ޤުރުއާން ޖެހުމުންވެސް އަވަހަށް ނިދައެވެ.

4- ދުވާލުގަޑީގައި މާގިނައިން ނިންދެވުމުން ދުރުހެލިވުން: މިއީ ތުއްތު ދަރިފުޅުގެ ސިއްހަތަށް ފައިދާހުރި ކަމެއް ނަމަވެސް ރޭގަނޑުގެ ނިދުމާއި ގާތްކޮށް ނިންދެވުމަކީ އެކުދިންގެ ނިދުމުގެ ޝެޑިއުލަށް ބުރޫ އަރާފާނެ ކަމެކެވެ.

5- ގުދުރަތީ އައްޔަށް ހޭނުވުން: ގުދުރަތީ އައްޔަކީ ނިދުމުގެ ވަގުތުތައް ރެގިއުލޭޓް ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ދުވާލުގެ ވަގުތުގައި ތުއްތު ދަރިފުޅަށް އަލިކަމާއި ރޭގަނޑު އަނދިރިކަން އިހުސާސްކޮށްދިނުން މުހންމެވެ. ގުދުރަތީ އިރުގެ އަލިން ތުއްތު ދަރިފުޅު އެކްޓިވްކޮށްދެއެވެ. އަދި އަނދިރިވުމުން އެކުދިންގެ ނިދުމުގެ ވަގުތުއައިސްފިކަމަށް އިޝާރާތް ކުރާނެއެވެ.

ތުއްތު ދަރިފުޅު ވަރުބަލިވެފައިވާކަން އަންގައިދޭ ނިޝާންތައް: އަހަރެއްނުވާ ތުއްތު ކުދިން ގިނައިން ނިދުމާއިއެކު ދެ ގަޑިއިރަށް ވުރެ ގިނައިރު ހޭނުލާ ތިބެއެވެ. އެކުދިން ހޭލާ ވަގުތު މަޑުމަޑުން އިތުރުވެ، ނިދުމާއި ހޭލާ ހުންނަ ވަގުތާއިދެމެދު ވަގުތު ނަގާނަމަ ނިދަން އުނދަގޫވެދާނެއެވެ. ތުއްތު ދަރިފުޅު ވަރުބަލިވެފައިވާކަން އަންގައިދޭ ނިޝާންތަކާ ބެހޭ ގޮތުން ވިހައިގެންއުޅޭ ދުވަސްވަރުގައި ދަސްކުރަން ވާނެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

ތުއްތު ދަރިފުޅު ވަރުބަލިވެފައިވާ ކަމުގެ ނިޝާންތައް- ލޯއުނގުޅައި ނުވަތަ ދެއަތުން ކަންފަތް އުނގުޅުން

- ރުއިމާއިއެކު މީހުންނާއި ކުޅޭ އެއްޗެހީގެ އެއްވެސް ޝައުގުވެރިކަމެއް ނެތުން

- ހިމޭންވެ ވަރުބަލިވުން

ނޯޓު: ދަރިފުޅަށް ނިދަން އުނދަގޫވެ، އަބަދު ރޮއެހަދާނަމަ ލަސްނުކުރައްވާ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން