އދ . މަންދޫ
އދ . މަންދޫ
އދ. މަންދޫއަށް ހޯމް ކަރަންޓީނަށް ދިޔަ ދިވެހި ޒުވާނަކު ދޯނި ރަށަށް ލެފިއިރު ދޯނީގައި ނެތިގެން އެމްއެންޑީއެފް ކޯސްޓް ގާރޑުން އޭނާ ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މާލެއިން ފުރައިގެން އދ. މަންދޫއަށް ދިޔަ ރަންތަރި ދޯނިން އެރަށް ދަތުރުކުރި އުމުރުން 27 އަހަރުގެ ދިވެއްސަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާރޑް ސްކޮޑްރަން އަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމުން އަލިވެ 2:10 ހާއިރުއެވެ. މި ދޯނިން ގެއްލިފައިވަނީ އދ. މަންދޫ ރަތްވިލާގެ، އުމުރުން 27 އަހަރުގެ އަލީ ޝާހު އެވެ.

އަލީ ޝާހު އަކީ މާލެއިން ހޯމް ކަރަންޓީނަށް ދިޔަ މީހެއް ކަމަށާއި އޭނާ ދޯނީގައި ނެތްކަން އެނގުނީ މަންދޫ ފަޅަށް ދޯނި ވަދެ ފާލަމާއި ކައިރިކުރި ފަހުން ކަމަށް ދޯންޏާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އޭނާ އެންމެ ފަހުން ލައިގެން ހުރީ މުށި ކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާ އަޅިކުލައިގެ ޖިންސެއް ކަމަށް ދޯނީގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. އެމްއެންޑީއެފުން ހޯދަމުންދާ އަލީ ޝާހާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފަށް ރިޕޯޓް ކުރުމަށްވެސް އެފަރާތުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން