ގެއިން ބޭރަށް ތެރޭގައި އެހެންކުދިންނާއެކު ކުޅުމަށް ފުރުޞަތު ދިނުމަކީ ދަރިފުޅުގެ ހެދިބޮޑުވުމަށް ނުހަނު މުހިންމުކަމެކެވެ. އެހެންނަމަވެސް މާލޭގައި ދިރިއުޅޭ ގިނަ ބެލެނިވެރިންނަކީ ދަރިފުޅު ގޭގައި ބަހައްޓާފައި ނުވަތަ ޑޭކެއަރއަކަށް ލާފައި ވަޒީފާ އަދާކުރުމަށް މަޖުބޫރުވެފައިވާ މީހުންނެވެ. ދެން ގެއަށް އައުމަށްފަހު ވަރުބަލިކަންމަތީގައި ގޭގައި ކުރަންޖެހޭ ކަންކަން ކުރުމަށްފަހު ދަރިފުޅާއިއެކު ބޭރަށް ނުކުމެލަން ބަލާއިރު އޮންނާނީ އިރު އޮއްސިފައެވެ. އަދި މިއީ ހަފްތާގެ ދުވަސްތައް އަބަދުމެ ނިމޭގޮތަށް އޮންނަނީ ބަދަލުވެފައެވެ.

އެހެންނަމަވެސް ބޮޑެތި ވަމުންއަންނަ ކުދިންނަކީ ބޭރުތެރޭގެ އަތްވާއި ސާފުވައި އަދި އައު ކަންކަން ތަޖުރިބާކުރަން ބޭނުންވާނެ ބައެކެވެ. އަދި އެއީ އެކުދިންގެ ހެދިބޮޑުވުމަށްވެސް ނުހަނު މުހިންމު ކަމެކެވެ.

ބޭރުގައި ވަގުތު ހޭދަކުރުމުން ކުދިންނަށް ލިބެނިވި މުހިންމު ފައިދާތައް؛

1. ލޮލުގެ ފެނުން : ބޭރުގައި ކުޅުމާއި ވަގުތު ހޭދަކުރުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ލޮލުގެ ފެނުމަށް އޭގެ ހެޔޮ އަސަރު ކުރުމެވެ. ކުޑަކުދިން ގެއިން ބޭރުގައި ހަރަކާތްތެރިވެ އުޅޭއުޅުމުގައި ގުދުރަތީ ގޮތުން އެކި ދުރުމިނުގައި ހުންނަ އެއްޗެހިތަކަށް ސަމާލުކަން ދެއެވެ. މިކަމުގެ ސަބަބުން ލޮލުގެ މަސްތައް ވަރުގަދަވެ ލޮލުގެ ފެނުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

2. މޮޓޯ ކޯޑިނޭޝަން އިތުރުވުން: ހެބިޓް ކޯޗް އަދި ލިޔުންތެރިޔާ ޑޮކްޓަރ އޭޝްޑިން "ދަ ބުކް އޮފް ގުޑް ހެބިޓްސް ފޯ ކިޑްސް" ގައި ބުނާ ގޮތުގައި ގެއިން ބޭރުގައި ދުވުމާއި ސައިކަލް ދުއްވުމާއި ބޯޅަކުޅުން ފަދަ ކަންކަމަކީ ޖިސްމާނީ ހަރަކާތްތަކަށް ހިތްވަރުދޭ ކަމެކެވެ. މި ހަރަކާތްތަކުގެ ސަބަބުން މޮޓޯ ކޯޑިނޭޝަން އަދި ބެލެންސް ރަނގަޅުކޮށްދެއެވެ. އެހެންކަމުން މަޖާމާހައުލަކުން ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ބޭނުންވާ މިފަދަ ކުޅިވަރުތައް ކުޅެހެދުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

3. އައު ކަންކަން ތަޖުރިބާކުރުމުގެ ޝައުގުއުފެދުން: ޕިކްނިކްތަކާއި ކޭމްޕިން ޓްރިޕް ފަދަ ގެއިން ބޭރުގައި ގިނަވަގުތު ހޭދަކުރާ ކުޅިވަރު ހަރަކާތްތައް ގިނަ ކަންކަމުގައި ބައިވެރިކޮށް އެތަންތަނަށް ކުދިން ގެންދިއުމުން އެކުދިންނަށް ގުދުރަތީ މަންޒިލްތަކާއި އަޖައިބުކުރުވަނިވި ކަންކަން ތައާރަފްކޮށްދެ އެވެ. އެކަމުގެ ސަބަބުން އެކުދިންގެ ޝައުގުވެރިކަން އިތުރުވެ ވަށައިގެންވާ ދުނިޔެ ބަލާލުމަށް ހިތްވަރު ލިބި އައުކަންކަން ތަޖުރިބާ ކުރުމުގެ ޝައުޤުވެރިކަން އުފެދިގެންދެއެވެ. މީގެ ސަބަބުން ކަންނެތްކަން ފިލައި ހަރަކާތްތެރި ބަޔަކަށްވެސް ކުދިން ވެގެންދާނެއެވެ.

4. ސިކުނޑި ތަރައްޤީވުމާއި އިޖުތިމާއީ ހުނަރުތައް ކުރިއެރުން : ގެއިން ބޭރުގައި ކުޅެހެދުމަކީ ކުދިންގެ އުފެއްދުންތެރިކަމަށް ވަރަށް ގިނަ ފުރުސަތުތަކެއް ހޯދައިދެވޭނެ ކަމެކެވެ. ބޭރުގައި ހަރަކާތްތެރިވެ އުޅޭވަގުތުގައި އެކުދިންގެ ވިސްނުންތެރިކަން ބޭނުންކޮށްގެން އެކިއެކި މަޖާ ކުޅިވަރުތައް އުފެއްދުމާއިއެކު އައުކަންތައްތައް ތަޖުރިބާކުރެއެވެ. މީގެ ސަބަބުން މައްސަލަތައް މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި ސިކުނޑީގެ ޤާބިލުކަން ތަރައްޤީވުމަށސް އެހީތެރިވެދެއެވެ. ބޭރުގައި ކުޅެއުޅުމުގައި އެހެން ކުދިންނާ މުއާމަލާތް ކުރުމަކީ ބޭނުންތެރި އިޖުތިމާއީ ހުނަރުތަކެއްވެސް ދަސްކޮށްދޭނެ ކަމެކެވެ. މީގެއިތުރުން ކަންކަމުގައި އެއްބާރުލުން ދިނުމާއި، ޙިއްޞާކުރުމާއި، މުޢާމަލާތުކުރަން ކުދިންނަށް ދަސްކޮށްދެއެވެ. މި ތަޖުރިބާތަކަކީ ކުދިންގެ އިޖުތިމާއީ ކުރިއެރުމަށާއި މުސްތަގުބަލަށް ބޭނުންވާ ގިނަ ހުނަރުތަކެއް ތަރައްޤީކޮށްދޭނެ ތަޖުރިބާތަކެކެވެ.

5. ވިޓަމިން ޑީ ލިއްބައިދިނުމާއި ސްޓްރެސް ކުޑަކުރުން: ހަވީރުގެ ވަގުތުގައާއި ހެނދުނުގެ ވަގުތަކީ ހިތްގައިމު އަދި ހަންގަނޑަށް އެހައި އުނދަގޫނުވާ މިންވަރަކަށް އަވިދޭ ވަގުތުތަކެކެވެ. މިވަގުތުތަކުގައި ގުދުރަތީ، އިރުގެ އައްޔަށް އެކްސްޕޯޒްކުރުމުން ވިޓަމިން ޑީ ކުޑަކުދިންނަށް ލިއްބައިދޭނެއެވެ. ވިޓަމިން ޑީ މަދުވުމުގެ މައްސަލަ ކުދިންގެ ތެރޭގައި އާންމުވެފައިވުމުން އައުޓްޑޯ ޕްލޭއަކީ މިކަމަށް ވަރަށް އާދައިގެ ހައްލަކަށް ވެގެންދާނެއެވެ. މީގެއިތުރުން އައުޓްޑޯ ޕްލޭގެ ސަބަބުން ކުޑަކުދިންގެ ސިކުނޑިތައް ތާޒާވެ ހަމަޖެހުން ލިއްބައިދެއެވެ. މިއީ ސްޓްރެސް ލެވެލް ދަށްކޮށްދީ، ހާއްސަކޮށް އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފައިދާ ކުރާނެ ކަމެކެވެ. ގުދުރަތީ މާހައުލަކީ ސްޓްރެސް ފިލުވައިލުމަށް ވަރަށް ރަނގަޅު މާހައުލެކެވެ.

ބޭރުގައި ކުޅުމަށް ހިތްވަރު ދޭނީ ކިހިނެއް؟

- އައުޓްޑޯ ކުޅޭ ތަކެތި ފޯރުކޮށްދިނުން: ބޭރުގައި ކުޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވިދާނެ އެއް ކަމަކީ އައުޓްޑޯ ކުޅޭ ތަކެތި ކުދިންނަށް ފޯރުކޮށްދިނުމެވެ. ބައިސިކަލާއި ސްކޫޓަރު އަދި ކުޅިވަރު ސާމާނު ފަދަ ތަކެތީގެ ސަބަބުން އައުޓްޑޯ ޕްލޭ އިތުރަށް ހިތްގައިމުކޮށްލައި ކުދިންގެ ޝައުގުވެރިކަން އިތުރުކުރެވިދާނެއެވެ.

- ނަމޫނާ ދެއްކުން: ގިނަފަހަރަށް ކުޑަކުދިން، ބޮޑެތި މީހުންގެ ޢަމަލުތައް ނަކަލުކުރެއެވެ. އެހެންކަމުން ދަރިންނާއެކު އައުޓްޑޯ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމުން ރަނގަޅު ނަމޫނާއެއް ދެއްކޭނެއެވެ. އަދި މީގެ ސަބަބުން އެކުދިންނާ އޮންނަ ގުޅުން ވެސް ބަދަހިވެގެން ދާނެއެވެ.

- އައުޓްޑޯ އެޑްވެންޗަރސް ރޭވުން: ޢާއިލާއިން ޕިކްނިކް ފަދަ ބޭރުގައި ކުރެވޭ މަޖާކަންކަން ރޭވުމަކީ ކުދިން ހަނދާނުގައި ރައްކާކުރާނެ ފަދަ ތަޖުރިބާތަކެއް އުފައްދައިދޭނެ ކަމެކެވެ.

- ރަހުމަތްތެރިން ޝާމިލުކުރުން: އައުޓްޑޯ ކުޅިވަރުތަކަށް ރައްޓެހިންނަށް ދައުވަތު ދިނުމަށް ދަރިފުޅަށް ހިތްވަރު ދޭށެވެ. އެކުވެރިންނާ އެކު ކުޅުމަކީ އައުޓްޑޯ ޕްލޭގައި އިޖުތިމާއީ ކަންކަން ދަސްކުރުމަށް ފުރުސަތުލިބި އަދި ކުޅިވަރުތައް އިތުރަށް ހިތްގައިމުވެ ފުރިހަމަކޮށްދޭނެ ކަމެކެވެ.

ކުޑަކުދިންނަށް ބޭރުގައި ކުޅުމަށް ވަގުތު ހޯދައިދީ އެކަމަށް ބާރުއެޅުމަކީ މިއަދުގެ ޑިޖިޓަލް ދުނިޔޭގައި ވަރަށް މުހިންމު ކަމެކެވެ. މީގެ ސަބަބުން ޖިސްމާނީ ފައިދާތައް ލިއްބައިދީ އަދި ސިކުނޑި ތަރައްޤީވުމަށް އެހީތެރިވެދީ، ކުދިންގެ ޅައުމުރުގައި މަޖާ އުފާވެރި ތަޖުރިބާތަކެއްވެސް ލިބިގެންދާނެއެވެ. އެހެންކަމުން ހަފްތާ ބަންދުގައި ނަމަވެސް، ކުދިންނަށް ބޭނުންވާ މިވަގުތު ހޯދައިދީ، ބެލެނިވެރިންވެސް ކުދިންނާއިއެކު ކުޅިވަރު ކުޅުމުގައި ބައިވެރިވެ މަޖާ ހިތްހަމަޖެހޭ ވަގުތުތަކެއް ތަޖުރިބާކޮށްލުމަކީ ވަރަށްވެސް މުހިންމު ކެމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން