ދިރާސާތަކުން ދައްކާ ގޮތުގައި ބެލެނިވެރިން ފޯނު ބޭނުންކުރުމުގައި ހޭދަކުރާ ވަގުތު މާ ގިނަވުމަކީ ދަރިންނަށް ދިގު މުއްދަތަކަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމެކެވެ. ބެލެނިވެރިންގެ 'ފޯނު ވަގުތު'ގެ އަސަރު ކުޑަކުދިންނަށްކޮށް އެކުދީންގެ ކިޔެވުމަށާއި އުޅުމަށް ތަފާތު ބަދަލުތައް އަންނަމުންދާތަން އަޅުގަނޑުމެންގެ މުޖުތަމައުގައި ދަނީ ފެންނަމުންދެއެވެ.

ދަރީންގެ ކަންކަމުގައި ބައެއް މައިން ފަރުވާކުޑަވުމުގެ ސަބަބުން ކުދިންނަށް ނޭދެވޭ އެތައް ހާދިސާއެއް ކުރިމަތިކުރުވައެވެ. ފޯނުގެ ސަބަބުން ބެލެނިވެރިން ކުދިންނަށް ސަމާލުކަން ގެއްލުމަކީ ނުވަތަ ޑިސްޓްރެކްޓް ވުމަކީ އާ ކަމެއް ނޫނެވެ. އެހެންނަމަވެސް މިހާރަކަށްއައިސް ބައެއް މައިންބަފައިނާއި ބެލެނިވެރިވަނީ ފޯނުގައި ވަގުތު ހޭދަކުރުމުގައި ހައްދުންނެއްޓިފައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިކަމާގުޅޭގޮތުން މީގެކުރިގައިވެސް އެތައް ޖީލުތަކެއްގައި ދިރާސާކޮށް އެވާހަކަ ރިޕޯޓުކުރެވިފައި އެބަހުއްޓެވެ.



ފުރަތަމަ "ސްމާޓްފޯން" އުފެއްދުމުގެ މާ ކުރިން 1970 ގެ އަހަރުތަކުގައި ޑރ. އެޑް ޓްރޮނިކް ވަނީ "ސްޓިލް ފޭސް އެކްސްޕެރިމެންޓް" އުފައްދަވައިފަ އެވެ. މިއެކްސްޕެރިމެންޓުގައި އެންމެ ފުރަތަމަ ބެލެނިވެރިއާ ކުއްޖާއާއިއެކު ކުޅުމާއި، ހިނިތުންވެ، ވާހަކަ ދައްކާއިރު، ތުއްތު ކުއްޖާއާއި ކުރިމަތިލައިގެން ތިބެއެވެ. އެއަށްފަހު ބެލެނިވެރިޔާ ދެ މިނެޓު ވަންދެން އެއްވެސް އިހުސާސެއް ނެތް ހަމަހިމޭން މޫނެއް ދައްކައެވެ.

މިދިރާސާއިން ދައްކާގޮތުގައި، ތުއްތު ކުއްޖާ މަސައްކަތް ކުރަނީ ކޮންމެވެސް ގޮތަކުން ބެލެނިވެރިޔާ ލައްވައި ކުއްޖާއަށް ސަމާލުކަންދީ 'ރިއެކްޓްކޮށް' ޖަވާބު ދިނުމަށެވެ. ބެލެނިވެރިޔާ އެގޮތަށް ހުއްޓިހުރުމުން އިޝާރާތްކުރުމާއި، ހީލުމާއި، ރޮއި، ނުތަނަވަސްކަން އުފެދެންފަށައެވެ. އެންމެ ފަހުން ތުއްތު ކުއްޖާ މަސައްކަތް ކުރުން ދޫކޮށްލައެވެ. ދެ މިނިޓް ނިމުމުން މައިންބަފައިން އެނބުރި ތުއްތު ކުއްޖާއާއި ވާހަކަ ދައްކަން ފަށައެވެ. ވަގުތުން އެކުއްޖާ ހިނުތުންވުމާއި އުފާވެރިކަން އިހުސާސްކުރެއެވެ.

ބުނެވިދިޔަ އެކްސްޕެރިމެންޓަކީ މީގެ 50 އަހަރަށްވުރެ ގިނަ އަހަރު ކުރިން ފެނިފައިވާ ކަމަކަށްވީނަމަވެސް މިއަދުގެ ބެލެނިވެރިން ފޯނަށް ގެއްލޭވަގުތުތަކުގައި ދަރިފުޅު ކަންތައްކުރާގޮތާއި އެއްގޮތްކަމެކެވެ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ކުށްވެރިވަނީ، އެންމެ މިނެޓަކަށް ވިޔަސް، އަޅުގަނޑުމެންގެ ދަރިން ކުރާ މަސައްކަތަށްވުރެ، އެންމެ ފަހުގެ ލިޔުންތަކަށް ނުވަތަ ޕުޝް އެލާޓްތަކަށް ސަމާލުކަން ދެވޭތީއެވެ. މިދަންނަވަނީ މައިންބަފައިންނަށްވީތީ ދުވަހަކުވެސް ފޯނަށް ނުބެލޭނެ ނުވަތަ ބޭނުންނުކުރެވޭނެ ވާހަކައެއް ނޫނެވެ.

މެރީ ގްރެގަރީ ގެ 'ސްޓިލް ފޭސް އެކްސްޕެރިމެންޓުން' އަންގައިދެނީ މަދުވަގުތުކޮޅަކަށް 'ނޮންރެސްޕޮންސިވް' ނުވަތަ ދަރިފުޅަށް ސަމާލުކަން ނުދިނުމަކީ މައްސަލައެއް ނޫންކަމުގައެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށް މިއީ އާއްމުކަމަކަށް ވެއްޖެނަމަ، މިކަމަކީ މީގެ ނޭދެވޭ އަސަރު ތުއްތު ކުއްޖާގެ ހެދިބޮޑުވުމަށް ކުރާނެ ކަމެއް ކަމަށް އެކްސްޕެރިމެންޓް ދިރާސާކުރާ ތަޖުރިބާކާރުން ބުނެއެވެ.

އެހެންކަމުން މިއީ ހަމައެކަނި ސްމާޓްފޯންތަކަށް އެކަނި އިނގިލިދިއްކުރެވެން އޮތް މައްސަލައެއްވެސް ނޫނެވެ. ދަރިފުޅުގެ ކަންކަމަށް ސަމާލުކަންދިނުމަކީ ނުވަތަ ރެސްޕޮންސިވް ވުމަކީ މުހިންމު ކަމެކެވެ. ކައްކާއިރު ނުވަތަ ގޭގެ އެހެންވެސް މަސައްކަތެއްގައި އުޅޭވަގުތުވެސް ކުދިން އެކުދިންގެ މައިންބަފައިންގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރާނެއެވެ. އެހެންކަމުން ދަރިފުޅުގެ ބޭނުންތަކަށް ވީހާވެސް ބޮޑަށް އިޖާބަދެވޭތޯ މަސައްކަތްކުރުމަކީ މުސްތަޤުބަލުގައި އެކުދީންގެ ކިބައިން ރަނގަޅު ނަތީޖާތަކެއް ފެނިގެންދާނެ ކަމެކެވެ. ގްރެގަރީ އޭނާގެ ދިރާސާގައި އިތުރަށް ވިދާޅުވެފައިވަނީ ކުދިންގެ ބޭނުންތަކަށް މައިންބަފައިން އިޖާބަ ނުދޭ ނަމަ، އެކުދިންނަށް އެހެން މީހުންނަށް އިތުބާރުކޮށް ގުޅުން ބަދަހިކުރުމަށާއި އެކުދިންގެ އިހުސާސްތައް މެނޭޖު ކުރުމުގައި އިތުރު އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން ދަރިފުޅުގެ ކަންކަމުގައި ވީހާވެސް ބޮޑަކަށް ސަމާލުކަންދޭންވާނެއެވެ. އަދި އެކުދީންނަށް ސަމާލުކަންދޭންވީ ހަމައެކަނި ތުއްތު އުމުރުގައެއް ނޫނެވެ. ކުދީން ފުރާވަރު އުމުރުފަހަނަޅައި ދިޔަނަމަވެސް އެކުދީންނަށް ވަގުތު ދޭށެވެ. ކިޔަވަން ހުންނަ ވަގުތުތަކުގައިވެސް އެކުދިންކައިރީ ވަގުތު ހޭދަކުރާނަމަ އެކުދިންނަށް އެއީ ލިބިދޭ ހިތްވަރެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރިޕޯޓްތަކާއި ދިރާސާތަކުން ދައްކާ ގޮތުގައި މައިންބަފައިން ދަރިންނާއެކު ހޭދަކުރާ ވަގުތުތައް ކުރިއަށްވުރެ މިހާރު ގިނައެވެ. ބެލެނިވެރިން ކަންކަމަށް ލޯހުޅުވި ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަމާއި ހޯދައިދޭންޖެހޭ ވަސީލަތްތަކާއި ބެހޭގޮތުން މައުލޫމާތު މުއްސަންޖެވެ. އެހެންނަމަވެސް ހަގީގަތުގައިވެސް މިދިވެހި މުޖުތަމަޢުގައި، މީގެ ވިހި ތިރީސް އަހަރުގެ ކުރިން އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑުމެން ކުޑައިރު އެދެއްވި ސަމާލުކަމާއި އެ ހޭދަކުރެއްވި އަގުނުކުރެވޭ ވަގުތު، އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެންދެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ދެވޭ ވަގުތު ގިނަހެއްޔެވެ؟ 2018 ވަނަ އަހަރު "ދަ އެޓްލާންޓިކް" ގައި ޝާއިއުކުރެވިފައިވާ ' ޗިލްޑްރަންސް ސްކްރީން ޓައިމް ވާސަސް ޕޭރެންޓްސް ފޯން ޓައިމް' ކިޔާ ލިޔުމެއްގައި 'އާލީ ޗައިލްޑްހުޑް އެޑިއުކޭޓަރ' އެރިކާ ކްރިސްޓަކިސް ވިދާޅުވެފައިވާގޮތުގައި އަޅުގަނޑުމެން މިއަދު މިވަނީ ބެލެނިވެރިކަމުގެ ނުވަތަ ދަރިންބެލުމުގެ އެންމެ ނުބައި މޮޑެލްއަށް ވެއްޓިފައިއެވެ.

ކްރިސްޓަކިސް ވިދާޅުވާގޮތުގައި މައިންބަފައިން އަމިއްލަ ނަފްސުތައް އިސްލާހުކުރުމުގެ ބަދަލުގައި ދަރިންގެ ސްކްރީން ޓައިމަށް މާ ބޮޑު އަހަންމިއްޔަތެއް ދޭ ކަމަށެވެ. އަދި އަދުގެ ދުނިޔޭގައި ދަރިން ބެލުމުގައި ގެއްލިފައިވާ ކަމަކީ މައިންބަފައިންނާއި ދަރިފުޅާ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ ކޮލިޓީ ނުވަތަ ބަސްމަގެވެ. ފޯނަށް ސަމާލުކަން ދޭ ބެލެނިވެރިޔަކު ދަރިފުޅާއި މުއާމަލާތުކުރަންވެއްޖެ ހާލަތެއްގައި އަބަދުހެން ހުންނާނީ ރުޅިގަދަވެފައެވެ. މިއީ އެޑިކްޝަންގެ އަލާމާތެކެވެ.

އިތުރު ދިރާސާތަކުން ދައްކާގޮތުގައި މައިންބަފައިން ތުއްތު ކުދިންނާއި މުއާމަލާތުކުރުމަކީ ތުއްތު ކުދިންގެ ބަހުގެ ކުރިއެރުމާއި އެކުދިން އެހެންމީހުންނާއި މުއާމަލާތުކުރުމުގެ ހުނަރުވެރިކަން ކުރިއެރުމާއި ގުޅިފައިވާކަމެކެވެ. އަދި އެޓްލާންޓިކް އާޓިކަލްގައި ސައިކޮލޮޖިސްޓް ކެތީ ހިރްޝް-ޕަސެކް ވިދާޅުވާގޮތުގައި ދަރިފުޅުގެ ސްކޫލްގައި ކުރާ ހުރިހާ މަސައްކަތްތަކުގެ ކާމިޔާބީ ދެނެގަނެވޭނެ އެންމެ ފުރަތަމަ 'އިންޑިކޭޓަރ' އަކީ މުއާމަލާތުކުރުމުގެ ޤާބިލުކަމެވެ.



ތުއްތު ދަރިފުޅު ވަކި ވަކި ބަހެއް ބުނުމުގެ މާ ކުރިން ނުވަތަ ފުރިހަމަ ލަފުޒުތަކުން ވާހަކަ ދެއްކުމުގެ މާ ކުރިން ފެށިގެންވެސް ދަރިފުޅު މުއާމަލާތުކުރުމުގެ ހުނަރަށް އަހުލުވެރިވާންފަށައެވެ. އަދި މައިންބަފައިން އެކުދިންނާއި މަޖާކޮށް ވާހަކަ ދައްކާއިރު މޫނުމައްޗަށް އަންނަ ބަދަލުތަކާއި އަޑު އަދި އަނގައަށް ބަލައި އެގޮތަށް އަޑުނެރުމަށް މަސައްކަތްކޮށް އިންޓަރެކްޓް ކުރެއެވެ. އެހެންކަމުން ބެލެނިވެރިން ފޯނު ގެންގުޅުމުގެ ރަނގަޅު އާދަތަކުގައި ހިފައި އިސްލާހުވާންޖެހެއެވެ.

ދަރިން ބޮޑުވެފައިވާނަމަ ދަރިފުޅު ގާތުގައި އެކަން އިސްލާހުކުރަން ބުނާއިރު އަމިއްލަޔަށް ނަމޫނާ ދައްކަން ވާނެއެވެ. ކާގަޑިތަކާއި ފިލާވަޅު ހަދާވަގުތު އަދި އާއިލާއެކު ހޭދަކުރާ ވަގުތުފަދަ ވަގުތުތަކުގައި އެއްވެސް މީހަކު ފޯނުގައި އަތްނުލުމަށް ކަނޑައަޅައި ގަވައިދުތަކެއް ހަދާށެވެ. އަދި އެގޮތަށް އަމަލުކުރަންފަށާށެވެ. ދަރިފުޅަށް ރަގަނޅު ތަރުބިއްޔަތެއް އެދޭނަމަ ނުވަތަ އިސްލާހުވުމަށް އެދޭނަމަ ފުރަތަމަ އިސްލާހުވާންވީ ބެލެނިވެރިޔާކަން ހަނދާނުގައި ބަހައްޓާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން