މިހާރަކަށްއައިސް ސްކޫލް ދަރިވަރުންގެ މެދުގައި އަމިއްލަ ނަފްސަށް ގެއްލުންދިނުމަކީ އަކީ އާ ޓްރެންޑެއްގެ ގޮތުގައި ދަނީ ފެންނަމުންނެވެ. ގިނަ ފަހަރަށް ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް އެކަން ނޭނގެ އެވެ. އިންޑިއާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން ރިޕޯޓުތަކުން ދައްކާ ގޮތުގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ޒުވާނުންގެ ތެރޭގައި އޮތް ވަރަށް ބޮޑު މައްސަލައެކެވެ. އަމިއްލަ ނަފްސަށް ގެއްލުންދޭ ޒުވާނުން އަމިއްލަ ނަފްސަށް ކުރާ ގެއްލުންތައް ތަކުރާރުކުރުމުގެ ފުރުސަތު ބޮޑެވެ، އޭގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ފުރުސަތު އިތުރުވެއެވެ.

ޓައިމްސް ނައުއަށް ދެއްވި އިންޓަވިއުއެއްގައި ސައިކޮލޮޖިސްޓް އަދި "ސެލްފްކަނެކްޓްސް"ގެ ފައުންޑަރ އަދި ސީއީއޯ ޑރ. ޑރ ސަމީދާ ޕާންޑޭ ބުނާގޮތުގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ޖިސްމާނީ ގޮތުން ވޭން ދިނުމުގެ ބޭނުމުގައި އަމިއްލަ ނަފްސަށް ގެއްލުންދިނުމެވެ. އެއީ އުނދަގޫ އިހުސާސްތައް ބޭރުކޮށްލައި ހައްޓަށް ލުއި ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި ނުވަތަ އެހެން މީހުންނަށް އުނދަގޫތައް މުއާމަލާތް ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ކުރެވޭކަމެކެވެ. އަދި މިއީ އަމިއްލައަށް މަރުވުމުގެ ގަސްދުގައި ކުރާކަމެއްނޫން ނަމަވެސް އަމިއްލަ ނަފްސަށް ގެއްލުންދޭ ބައެއް މީހުންނަކީ އަމިއްލައަށް މަރުވުން ނުވަތަ އަމިއްލައަށް މަރުވުން ފަދަ ކަންތައްވެސް ކުރަން ބޭނުންވާ ބައެކެވެ. އަމިއްލައަށް މަރުވުމުގެ ވިސްނުމަކީ ނުވަތަ ސުއިސައިޑަލް ތޯޓްސްއަކީ ދިރިއުޅުމަކީ އަގު ހުރި އެއްޗެއް ނޫން ކަމަށް ދެކި ދިރިއުޅުމުގެ ބޭނުމެއްނެތްކަމަށް ސިކުނޑީގައި އެނބުރެންފަށާ ޚިޔާލުތަކެވެ. އަދި ސަމީދާ ވިދާޅުވަނީ އަމިއްލައަށް މަރުވުމުގެ ވިސްނުމަކީ އަބަދުވެސް އަމިއްލައަށް މަރުވުމަށް ނުވަތަ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމަށް މަގުފަހިވާ ކަމަކަށް ނުވެދާނެ ކަމަށާއި އެހެންނަމަވެސް، މިއީ ލުއިކޮށް ނަގަންވާނެ ކަމެއް ނޫންކަމަށެވެ.

ސައިކޮލޮޖިސްޓް ޑރ. ސަމީދާ ޕާންޑޭ ވިދާޅުވާގޮތުގައި ދަރިވަރުން އަމިއްލަ ނަފްސަށް ގެއްލުންދޭ މައިގަނޑު ސަބަބުތަކަކީ ކޮމްޕްލިކޭޓެޑް އަދި ގިނަ ފަހަރަށް ސާފުނުވާ ސަބަބުތަކެއް ކަމަށެވެ. އަމިއްލަ ނަފްސަށް ގެއްލުމެއް ލިބުމަކީ ހިތާމައިގެ އިހުސާސްތައް މުއާމަލާތްކުރަން މަސައްކަތްކުރުމާއި/ނުވަތަ އެހީތެރިކަން ބޭނުންވާކަން ހާމަކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭކަމެކެވެ. އަމިއްލަ ނަފްސަށް ގެއްލުމެއް ލިބުމަކީ ވެސް އެމީހާއަށް ހަށިގަނޑުގައި އަޅާ ވޭން ކޮންޓްރޯލްވާކަމުގެ އިހުސާސްތަކާއިއެކު ވަގުތީ ލުޔެއް ލިބުން އެކަށީގެންވާ ކަމެކެވެ.

ޑިޕްރެޝަންއާއި އަމިއްލަ ނަފްސަށް ނަފްރަތު ކުރުމުގެ މައްސަލަތައް ކުރިމަތިވާ ފުރާވަރުގެ ކުދިންގެ ތެރޭގައި މިމައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑެވެ. އަމިއްލަ ނަފްސަށް ގެއްލުންދިނުމަށް ކުރާ ކަންކަމުގެ ތެރޭގައި އެންމެ އާއްމުކޮށް ކޮށް އުޅޭކަމަކީ ހަންގަނޑުގައި ވަޅި ނުވަތަ ތޫނު އެއްޗަކުން އަޅުވައި ކަނޑާލުމެވެ. އެހެންކަމުން ކުއްޖާގެ އަތް، ކަނދުރާ، ބަނޑު، ފައި ނުވަތަ ހަށިގަނޑުގެ އެހެނިހެން ތަންތަނުގައި ޒަހަމްތަކެއް ހުރިތަން ފެނިއްޖެ ނަމަ އެކަމަށް ބެލެނިވެރިން ސަމާލުވުން ވަރަށް މުހިންމެވެ.

ދަރިފުޅަށް އަމިއްލަ ނަފްސަށް ގެއްލުންދޭކަން ދެނެގަންނާނީ ކިހިނެއް؟



އާއްމުކޮށް ކުދިން ގޭގައި އުޅޭއިރު ދިގު އެއްޗެހި ނުލާނަމަ އަދި ކުއްލިޔަކަށް އަތްދިގު ހެދުމާއި ފައިކުރި ނުފެންނަހެން ހެދުން އަޅަންފަށަނީ މިފަދަ ކަމެއް ސިއްރުކުރުމަށެވެ. ދިގުހެދުމުން ފޮރުވިގެން އަނިޔާތައް ސިއްރުކޮށް މައިންބަފައިންނާއި އެހެންމީހުންގެ ފަރާތުން ޒަޚަމްތަކާއި ބެހޭގޮތުން ސުވާލުކޮށްފާނެތީ އެކަމަށް ބިރުން މިގޮތަށް އެކުދިން ކަންތައް ކޮށްފާނެއެވެ. އަދި މިފަދަ އާދައެއް ހުރިތޯ ދެނެގަތުމަށް ދަރިފުޅުގެ ނަފްސާނީ ހާލަތުވެސް ދެނެގަންނަން ޖެހެއެވެ. ޑިޕްރެޝަން ހުންނަ ކުދިންނަށް އެންއެސްއެސްއައިގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ބޮޑެވެ. ޑިޕްރެޝަންގެ އަލާމާތްތަކުގެ ތެރޭގައި މާޔޫސްކަން ނުވަތަ ބޭކާރުމީހެއްކަމުގެ ފިކުރު ގެންގުޅުން، ނިދުމުށް އުނދަގޫވުން އަދި ހަކަތައިގެ މިންވަރު ދަށްވުން ހިމެނެއެވެ.

އަމިއްލަޔަށް ގެއްލުންދިނުމާއި އަމިއްލަޔަށް މަރުވުމާއި ގުޅުމެއްވޭތަ؟

މިދެކަންތަކަކީ ސީދާ ގުޅުމެއްވާ ދެކަންތަކެއްނޫނެވެ. އެހެންނަމަވެސް އަމިއްލަޔަށް ގެއްލުންދިނުމަކީ ސީރިއަސްކޮށް ނަގަންޖެހޭ ކަމެކެވެ. މިއީ ކުއްޖާ ކަންކަމާއި ކުރިމަތިނުލެވި އުނދަގޫ ކަންކަމާއި ކުރިމަތިނުލެވުމުން ކޮންމެ ފަހަރަކު ހައްޓަށް ލުއިހޯދާނެ 'ކޯޕިން މެކެނިޒަމް' އެއްގެ ގޮތުގައި އާދަވުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން މިކަންކަން ދިމާވަނީ އާއްމުގޮތެއްގައި ކޮންކޮން ސަބަބުތަކަކާއިހުރެތޯ ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަކީ ބެލެނިވެރިންނަށް ކުރެވިދާނެ ކަމެކެވެ. އަދި އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އާލާވުމަށް މަސައްކަތްކޮށްދީ އިހުސާސްތައް ބޭރުކުރުމަށް ރަނގަޅުގޮތްތައް ދަސްކޮށްދިނުމަކީވެސް ކުރެވިދާނެ މުހިންމު ކެމެކެވެ.

އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ އަލާމާތެއް ދަރިފުޅުގެ ކިބައިން ފެނިއްޖެނަމަ ބެލެނިވެރީން ކަންތައްކުރާނީ ކިހިނެއް؟





ދަރިފުޅުގެ ކިބައިން މިފަދަ ކަންތައްތައް ފެންނަނަމަ އެއްޗެހި ނުގޮވާށެވެ. އެކުދިންގެ ވިސްނުމަކީ 'ލޮޖިކަލް' ވިސްނުމެއް ނޫނެވެ. ވީމާ އެއީ ހަރާމް ކަމެކޭ އެކަނި ބުނެގެން އެކުދިންނަކަށް އެކަމުން ދުރެއް ނުވެވޭނެއެވެ. އަދި ކީއްކުރަން ކުރާ ކަމެއްހެއްޔޭ ކިޔައި ހަޅޭލައި އެކުދިން މުޅިއާއިލާ އެންމެގެ ކުރިމަތީ ފަޟީހަތްކޮށް ބޭޒާރުކުރުމުން ހާލަތު އިތުރަށް ވާނީގޯހެވެ. ވީމާ ދިވެހި މައިންބަފައިން ޒަމާނުއްސުރެ ހަރުލާފައިވާ އެއްޗެތި ގޮވުމުގެ އާދަ، މިހާލަތުގައި ވަރަށް ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު އެއްފަރާތްކޮށްލަން ޖެހޭނެއެވެ. އަމިއްލަ ނަފްސަށް ގެއްލުންދޭ ކުއްޖާ ހަނގުރާމަ ކުރަމުން ދަނީ އެކުއްޖާގެ ނަފްސުގެ ފިކުރުތަކާއިއެވެ. ވީމާ، އިތުރަށް ގެއްލުން ދިނުމުގެ ބަދަލުގައި، އެކުދިންނަށް ހޯދަންޖެހޭ އެހީތެރިކަން ހޯދައިދޭށެވެ. ކައުންސިލިންގެ އެހީތެރިކަން ހޯދަމުން މައިންބަފައިން އެކުއްޖާއާއިމެދު މުއާމަލާތު ކުރަންވީގޮތްވެސް ހޯދާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން