ކުޑަކުދިންނަކީ ކޮންމެ ގޮތަކަށްވެސް ބައްޓަން ކުރެވިދާނެ ބައެކެވެ. އެހެންނަމަވެސް އަބަދުހެން އެކުދިންނަކީ އެއްވެސް ކަމެއް ކުރަން ދަންނަ ބައެއް ނޫންކަމަށް ވިސްނޭފަދަ ބަސްތައް ބުނުމާއި އެކުދިންގެ އަމިއްލަ ޝަޚުޞިއްޔަތެއް ބިނާވުމަށް ހުރަސްއެޅޭފަދަ ގޮތްތަކަށް އަބަދު އެހެން މީހުން އެދޭގޮތަށް ހުރިހާ ނިންމުމެއް ނިންމެވުންފަދަ ކަންކަން ކުރުން އެއީ މައިންބަފައިންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

މީގެ ސަބަބުން އެކުދިންގެ އަމިއްލަ ވިސްނުން ރަނގަޅު ނޫން ކަމުގެ އިޙްސާސް އެކުދިންނަށް ކުރެވި ކޮންމެ ކަމަކަށް އެހެންމީހުންނަށް ބަރޯސަވުމުގެ އިތުރުން އެކުދީންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، އެހެންމީހުން ހިތްހަމަޖައްސުވައިދޭން މަސައްކަތްކުރުމުގެ ވިސްނުން ހަރުލައި އެފަދަ އާދަ އެކުދިންގެ ގައިގައި އަށަގަނެދާނެއެވެ. މިއީ ކޮންމެ މާހައުލެއްގައިވެސް ކުދިންގެ ފައިދާ ގޯސްގޮތުގައި ނެގުމަށް ހުޅުވާލެވޭ ދޮރަކަށްވުމަކީ އެކަށިގެންވާކަމެކެވެ. އަދި މިކަމަކީ ބޮޑުވުމުން އެކުދިން އަނިޔާވެރި ބައެއްގެ ތެރެއަށް ދާންޖެހި އެފަދަ ބައެއްގެ އަނިޔާއިން ސަލާމަތްވުމުގެ ހިތްވަރު އެމީހުންގެ ޝަހުސިއްޔަތުގެ ތެރެއިން ނެރެން އުނދަގޫވެދާނެ ކަމެކެވެ.

އެހެންމީހުން ރުއްސުމާށް ކޮންމެ ކަމެއްވެސް ކޮށްފާނެ ފަދަ ޝަހުސިއްޔަތު ބަލިކަށިމީހުންނަށް ނަފްސާނީ އިލްމުވެރިން ނަންދީފައި އޮންނަނީ 'ޕީޕަލް ޕްލީޒަރ'ގެ ނަމުންނެވެ. އެހެންކަމުން މިފަދަ މީހުންގެ ކިބައިން ފެނިދާނެ ބައެއް ސިފަތައް ހިއްސާކޮށްލާނަމެވެ.

- ކަންކަމަށސް ނޫނެކޭ ބުނުމަށް ދަތިވުން

- އެހެން މީހުންގެ ރުހުމާއި ލޯބި ހޯދުމަށް އަބަދު މަސައްކަތްކުރުން

- އަމިއްލަމީހާއަށް ވުރެ އެހެން މީހުންގެ ބޭނުންތަކާއި އެދުންތަކަށް އިސްކަންދިނުން

- ކޮންމެ ކަމެއް ކުރިމަތިވިޔަސް މީހުންނާއި ކުރިމަތިލައި ދެބަސްވެ ނަފްސުގެ ދިފާއުކުރުމަށް ބޭނުންނުވުން

- މީހުންގެ ކަންކަން ފުއްދައި ނުދެވޭ ވަގުތުތަކުގައި ހާސްކަން އިހުސާސްވެ އަމިއްލަ ނަފްސު ކުށްވެރިކުރުން

- އަމިއްލަ ނަފްސަށް އިހުތިރާމްކުޑަވުން

- އަމިއްލަ ޚިޔާލު ފާޅުކުރުމަށް އުނދަގޫވުން

- އެއްވެސްކަމެއްގައި އެހެންމީހުން އޭނާއަށް ނުރުހިދާނެތީ އަބަދުހެން ބިރެއްގެމަތީގައި އެމީހުންގެ ކަންކަންކޮށްދިނުން

- ގިނަ ފަހަރަށް އެންމެންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތް ކުރުމުން އުނދަގޫވާ ކަމުގެ އިޙްސާސްކުރެވުން

އަމިއްލަ ނަފްސުގެ އުފާތައް ޤުރުބާންކޮށް އަބަދު އެހެންމީހުންގެ ބަހަށް ތަބާވެ އެހެން މީހުން ރުއްސާމީހަކަށް ތިމާގެ ދަރިފުޅު ވިޔަ ނުދިނުމަށްޓަކައި މައިންބަފައިންނަށް އެކުދިންގެ ކިބައިގައި ހުނަރުތަކެއް އަށަގެނުވިދާނެއެވެ.

1. ޝަހުސިއްޔަތެއް ބިނާކުރުވުން

އިންޑިއާގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ ކަޕޫރު ވިދާޅުވަނީ، 'ކުދިންގެ އަމިއްލަ ޝަހުސިއްޔަތެއް ބިނާކުރުމަކީ އެކުދިންގެ ފައިދާނަގަން އެހެން މީހުހުންނަށް އުނދަގޫވާނެ ކަމެކެވެ. އަދި އެކުދިންގެ އަމިއްލަ ޚިޔާލާއި ފިކުރު ޤުރުބާންކޮށް އެހެން މީހުން ރުއްސުމުގެ އާދަ އަށަގަތުމުން ދުރުކޮށްދޭނެ ކަމެއްކަމަށެވެ. ކުދިންނަށް އަމިއްލަޔަށް ކުދިކުދި ކަންކަމުގެ ނިންމުންތައް ނިންމަން ދިނުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވުމާއި އަމިއްލަ ޝަހުސިއްޔަތެއް ބިނާކުރެވިދާނެ ކަމެކެވެ. މިސާލަކަށް އެކުދިންނަށް އެދުވަހު ލާންވީ ހެދުން ނަގައި ދިނުމުގެ ބަދަލުގައި އެކުދިން އަމިއްލަޔަށް ޚިޔާރުކުރަން ދިނުމާއި އެކުދިންގެ އަމިއްލަ ތަކެތި ގަތުމުގައި ކޮންމެވެސް ކަހަލަ އިޚްތިޔާރުތަކެއް ކުދިންނަށް ދިނުމަކީ މުހިންމު ކެމެކެވެ.

މެޑިކަލް ނިއުސް، އިންޑިއާ އިން ބުނާ ގޮތުގައި މީހުން ރުއްސުމަށް މެދުވެރިވާ ބައެއް އާންމު ސަބަބުތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް އިޙްތިރާމް ދަށްވުމާއި، ހާސްވުމާއި، ކަންކަމާއި ކުރިމަތިލުމުން ދުރުހެލިވުމާއި، ސަގާފަތާއި އިޖުތިމާޢީ ގުޅުން، ޓްރޮމާ ނުވަތަ ހަދިސާއެއް ހިނގާފައިވުން ފަދަ ކަންކަން ހިމެނެއެވެ.

އެހެންކަމުން ޑޮކްޓަރުން ލަފާދެއްވަނީ ކުޑަކުދިންގެ ޝައުޤުވެރިކަން ތަފާތު ދާއިރާތަކަށް ގެންދިއުމަށް ފުރުސަތުތައް ހޯދައިދީ ކަންކަމާއިމެދު އެމީހުންގެ ވިސްނުން ފުޅާކޮށް އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އުފެއްދުމަށް އެހީތެރިވެދިނުމުގައި ބެލެނިވެރިން މަސައްކަތްކުރުމަށެވެ. އަދި މިކަމުގައި ކެތްތެރިކަމާއިއެކު އެކުދިންގެ ކަންކަމުގައި ސަޕޯޓިވްވެ އަދި ލޯބި އިހުސާސްކޮށްދިނުމަކީ މައިންބަފައިންގެ އެންމެ މުހިންމު ރޯލެވެ.

2. ކުޑަކުދިންނަށް އަމިއްލަ ބޭނުންތަކާއި އަމިއްލަ ޚިޔާލުތަކުގެ އަގުވަޒަންކުރަން ދަސްކޮށްދިނުން

އެހެން މީހުންނަށްވުރެ އަމިއްލަ ނަފްސަށް އިސްކަންދިނުމަކީ އުނދަގޫ ކަމަކަށްވެދާނެއެވެ. ނަމަވެސް އެކަން ހާސިލް ކުރެވުމުން އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ޤަބޫލުކުރާށެވެ. ޑރ ކަޕޫރު ވިދާޅުވަނީ، 'ކުދިންގެ އަމިއްލަ ބޭނުންތަކާއި ޚިޔާލުތަކުގެ އަގުވަޒަންކުރަން ދަސްކޮށްދޭއިރު، އެހެން މީހުންގެ ބޭނުންތަކަށް ވެސް ވިސްނުވައިދޭންވާނެއެވެ. އަދި އުމުރާ ގުޅޭނެހެން އެކިކަންކަމުގައި އެކުދިންނަށް އިޚްތިޔާރުދީ ނިންމުންތަކުގައި އެމީހުން ބައިވެރިކޮށްގެން އެމީހުންނަށް މިނިވަންކަމާއިކު ނިންމުންތައް ނިންމުމުގެ ހުނަރު ކުރިއެރުވުން އެހީތެރިވާންވާނެއެވެ. އަދި ކޮންމެ ކަމަކީ ކުއްޖާގެ ޚިޔާލު ހޯދުމެއްނެތި މައިންބަފައިން ނުވަތަ ބޮޑެތި މީހުން އެދޭފަދައިން ކުރުވާ ކަމަކަށް ހެދުމުން ދުރުހެލިވާންވާނެއެވެ.

'ނޫން' ބުނަން ދަސްކޮށްދިނުން

މައިންބަފައިންނާއި ކުދިންގެ މެދުގައި މުއާމަލާތު ކުރުމީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން އަބަދުވެސް ބެލެނިވެރިޔާ އެދޭގޮތަށް ހުރިހާ ކަމެއް ކުރުމަށް ދަރިފުޅު ހާނުވައި އެކުއްޖާ ކަމެއްގައި ނުރުހުންގެ އަމިއްލަ ޚިޔާލު ފާޅުކުރާނަމަ އެކަމަށް ޖާގަދޭށެވެ. ވަގުތުން އެކުއްޖާ އަނގަބަންދު ނުކުރުވާށެވެ. ނަމަވެސް ރީތިގޮތުގައި ނޫނެކޭ ބުނުމަށް ދަސްކޮށްދޭށެވެ. ރުހުން ހޯދުމަށް ނުވަތަ ކަންކަމާއި ކުރިމަތިލުމުން ދުރުހެލިވުމަށްވުރެ ކުދިން ތަރުބިއްޔަތު ކުރާއިރު ބެލެނިވެރިންގެ އިހުސާސްތަކާއި ޚިޔާލުތަކަށް އިހުތިރާމްކުރުމާއިއެކު އެކުދިންގެ އަމިއްލަ ޚިޔާލު ފާޅުކުރެވޭނެފަދަ އަމިއްލަ ނަފްސުގެ އިތުބާރު އާލާވުމަށް ފުރުސަތުދޭށެވެ. އަދި ބެލެނިވެރިން ސަމާލުކަންދޭންވީ އަމިއްލަ ނަފްސަށް އަޅާލުމާއި އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމުގެ މުހިންމުކަމަށް ދަސްކޮށްދީ، 'ނޫން' ބުނުމާއި ވަކި ޙައްދުތަކެއް ކަނޑައަޅައި އެހައްދުތަކުގެ ތެރޭގައި ކުދިންނަށް ދޫދިނުމެވެ.

ރޯލް މޮޑެލްއަކަށްވުން

ކުޑަކުދިންގެ ކިބައިގައި މައިންބަފައިން ކޮޕީ ކުރުމުގެ އާދައެއް ހުންނާނެއެވެ. އަދި އެއީ ކުދިން އެންމެ އިތުބާރުކުރާ މީހުންނެވެ. މައިންބަފައިންގެ ގޮތުގައިތިބެ ރަނގަޅު ނަމޫނާ އެކުދިންނަށް ދެއްކުމަކީ ބެލެނިވެރިންގެ ވާޖިބެކެވެ. ކަންކަމުގައި ޙައްދުތައް ކަނޑައަޅައި، އަމިއްލަ ޚިޔާލު ފާޅުކޮށް، އަމިއްލަ ބޭނުންތަކަށް އިޙްތިރާމްކޮށްގެން ދުޅަހެޔޮ އުސޫލުތައް ދިރިއުޅުމުގައި ދައްކާށެވެ. މީގެ އިތުރުން އެންޕެތީއާއި ނުވަތައ އެހެންމީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރަން ދަސްކޮށްދޭއިރު، އަމިއްލަ ނަފްސަށް ތެދުވެރިވުމުގެ މުހިންމުކަމަށް ވެސް އަލިއަޅުވާލާށެވެ.

އެކުދިންގެ ކާމިޔާބީތަކަށް ތަރުހީބުދިނުން

ކުދިންގެ ކާމިޔާބީއަށް ތަރުހީބުދިނުމަކީ އެކުދިންގެ އަމިއްލަ ޚިޔާލާއި ވިސްނުމުން ނުކުންނަ ނަތީޖާގެ އަގުވަޒަންކުރުމެވެ. އެކުދިންނަކީ ކުޅަދާނަ ބައެއްކަން އިހުސާސްވާ އަދި އެކުދިންގެ ޝަހުސިއްޔަތުބިނާވާކަމެއް ކަމުގައި މިކަންކަން ހިމެނޭނެއެވެ. އަދި އެކުދިންނަކީ ހަމައެކަނި ވަކި ބަޔަކު ބުނިގޮތަކަށް ހަދައިންގެން ނޫނީ މީހުންގެ ތައުރީފު ހައްޤު ބައެއްކަމަށް ކުރެވޭ ޤަބޫލުކުރުންތައްވެސް މިކަމުގެ ސަބަބުން އެއްކިބާކޮށްލެވޭނެއެވެ. އެކުދިންގެ އަމިއްލަ ވިސްނުމާއި ޚިޔާލު ކުރިއަށް ނެރެން އިތުރަށް ފުރުސަތު ފަހިވެގެން ދިއުމަށް އެކުދިންގެ ކާމިޔާބީތައް ފާހަގަކޮށް އެކާމިޔާބީތަކުގެ އަގުވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މީހުން ރުއްސުމުގެ އާދައަކީ އުފަންވާއިރު ހަރުލާފައިހުންނަ ކަމެއް ނޫނެވެ. އެއީ މާހައުލާއި ކުއްޔާގެ ތަރުބިއްޔަތުގެ ތެރެއިން އަށަގަންނުވާ އަދި ދަސްކުރާ އާދައެކެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުޑަވުމުން ފެށިގެން އެހެން މީހުންގެ ރުހުން ހޯދުމުގެ ވިސްނުމެއް އުފެދުމަށް ގިނަ ކަންތައްތަކެއް މެދުވެރިވެއެވެ. ދަރންގެ ކިބައިގައި އެއާދަ އާލާނުވުމަށް މަސައްކަތްކޮށް ދަރިންގެ ކިބައިގައި ވަރުގަދަ ޝަޚުސިއްޔަތެއް އުފެއްދުމަށް މަސައްކަތް ކުރަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން