ބައްޕައާއި އަންހެން ދަރިފުޅާއި ދެމެދު ވަރަށް ޚާއްސަ ގުޅުމެއް އޮންނަން ޖެހެއެވެ. މިއީ އަންހެން ދަރިއެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުވާ އަދި ބޮޑުވެގެން އޭނާގެ ޒަވާޖީ ހަޔާތާއި ގުޅުންހުރި އެކިއެކި ނިންމުންތައް ނިންމުމަށްވެސް ނުސީދާގޮތުން އަސަރުކުރުވާނެ ގުޅުމެކެވެ. އެހެންކަމުން ބައްޕައާއި އަންހެންދަރިއާއި ދެމެދު އޮންނަންޖެހޭ ގުޅުން އެންމެ ތުއްތު އިރުއްސުރެ ވަރުގަދަ ކުރަންޖެހޭނެއެވެ.

މިގޮތުން ހުރިހާ ބައްޕައިންނަށްވެސް އަންހެން ދަރިންގެ އަސާސީ ބޭނުންތައް ދެނެގަނެ، އެމީހުންނާ އެކު ވަރުގަދަ ގުޅުމެއް އުފެއްދުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި ހިމަނާލާނަމެވެ.

ގުޅުން ބަދަހިކުރުމަށް ބައްޕައިންނަށް ކުރެވިދާނެ ކަންތައްތައް:

މުވާސަލާތުކުރުން;

ސައިކޮލޮޖީ ޓުޑޭގެ ރިޕޯޓެއްގައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ބައްޕައާ ގާތް ގުޅުމެއް ނެތް އަންހެން ކުދިންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. މުވާސަލާތު ނުކުރެވުމަކީ އެކަމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މިކަމުގެ ސަބަބުން އޭނާގެ ހަޔާތުގައި އެކަނިވެރިކަމުގެ އިހުސާސް ކުރެވެއެވެ. މިފަދަ ހާލަތެއްގައި ދަރިފުޅަށް ހިއްވަރު ދިނުމަށްޓަކައި ތިމާގެ ދިރިއުޅުމުގެ ތަޖުރިބާތަކުގެ ތެރެއިން އުފަލާއި ހިތާމަތައް އަންހެން ދަރިފުޅާއި ހިއްސާ ކުރުން މުހިންމެވެ. އެމީހުންގެ މައްސަލަތައް ބައްޕަމެންނާ ހިއްސާކުރަން ފަސްޖެހިފައި އެހުންނަ ވަގުތުތަކުގައި ގިނަ ފަހަރަށް އެކަނިވެރިކަން އިހުސާސް ކުރެވެއެވެ. އެމީހުންގެ ވާހަކަތަކަށް ޝައުގުވެރިކަން ދައްކައި، އެމީހުންގެ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވާން ޖެހެއެވެ. އަބަދުވެސް އެކުގައި ބައްޕަވާ ކަމުގެ އިހުސާސް ކޮށްދީ، ބޭނުން ވަގުތެއްގައި ތިބާގެ ކިބައިން އިރުޝާދާއި ނަސޭހަތް ހޯދައިދެވޭނެކަން ބުނެދޭށެވެ.

އިޙްތިރާމް ލިބިގެންވާ ބައްޕައަކަށްވުން;

ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވަނީ އޭނާގެ ޒަވާޖީ ހަޔާތުގެ ބައިވެރިޔާ އޭނާގެ ބައްޕަ ފަދައިން ވާށެވެ. ދަރިންގެ ކުރިމަތީގައި އަނބިމީހާއަށް އިޙްތިރާމް ކުޑަކުރަން ފެށުމުން، ދެން އަންހެން ދަރިފުޅަށް ކައިވެންޏާ ބެހޭގޮތުން ގޯސް ޚިޔާލުތައް އުފެދެއެވެ. ކައިވެންޏަކީ އަންހެނުންގެ ދިރިއުޅުމަށް ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުކުރަން ފަށައެވެ. މިކަމުގެ ސަބަބުން ބޮޑެތި މީހުންގެ އުމުރުގައި ވެސް ޑިޕްރެޝަން އަށް މަގުފަހިވެދާނެ އެވެ. އަންހެން ދަރިންގެ ކުރިމަތީގައި ދުވަހަކުވެސް އަނބިމީހާއާ މެދު ގޯސްކޮށް ކަންތައްކޮށްގެން ނުވާނެ އެވެ. އަނބިމީހާއާ މެދު ލޯތްބާއި އިޙްތިރާމާއެކު މުއާމަލާތުކުރުމާއި އެފަދައިން ހަމަޖެހޭ ދިރިއުޅުމެއް އުޅޭ މަންޒަރު ދައްކުވައިދޭށެވެ.

'ސަޕޯޓިވް'ވުން;

ދަރިފުޅުގެ ނިންމުންތަކުގައި ބައްޕަ ތާއީދުކުރާނަމަ ދެން އަންހެން ކުއްޖާއަށް ދުނިޔޭގައި ހުރި ހުރިހާ ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ފަސޭހަވާނެއެވެ. ބައްޕައެއްގެ ގޮތުގައި ދަރިފުޅުގެ ހުވަފެންތަކަށް ތާއީދުކޮށް، މި ކަންކަން ހާސިލްކުރުމުގައި އަންހެން ދަރިފުޅު ހުރީ އެކަނި ނޫންކަން އިހުސާސްކޮށްދޭށެވެ. މި ސަޕޯޓުގެ ސަބަބުން އެމީހުންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެގެންދެއެވެ. އަދި ހަމައެހެންމެ މިއާއިއެކު އަންހެން ދަރިފުޅުގެ ހަޔާތުގައި ރަނގަޅު ނިންމުންތައް ނިންމުމަށް މަގުދައްކައިދޭނެ މީހަކަށް އެންމެ ފުރަތަމަ ހުންނަންވާނީވެސް ބައްޕައެވެ.

ކޮންމެ ކަމެއް ހިއްސާކުރެވޭނެ ފަދަ ގުޅުމެއް ބޭއްވުން;

ދަރިފުޅު އެއްވެސް ހާސްކަމެއް އަދި ވިސްނުމެއްނެތި އޭނާގެ މައްސަލަތައް ހިއްސާކުރެވޭނެ ބައްޕައަކަށް ވުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަންހެން ދަރިފުޅު ބޭނުންވަނީ އޭނާގެ ޚިޔާލުތަކަށް އިތުބާރުކޮށް އިޙްތިރާމް ކުރުމަށެވެ. އަންހެން ދަރިފުޅާއެކު މަޝްވަރާކޮށް ދަރިފުޅުގެ ކަންކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިބާއާއި އެމީހުންގެ ހަޔާތުގައިވާ ހުރިހާ ކަންކަމެއް ހިއްސާކުރުމަށް އެކުދިން ފަސްނުޖެހޭނީ އޭރުންނެވެ.

ކުދިންނަށް ހަވާލުކޮށްފައިވާ ކަންކަމާއި ނުލައިވެސް ލޯބިވާކަން އިހުސާސްކޮށްދިނުން;

ދުނިޔޭގައި އަންހެން ކުދިންނާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައިވާ މައްސަލައަކީ އެކުދިންގެ ހަށިގަނޑަށް މީހުންގެ ފާޑުކިޔުމާއި ބުލީކުރުމެވެ. މިފަދަ ޒަމާނެއްގައި ދަރިފުޅު އުންމީދު ކުރަނީ ކޮންމެ ހާލަތެއްގައިވެސް ބައްޕަ އޭނާދެކެ ލޯބިވާނެ ކަމަށެވެ. ބަޔަކު ކުރާ މަލާމަތަކާއި ގުޅިގެން ދެރަ އިހުސާސްކުރެވުންވެސް އޭރުން ކުޑަވާނެއެވެ. ބައްޕައެއްގެ ހައިސިއްޔަތުން އަންހެން ދަރިފުޅާއި އޭނާގެ ފަރާތުން ހެދޭ ކުދިކުދި ގޯސްތައް ދެނެގަންނަންވާނެއެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ކުއްޖާއަށް އެއްޗެހިގޮވައި ދަރިފުޅާއި ދެމެދުގައި އޮންނަ ގުޅުން ހީނަރުކޮށްނުލާށެވެ. އަދި ރަނގަޅު ގޮތް ރީތިކޮށް ވާހަކަ ދައްކައިގެން ދަސްކޮށްދޭށެވެ. އަންހެން ދަރިފުޅުގެ އެއްވެސް ކުށެއްގެ ސަބަބުން ބައްޕައެއްގެ ލޯބި މަދުވާކަމުގެ އިހުސާސްވިޔަދީގެން ނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން