ހއ. ދިއްދޫ ފަރަށް، އެރި ބާޖާއި، ޓަގު ބޯޓުގެ ވެރި ފަރާތް 100 މިިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ދިއްދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ހިލަ ހިފައިގެން ދިޔަ އެމްއެމް އެކްސްޕޯޓުގެ މުތާ ޕްރިންސަސް ޓަގު ބޯޓާއި، މުތާ ޕްރައިޑް ބާޖު ދިއްދޫގެ ފަރަށް އެރީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުއެވެ. އެ ބޯޓާއި ބާޖު ފުންކޮށްފައިވަނީ ދިއްދޫއަށް ދިޔަ އެހެން ޓަގުބޯޓަކުން ކަފުޖަހައިގެންނެވެ.

ދިއްދޫގެ އިރުމަތީ ފަރާތު ފަރަށް މި ދެ އުޅަނދު އެރުމުން އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

އީޕީއޭއިން ބުނީ އެ ސަރަޙައްދު ބެލިބެލުމުން އެ ފަރުގެ 4038 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅި ޖޫރިމަނާ އާއި ބަދަލުގެ އަދަދު 101.7 މިލިއަނަށް އަރާ ކަމަށް އީޕީއޭއިން ބުނެއެވެ.

ނަމަވެސް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން އެ ދެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ އެޗްއާރުއެސް އިންފްރާޓެކް ޖޫރިމަނާކޮށްފައިވަނީ 100 މިިލިއަން ރުފިޔާއިންނެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މިއަދު ވަނީ އަންގާފައެވެ.

މީގެ ކުރިން 2015 ވަނަ އަހަރު އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގް ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ. ފުށިދިއްގަރު ފަރަށް އެރި މައްސަލައިގައި 110 މިލިއަން ރުފިޔާ ދައްކަން އީޕީއޭއިން އަންގާފައިވެއެވެ.

އަދި އެ ކުންފުނީގެ ބޯޓެއް 2014 ވަނަ އަހަރުގެ ތެރޭގައި ތިލަފުށީ ފަރަށް އެރުމުން އެ ބޯޓް 22 މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން