ކުރިއަށް އޮތް ތިން ހަފްތާގައިވެސް ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ މައްސަލަ ހައިކޯޓުގައި ތާވަލު ކުރެވެން ނެތްކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ޙަވާލުވެ ހުންނެވި އަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ އިސްތިއުނާފްގެ މައްސަލަ ނުނިމި ލަސްވާތީ ކަންބޮޑުވުން ފާޅުކުރުމަށް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މިއަދު ވަނީ ހައި ކޯޓަށް ވަޑައިގެން ޝަރީއަތް އަވަސްކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް، ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ވެސް އަޑުއެހުމެއް ބޭއްވޭނެ ކަމަކަށް ނުބެލެވޭ ކަމަށް ހައިކޯޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ރައްޔިތުން ބޭނުންވާކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ނަތީޖާއިން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީޢަތް ލަސްކުރުމަކީ ސަރުކާރުން ރާވައިގެން ހިންގާ ކަމެއް ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

"ބެންޗުގައި ހިމެނޭ އެއް ފަނޑިޔާރަކު 23 ވަނަ ދުވަހުން ފެށިގެން އެބަ ޗުއްޓީ ނަންގަވާ. އަދި 25 އިން ފެށިގެން ހައި ކޯޓުގެ ބޭފުޅުން ރަސްމީ ދަތުރުފުޅެއްގަ އެބަ ވަޑައިގަންނަވާ." އަދުރޭ މިއަދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި ކުރިއަށް ދަނިކޮށް ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންނެވުމުން މައްސަލާގެ އަޑުއެހުންތައް މީގެ ކުރިންވެސް މަޑުޖެހިފައިވެއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފަ އެވެ. ދެން އޮންނާނީ އެންމެ ފަހުން ދައުލަތުން ދެއްކި ވާހަކަތަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައްދު ދިނުމަށް ފަހު ހުލާސާކޮށް ވާހަކަ ދެއްކުމެވެ. އޭގެ ފަހުން އޮންނާނީ ހުކުމް ކުރުމެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން