މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާ ވާދަވެރި ފަރާތްތަކުން ތަކުރާރުކޮށް ގޮވަމުންދަނީ މިފަހަރު ބޭނުންވަނީ އިބޫ ނޫންގޮތެއްގެ ވާހަކައެވެ. ޕީޕީއެމުން އެފަދައިން ބަސްމަގު ގެންގުޅުމަކުން މާކަށް އައިބު ކަމެއް ނެތެވެ. އެހެނަސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކުން އިބޫ ނޫންގޮތެއް މިހެން ބުނުމުން އެ ބުނެވެނީ އެމް.ޑީ.ޕީ ނޫންގޮތެއްގެ ވާހަކަކަން ފަހަރުގައި އޭގެ ތެރެއިން އެންމެންނަށް ވިސްނާލަން އުނދަގޫ ވެދާނެއެވެ. ނުވަތަ އެވިދާޅުވާ އިބޫ ނޫން ގޮތަކީ ޕީޕީއެމަށް ވެރިކަން ފުރޮޅާލުންކަން ނުވިސްނިދާނެއެވެ.

އެމް.ޑީ.ޕީ އަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ސިޔާސީ މެޝިނެވެ. ރައީސް މަޢުމޫނުގެ 30 އަހަރުގެ ދިގު އަނިޔާވެރި ވެރިކަން ބަދަލުކޮށްލަން ނިކުތް ވަރުގަދަ ލަޝްކަރެވެ. އެލަޝްކަރު ވަރުގަދަވެގެން ދިޔައީ، ޒަމާންވީ ހުދުމުތާރު ސިފަ، ވެރިކަން ހިންގާ ފަރާތުގެ ކިބައިން ނެތިކޮށް ރައްޔިތުންގެ ގާތަށް ވެރީން ސަލާންޖަހަން ގެނުވުމުންނެވެ. އެމް.ޑީ.ޕީގެ އެ ލަޝްކަރުން އެކަން ވަނީ ކާމިޔާބުކޮށް ޚަލާސްކޮށްފައެވެ.

މިއަދާހަމައަށް ރާއްޖޭގެ ދުސްތޫރީ ހަޔާތް ދަތުރުކުރިއިރު، އެމް.ޑީ.ޕީގެ އެ ބޮޑު ގަހުގެ ނިވަލަށް އެތައް ބަޔަކު، އަދި ކިއެއްތަ އެތައް ސިޔާސީ ބޮޑުންތަކެއް ވަދެއްޖެއެވެ. އެތައް ޕާޓީއަކުން ކޯލިޝަންހަދާ އެކުގައި މަސައްކަތްކޮށްފިއެވެ. އެއީ ދުނިޔޭގެ ކަން ހިންގާނޭ ގޮތެވެ. ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ބިޔަ ޕާޓީއެއްގެ ތެރޭގައި އަދި އޭގެ ނިވަލުގައި ހުރިހާ ބާވަތެއްގެ އިންސާނުންވެސް އުޅޭނޭ ކަމެވެ. އޭގެ ތެރޭގައި ހިތްހަމަނުޖެހޭ އެތައްކަމެއް ހިނގާނޭކަމެވެ. ފެށުނީއްސުރެ ކަންއޮތީއެހެނެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، އެމްޑީޕީގެ ފިކުރާއި ފަލްސަފާ އިބޫގެ ވެރިކަމުގައި ފޮހެވިގެން ދިޔައީކަމަށެވެ. އެހެނަސް އެއީ ސިޔާސީ ވާހަކައެކެވެ. މައްސަލައަކީ އިބޫގެ މި ދައުރުގެ ތެރޭގައި ރައީސް ނަޝީދަށް ކުރުމަގަކުން ރާއްޖޭގެ ވެރިކަން ފުރޮޅާލަދޭން އިބޫ ދީލާނުލި މައްސަލައެވެ. އެނޫން އެއްވެސް ސިޔާސީ މައްސަލައެއް މިކަމުގައި ނެތެވެ.

ދެން އޮތީ އިދާރީ ހިންގުމާއި ކޮރަޕްޝަންގެ ވާހަކައެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް އެކަން އެމަގުން ދިޔައީ ހިނގަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އޯޕަން މާކެޓް ޓްރާންސްފާގެ ވާހަކައެވެ. ވަކި ކުންފުނިތަކަކުން މެނުވީ ސަރުކާރަށް ތަކެތި ގަނެ ވިއްކުމުގެ އުސޫލުގެ ވާހަކައެވެ. ސަރުކާރަށް ކޮމްޕިއުޓަރު ގަންނަންޖެހޭ ވަކި ފިހާރައެއްގެ ވާހަކައެވެ. ވަކި ޚާއްސަ ބަޔަކަށް ރާއްޖޭގެ ރަށްތައް ދޫކޮށްލި ވާހަކައެވެ. މިހެން ގޮސް މިކަހަލަ ކިތަންމެ ކިތަންމެ ވާހަކައެވެ.

މިބާވަތުގެ ނާޖާއިޒް ފައިދާ ނަގާ ބަޔަކު ކޮންމެ ވެރިމަކެއްގައި ވެސް ތިބޭނެއެވެ. ވެރިކަމުގެ ބާރު އަތަށް ކަހާލުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއަކީ ރާއްޖެ ބަދަލުކޮށްލި އިންގިލާބީ އެމްޑީޕީގެ ލަޝްކަރުގެ ވަސް ސިޔާސީ މައިދާނުން އެކަހެރިކުރުން ކަމުގައި ވެގެންނުވާނެއެވެ. ރައީސް ސޯލިހަށް ވޯޓު ދިން އެމްޑީޕީގެ 86000 މީހުންގެ ލަޝްކަރުގެ އުއްމީދު ފުނޑުފުނޑުކޮށް ރައީސް ނަޝީދާއި ޑިމޮކްރަޓްސްއަށް ތާއީދުކުރާ 15000 މީހުންނަށް ވެރިކަމުގެ ބާރާހެދީ ޒާތީ ހަސަދައަކުން ލިބޭ ކުރިއެރުން ފިޔަވާ ލިބޭނޭ އެއްވެސް ސިޔާސީ މަންފާއެއްވެސް އަދި އެނޫން ތަސައްލީއެއްވެސް ނޯންނާނެއެވެ. ސަބަބަކީ ކުރިއަށް އޮތް ތަނުގައިވެސް ރައީސް ނަޝީދުގެ ފޭން ބޭސް ނުވަތަ ވޯޓާސް އޮތީ އެމްޑީޕީގެ 86000 މީހުންގެ ލަޝްކަރުގައި ކަމަށްވާތީއެވެ. ޑިމޮކްރަޓްސްއަށް އޮތީ އެންމެ 7 އިންސައްތަ ވޯޓާ ބޭސްއެއްކަމަށްވާތީއެވެ. ހަމަ ގައިމުވެސް އެ ވޯޓާބޭސް އެއް ޕީޕީއެމަކުން ވެސް ރައީސް ނަޝީދަކަށް ނޯންނާނެއެވެ.

ފަހުބަހަކަށް އޮތީ، މި ވަގުތު އިބޫ ނޫން ގޮތެއްގެ މަނާއަކީ، އެމްޑީޕީ ނޫން ގޮތެއްގެ ވާހަކަކަން ދެނެގަތުމާއި އެމްޑީޕީއަށް ވޯޓު ދިން 86000 މީހުންގެ ލަޝްކަރުގެ ވަސް ފުހެލައިގެން މިވަގުތު 7 އިންސައްތަ ވޯޓާ ބޭސްއެއްގައި ތިއްބެވި ޑިމޮކްރަޓްސްއަށް ސިޔާސީ މައިދާނުގައި އެއްވެސް ކުރިއެރުމެއް ނުލިބޭނޭކަމެވެ. ޕީޕީއެމްގެ ވެރިކަމެއްގައި އެބާވަތުގެ ސިޔާސީ ލަނޑުދަނޑިތަކެއް ހާސިލްކުރުން ހަނދާން ނައްތާލާށެވެ. ސަބަބު ވަރަށް ސާފެވެ. އެއީ ޕީޕީއެމް ކަމަށް ވާތީއެވެ. ޕީޕީއެމްއަކީ ސީޔާސީ އެހެން ބްރޭންޑެކެވެ. ޖަޒުބާތުގައި ބައެއްމީހުން މިވަގުތު ކޮންމެވެސްވަރަކަށް ހަނދުމަނެތިގެން އުޅެނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން