ރައްޔިތުންގެ މަޖްލީހުގެ މެންބަރުން ޖަލްސާތަކަށް ވަޑައިނުގަންނަވަންޏާ، ޢާންމު ރައްޔިތުންގެ ވޯޓު އިތުރަށް ލިބިވަޑައިގަންނަވާނެ ކަމަށް ހީފުޅު ނުކުރެއްވުމަށް މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 9:00 އަށް ތާވަލްކޮށްފައިވާ ޖަލްސާ ފެށުމަށް 4 ގަޑިއިރުގެ ފުރުޞަތެއް ދެއްވައިގެން ރައީސް ނަޝީދު ފަސް ފަހަރު މަތިން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭގޮތެއް ނުވެއެވެ.

ސިޔާސީ ކަންކަމުގައި ލަފާ އެރުވުމުގެ މާބޮޑު ތަޖުރިބާއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނެތް ނަމަވެސް، ލަފާފުޅެއް އަރުވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ޖަލްސާތަކަށް ވަޑައިނުގެން މަސްއޫލިއްޔަތު އަދާނުކުރައްވާނަަމަ އިންތިޚާބުތަކުގައި ރައްޔިތުންގެ ވޯޓު އިތުރަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު އަތުގައި ތަޖުރިބާ ނެތިދާނެ ސިޔާސީ ކަންތައްތަކުގައި ލަފާ ދިނުމަށް. އެހެންނަމަވެސް، އަޅުގަނޑަށް ދެންނެވޭނީ މަޖްލީހަށް ހާޟިރުވެ ވަޑައިނުގެންނެވުމުން ލިބިވަޑައިގަންނަވާ ޢާންމު ވޯޓް އިތުރުވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވަންޏާ އެއީ ކުށްހީއެެއް." މެންބަރުންނަށް ރައްދުކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.





އަދި މެންބަރުންނަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ރައްޔިތުންނަށް ޖަވާބުދާރީ ވާން ޤާނޫނު އަސާސީން ލާޒިމުކޮށްފައިވާ ފަރާތްތަކެއްކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ ތާއީދު، ރައްޔިތުންގެ ލޯބި ލިބިގެންދާނީ ރައްޔިތުންގެ ވަކާލާތުގައި ބައިވެރިވެވަޑައިގަތީމަ. ރައްޔިތުންގެ ފަރާތުން ކުރާ ވެރިކަން، ރައްޔިތުންނަށްޓަކާ ކުރާ ވެރިކަން، އެވެރިކަން ޖަވާބުދާރީ ކުރުވުމަށް ގާނޫނު އަސާސީން ލާޒިމްކޮށްފައި އޮތީ މި މަޖިލީހަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ކޯރަމް ހަމަކުރުމަށް ހަތަރު ގަޑިއިރުގެ ފުރުޞަތެއް ދެއްވައިފައެެވެ. މެންބަރުން މަޖްލީހަށް ހާޟިރުވީ ނަމަވެސް، މަޖްލީހުގެ ތަޅުމަށް ވަޑައިގަތުމުގެ ބަދަލުގައި މަޖްލީސްކުރާ ގޯތީގެ ކުޑަ ދަށުގައި ތިއްބެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ އެޖެންޑާގައި އޮތީ އިދިކޮޅު ލީޑަރޝިޕަށް ނިސްބަތްވާ މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލަތަކެވެ. އެކަމާއި ނުރުހުންވެވަޑައިގަނެގެން މަޖްލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރައްވާ ޕާޓީ (އެމްޑީޕީ)ގެ މެންބަރުން މިއަދުގެ ޖަލްސާއަށް ވަޑައިނުގަނެ، ޖަލްސާ ހުއްޓުވި ކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކުރައްވަމުން އެމަނިކުފާނު ވަނީ މަސްއޫލިއްޔަތުތައް ފުރިހަމަކުރެއްވުމަށް ތަކުރާރުކޮށް މެންބަރުން ކިބައިން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން