އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް ކަމާ ނުބެހޭ އެއްވެސް ފަރާތަކަށް ނުދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.

ޙަބީބު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ގިނަ ޢަދަދެއްގެ ބަޔަކު ރީ ޖަރިސްޓްރީ ކުރުމުން އެކަމާމެދު ސުވާލު އުފައްދައި ބައެއް ފަރާތްތަކުން ދައްކަމުންދާ ބައެއް ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރީ ރަޖިސްޓްރެޝަން ޕޯޓަލްގެ އެކްސެސް ބައެއް ސިޔާސީ ފަރާތްތަކަށް އޮތްކަމަށާ، އޮޅުވާލައިގެން ބައެއް މީހުންނަށް ނޭނގި އެމީހުން ދިރިއުޅޭ ތަންނޫން އެހެންތަންތަނަށް މީހުންގެ ވޯޓުލުމުގެ ރަޖިސްޓްރީ ބަދަލުކުރަމުން އަންނަކަމަށް ބައެއް ފަރާތްރަކުން ތުހުމަތުކުރެއެވެ.

އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ޙަބީވު ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ އެކްސެސް، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރަކަށް ނުވަތަ ކަމާ ނުބެހޭ އެއްވެސް ފަރާތަކަށް ދީފައި ނޯންނާނެކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ރީ ރެޖިސްޓްރޭޝަން އޮންލައިން ޕޯޓަލް ހެކް ކުރުމަށް، ބޭރުން މަސައްކަތް ކޮށް، އެޓޭކްތަކެއް ދޭން އުޅުނަސް، އެކަން ދެނެގަނެ، ޙައްލުކުރުމުގެ ޤާބިލުކަން، އީސީގައި ގާއިމްކޮށްފައި ހުންނާނެކަމަށްވެސް ޙަބީބު ވިދާޅުވިއެވެ. އަދި ރީ-ރަޖިސްޓްރޭޝަން ޕޯޓަލް އާ މެދު ޙަގީގަތާ ޚިލާފު ޚަބަރުތައް ނުފެތުރުއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރެއެވެ.



މި މަހުގެ 30ވަނަ ދުވަހު އޮންނަ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި ވޯޓުލުމަށް 25000 އަށްވުރެ ގިނަ މީހުން ފުރަތަމަ 2 ދުވަހުގެތެރޭގައި އެކަނިވެސް އަލުން ރަޖިސްޓްރީކުރިއެވެ. ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. ހުކުރު ދުވަހުގެ މެންދުރު 3:00 އިން ފެށިގެން އިއްޔެގެ ހަވީރު 4:00 އާ ހަމައަށް މިފުރުސަތުވަނީ ހުޅުވާލާފައެވެ.

ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވޯޓުލުން އޮންނާނީ 2023 ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުއެވެ. އަށް ކެންޑިޑޭޓުން ވާދަކުރެއްވި މިފަހަރުގެ ރިޔާސީ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.08 އިންސައްތަ ވޯޓު ލިބިވަޑައިގަތް ޑރ. މުޙައްމަދު މުޢިއްޒުއާއި 39 އިންސައްތަ ވޯޓު ލިބިވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން