ކުޑަކުދިންގެ ރުހުމާއި ނުލާ އެކުދިން ގަދަކަމުން ކައިވެނިކުރުވުމަކީ އަވަށްޓެރި އިންޑިއާގެ ބައެއް ހިސާބުތަކުގައި އެޮންނަ ސަގާފަތެކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ތައުލީމަށް އަސަރުތަކެއް ކުރުވައެވެ.

މިފަހަރު މި ބަލާލަނީ އުމުރުން އެންމެ 11 އަހަރުގައި އަންހެންކުއްޖަކާއި ކައިވެނިކުރުވި ރާމްލާލްގެ ވާހަކަައެވެ. މިހާރު އުމުރުން 20 އަހަރު ފުރިފައިވާ ރާމްލާލްއަކީ ޒުވާނުންނަށް ހިތްވަރުގަދަ މިސާލެކެވެ.

ރާމްލާލްގެ އާއިލާ މީހުން އޭނާގެ ކައިވެނި ކުރުވިއިރު އޭނާ ތައުލީމު ހާސިލުކުރަމުންދިޔައީ ގްރޭޑް 6 ގައެވެ. ތައުލީމު އުނގެނުމަށް ފެންބޮވައިގެންފައިވާ ރާމްލާލްއަށް އެހިސާބުން އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް، މާލީގޮތުން ތަނަވަސް ނުވުމާއި އެހެނިހެން ދަތިތަކާއި އެކުވެސް ކިޔަވަން މަސައްކަތްކުރުމުން އާއިލާއިން އޭނާއަށް ފާޑުކިޔަމުން ގެންދިޔައެވެ.

އޭނާގެ އަންހެނުންނަށް ކިޔެވުން ފުރިހަމަކުރެވުނީ ގްރޭޑް 10 އަކާއި ހަމައަށެވެ. މިހާރު އުމުރުން 20 އަހަރު ފުރިފައިވާ ރާމްލާލްގެ ނަސީބު ރަނގަޅުކަމުން، އޭނާގެ އަނބިމީހާ އޭނާ ޑޮކްޓަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމުގައި ފުރިހަމަ އެއްބާރުލުން ދިނެވެ. މިހާރު މި ދެމަފިރިންގެ އެއް އަހަރުގެ ތުއްތު ކުއްޖަކުވެސް ހުރެއެވެ.

އިންޑިއާގައި މެޑިކަލް ކޮލެޖަކަށް ވަދެވޭނީ ނޭޝަނަލް އެލިޖިބިލިޓީ އެންޓްރެންސް އެގްޒާމް (ނީޓް) އިމްތިހާނުން ފާސްވެގެންނެވެ. ރާމްލާލް ވަނީ މި އިމްތިހާނުގައި 5 ފަހަރު މަތިން ބައިވެރިވެފައެވެ. ކޮންމެ ފަހަރަކުވެސް އެއްފަހަރަށްވުރެ އަނެއް ފަހަރު ފާސްވާ އިންސައްތަ މަތިވަމުން ގޮސް، އެންމެ ފަހު ފަހަރުގައި އޭނާ ފާސްވިއެވެ.

ރާމް ލާލް ނީޓް އިމްތިހާނުގައި އެންމެ ފުރަތަމަ ބައިވެރިވީ 2019 ވަނަ އަހަރުގައެވެ. އެ އަހަރު 720 މާކްސްގެ ތެރެއިން އޭނާއަށް ހާސިލުކުރެވުނީ 350 މާކްސްއެވެ.

އެހިސާބުން ރާމްލާލް ނިންމީ ކަށިން ހިތްވަރު ނެރެގެން ޓިއުޝަން ނަގާށެވެ. އެގޮތުން، ރާމްލާލް ޓިއުޝަން ނަގަން ދިޔައީވެސް އޭނާ ދިރިއުޅޭ ސަރަހައްދާއި ދުރު ސަަރަހައްދަކަށެވެ. އެ ވަރަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ކާމިޔާބީގެ ވާހަކަ އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީތަކުން ވަނީ ޖާގަ ހޯދާފައެވެ.

އުއްމީދެއްވާނަމަ ދިރުމެއްވާނެއޭ ބުނާ ބީދައިން އުއްމީދު ގެއްލުވާ ނުލާ ކުރިއަށްދާން މަސައްކަތް ކުރުމުން ރާމްލާލަށް މެޑިކަލް ކޮލެޖަށް ވަދެ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަގުފަހިވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން