ލީބްޔާއަށް އެރި ތޫފާން ދާނިއަލްގެ ސަބަބުން ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 5000 އަށް އަރައިފި ކަމަށް ރިޕޯޓްކޮށްފިއެވެ.

ހަމައެއާއިއެކު، މި ކާރިސާގައި ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ އަދަދު 10،000 އަށް ވަނީ އަރައިފައެވެ. މި ކާރިސާ ހިނގަން މެދުވެރިވީ ލީބްޔާގެ ދަރްނާ ސަރަހައްދަށް އެރި ތޫފާނުގައި އެސަރަހައްދުގެ ޑޭމްއަކަށް ގެއްލުންވުމާއި ގުޅިގެންނެވެ. އެ ސަރަހައްދުގައި 125،000 މީހުން ދިރިއުޅެއެވެ. ތޫފާން ޑާނިއަލް އެރުމާއިއެކު، އެ ސަރަހައްދުގެ އިމާރާތްތަކަށާއި މަގުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށްވެސް އެ ގައުމުން ރިޕޯޓްކޮށްފަވެއެވެ.

ވަހުދާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަލް ޤާބިސީ ވިދާޅުވީ ދަރްނާގެ ދެ އަވަށުގެ ތެރެއިން އެއް އަވަށުން 1700 މީހުން މަރުވެފައިވާ ކަމަށާއި އަނެއް އަވަށުން 500 މީހުން މަރުވެފައިވާ ކަމަށެވެ.

"ހަށިތައް ހުރިހާ ތަނެއްގައި - ކަނޑުގައި، ވާދީތަކުގައި، އިމާރާތްތަކުގެ ދަށުގައި. ސިޓީގެ ގާތްގަނޑަކަށް 25 އިންސައްތަ ސުންނާފަތިވެއްޖެ." އެ ގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން