ދާދި ފަހުން ފިއޮރެންޓީނާއިން މެންޗެސްޓާ ޔުނައިޓެޑަށް ލޯން އުސޫލުން ބަދަލުވި އަމްރަބާތުގެ ޑީލްގައި ފިއޮރެންޓީނާއިން ޚާއްސަ މާއްދާއެއް ހިމަނައިފިއެވެ.

ނިމިިދޔަ އަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ ގައުމީ ޓީމުން ވިދާލި އުމުރުން 27 އަހަރުގެ އަމްރަބާތަކީ ފިއޮރެންޓީނާއަށް ވަރަށް އަގުހުރި ކުޅުންތެރިއެކެވެ. އެހެންކަމުން، ފިއޮރެންޓީނާއިން އަމްރަބާތު ޔުނައިޓެޑަށް ދޫކޮށްލީ އަމްރަބާތު ޔުނައިޓެޑަށް ދާއިމީކޮށް ގަތުމުގެ އިޚްތިޔާރާއި އެކުގައިއެވެ. އެހެން ނަމަވެސް، ޔުނައިޓެޑުން މި ސީޒަނަށްފަހު އޭނާ ދާއިމީނުކޮށްފިނަމަ، ފިއޮރެންޓީނާއަށް 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އަމްރަބާތާއި އެއްކޮށް އެއްބަސްވުން އައުކުރުމުގެ ފުރުޞަތު ހުޅުވޭ ގޮތަށް ފިއޮރެންޓީނާއިން ޝަރުތުކޮށްފައިވެއެވެ.

އަމްރަބާތު ހުރީ މާކުރީއްސުރެ ޔުނައިޓެޑަށް ބަދަލުވުމުގެ އުންމީދުގައިއެވެ. އެގޮތުން، އޭނާ ވަނީ ފިއޮރެންޓީނާގެ ފަރިތަކުރުންތައްވެސް ކަޓުވާލާފައެވެ. އަދި ޕްރީ ސީޒަން މެޗްތަކުން އޭނާ ފެންނަ މިންވަރުވެސް މަދުވިއެވެ.

އެންމެ ފަހުން، ދެ ކްލަބުން ވަނީ 8.5 މިލިއަން ޕައުންޑްގެ ލޯން ފީއެއް ދައްކައިގެން 21.5 މިލިއަން ޕައުންޑަށް އަމްރަބާތު ގަތުމުގެ އިޚްތިޔާރު އެކުލެވޭ ގޮތަށް އެއްބަސްވުމެއް ހަދާފައެވެ.

އަމްރަބާތު މިވަގުތު ހުރީ މޮރޮކޯ ގައުމީ ޓީމްގެ ފަރިތަކުރުމެއްގައި ލިބުނު އަނިޔާއަކާއި ގުޅިގެން މެޑިކަލް އެސެސްމެންޓެއް ހެދުމަށް ޓީމާއި ދުރުގައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން