ކޮންމެ އަންހެން ކުއްޖަކުވެސް ބޮޑުވެ ތަސައްރަފު ފުދުމާއެކު ކައިވެންޏެއް ކުރާނީ ފިރިމީހާއާއެކު އުފާވެރި ޒަވާޖީ ހަޔާތެއް ބިނާކުރުމަށެވެ. ކައިވެންޏަށްފަހު ފިރިއަކާއިއެކު އުޅޭނެ އުފާވެރިގޮތުގެ އެތަކެއް ހުވަފެނެއް ބެލުމަށްފަހު ކައިވެނި ކުރަނީ ނުހަނު ގިނަ އުއްމީދާއިއެކުއެވެ. އެހެންނަމަވެސް، ފިލްމީ މަންޒަރުތަކުން ދައްކައިދޭފަދަ ދިރިއުޅުމަކީ ހަމައެކަނި އަހަރެމެންގެ މުނިފޫހިފިލުވުމަށް ލިޔެ އެކްޓްކޮށްފައިވާ ސްކްރިޕްޓްތަކެއްކަން ބައެއް މީހުން ހަނދާންނެއް ނުހުރެއެވެ. އަދި ބައެއް ފަހަރު ކުދިކުދި ކަންކަމާއި އަނބިމީހާ ތިބާ މަތިން މުޅިން ފޫހިކުރުވާ ނަމަވެސް ގިނަފަހަރަށް ގިނަ އަނބިން އެމީހުންގެ ފިރިން މަތިން ފޫހިވާންފަށަނީ ފިރިންގެ ފަރާތުން އެމީހުންނަށް ލިބެންވާ ލޯތްބާއި އަޅާލުން ނުލިބުމާއި އަދި އިހުތިރާމް ކުޑަކުރަންފެށުމުންނެވެ.

އަންހެނަކު އޭނާގެ ކައިވެނީގައި ހިތްހަމަ ނުޖެހޭނެ އެކި ސަބަބުތައް ހުންނާނެއެވެ. ބައެއް ސަބަބުތަކަށް ބަލާލާނަމަ އޭނާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހޭނީ އިތުބާރު ގެއްލުމުންނެވެ. ފިރިމީހާއަކީ އެހެން އަންހެނުންނާއި މައްލަވަކޮށް ރައްޓެހިވެ ހަޑިގޮތްގޮތަށް އުޅެމުންދާ މީހެއްނަމަ އަނބިމީފާ ފިރިމީހާ މަތިން މުޅިން ފޫހިވާނެއެވެ. އެއީ ދެމީހުންގެ ކައިވެންޏަށް ފިރިމީހާ ޤަދަރު ނުކުރީތީއެވެ. އަދި ދޮގު ހެދުމާއި މަސައްކަތްކޮށްގެން އާމްދަނީ ހޯދައި ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ނޫޅުމާއި، އަނބިދަރިންނަށް ޚަރަދު ނުކުރުމާއި، ލިބޭ ހުރިހާ ފައިސާއެއް ކޮފީމޭޒުތަކަށް ޚަރަދުކޮށް އަބަދުހެން ބޭރުގައި އުޅުމަކީވެސް އަނބިން ފިރިންމަތިން ފޫހިކުރުވާ ކަންކަމެވެ. މީގެ އިތުރުން ފިރިން ނަގަންޖެހޭ ޒިންމާތައް އަދާނުކުރުމާއި އަނބިމީހާއަށް ތައުރީފުނުކުރުމާއި އަނބިމީހާއަށް ގޯނާކޮށް އަނިޔާކުރުމަކީވެސް އޭނާ ފިރިމީހާ މަތިން މުޅިން ފޫހިކޮށްލާނެ ކަންކަމެވެ.

ފިރިމީހާ މަތިން ފޫހިވެފައިވާ އަނބިންގެ ފަރާތުން ފެންނާނެ ބައެއް ކަންކަން:1. ޝަކުވާކުރުން؛

އަންހެނުންނަކީ އަބަދު ޝަކުވާ ކުރާނެ ބައެއް ނޫނެވެ. ނަމަވެސް ކަމެއް ދިމާވުމުން ފިރންނަން އެމީހުންގެ ޝަކުވާތަކުން ބޯހާސްވާވަރު ކޮށްލައެވެ. ކުދިކުދި ކަންކަމުގައި ޝަކުވާ ކުރާކަން ފާހަގަވާނަމަ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ. ތިބާ އޭނާގެ ހިތުގައި ޖެހޭވަރުގެ ކަމެއް ކުރެވިފައިވޭތޯއެވެ؟ މިފަދަ ހާލަތެއްގައި އޭނާ އަބަދުހެން ރުންކުރުވެފައި ހުރިހާ ކަމެއްކައި ކޮންމެވެސް ކަމެއް ފާހަގަކޮށް ތިބާއަށް ނުވަތަ ކުދިންނަށް ނަމަވެސް އެރުޅި ދައްކައެވެ. މިހެންވާނަމަ ޔަގީނުންވެސް އޭނާ ކައިވެންޏާއިމެދު ހިތްހަމަ ނުހެޖޭ ކަންކަން އެބަހުއްޓެވެ.

2. ޝަކުވާކުރުމާއި ރުޅިއައުން ދޫކޮށްލައި ހުރިހާކަމެއް ވަރިހަމަވުން؛

ފުރަތަމަ ނުކުތާއާއި މުޅިން ޚިލާފަށް ވަކި ހިސާބަކަށް ދިއުމުން އަނބިމީހާ ޝަކުވާ ކުރުން މުޅިން ދޫކޮށްލައެވެ. އަދި ތިބާއަށް އެކަން ފާހަގަކުރެވެންފަށާ ހިސާބަކީ ޒަވާޖީ ހަޔާތުގެ ނިމުންކަމުގައިވެސް ވެދާނެއެވެ. އެއީ އޭނާ ތިބާގެ ކަންކަން އިސްލާހުކުރުވުމަށް އެތަކެއް ވާހަކައެއް ދައްކައި އެތަކެއް ޝަކުވާތަކެއް ކުރުމަށްފަހު މުޅިން އުއްމީދު ކަނޑާލުމުންނެވެ. އުއްމީދެއްނެތް ދިރއުޅުމެއް އުޅުމަށް އޭނާ ބޭނުންނުވާނއެވެ. އޭނާ ދެން ތިބާ ކުރާ އެއްވެސް ކަމަކަށް ފާޑު ނުކިޔާނެއެވެ. އަދި އަމިއްލަ މީހާއަކީ ވަކި މީހެއްކަމުގައި ބަލައި އެގޮތުގައި ދިރިއުޅެން ފަށައެވެ. އަދި ބައެއް މީހުން ވަރިއާއި ދިމާލަށް ދާންފަށައެވެ.

3. ފިރިމީހާގެ ކިބައިން އުފާހޯދުމަށް ބޭނުންނުވުން؛

އަންހެނުންނަކީ އެމީހުން ފިރިންދެކެ ހިތްހަމަނުޖެހިފައި ތިބޭއިރު ފިރިމީހާގެ ކިބައިން އަރާމުލިބިގަތުމަށް ބޭނުންވާނެ ބައެއް ނޫނެވެ. އެހެންކަމުން ތިބާއާއި އަނބިމީހާ މިކަމުގައި ދުރުވާހެން ހީވާނަމަ މިއީވެސް ތިބާދެކެ އަނބިމީހާ ފޫހިވާކަމުގެ އެއް އަލާމާތެވެ. ތިބާ އެކަމަށް އެދިފިނަމަވެސް ކޮންމެވެސް ބަހަނާއެއް ދައްކައި ތިބާއޭނާގެ ގައިގައި އަތްލުމަށްވެސް އޭނާ ނުރުހޭނެއެވެ.

4. ވަކިވާވާހަކަ އަބަދުހެން ދެއްކުން؛

ވަރަށް ގިނަފަހަރު އަންހެންވެރިންނަށް ކެތްނުކުރެވުމުން ތިމަން ދޫކޮށްލާށޭ ފިރިމީހާގެ ގާތުގައި ބުނެއެވެ. ބައެއް މީހުން އެހެންބުނަނީ ހަޤީގަތުގައިވެސް ފިރިމީހާގެ ފަރާތުން އޭނާ އެދޭކަންކަން ފުރިހަމަ ނުވެ ނުވަތަ ދިރިއުޅުމުގައި ކުރިއެރުމެއް ނުލިބޭކަމަށް އިހުސާސްވުމުން ދިރިއުޅުންމަތިން ފޫހިވުމުންނެވެ. އަދި ފިރިމީހާއާއިއެކު އުޅުމަކީ އުނދަގޫކަމަކަށްވެ އިސްލާހުކުރުމަށް ދެން އިތުރަށް ހިއްވަރެއްނެތުމުންނެވެ. އެހެންކަމުން ފިރިމީހާއާއި ވަކިން ތަންތަނަށް ދިއުމަށާއި ފިރިމީހާއާއި ނުލައި އުޅޭނެ ދިރިއުޅުމެއްގެ ވާހަކަފަދަ ވާހަކަތައް ދައްކަންފަށައިފިނަމަ އެއީ އޭނާ ފިރިމީހާގެ މަތިން ފޫހިވާކަމުގެ ހެއްކެކެވެ.

5. ފިރިމީހާއާއިނުލައި އެހެންމީހުންގެ ކައިރީގައި ހޭދަކުރާ ވަގުތު އުފާވެފައިހުރުން؛

ފޮތް ކިޔުމުގައި ނުވަތަ ޓީވީ ބެލުމާއި އެކުވެރިންގާތުގައި ހޭދަކުރާ ވަގުތުތަކުގައި އަނބިމީހާ އުފާވެފައި ހުންނަކަން ފާހަގަކުރެވޭ، ނަމަވެސް ފިރިމީހާއާއި މުވާމަލާތު ކުރަންޖެހުމުން މޫނުގެ ކުލަވަރު ބަދަލުވެ ހިތްހަމަ ނުޖެހޭނަމަ އެއީ އޭނާގެ ފިރިމީހާ އޭނާއަށް މިހާރު މުހިންމުނުވުމުން ވެދާނެކަމެކެވެ. އެހެން އެންމެނާއި ދައްކާނެ ވާހަކަ ހުރެފައި ފިރިމީހާއާއި ދައްކާނެ ވާހަކައެއް ގިނަފަހަރު މިހެންވުމުން ނުހުންނާނެވެ. ދެމީހުންދެމީހުންނަށް މަޖާކުރުމާއި ސަމާސާކުރުން އެއީ މާޒީގައި ހިނގިކަމެއްކަމުގައި ވެގެންގޮސް ފިރިމީހާއާއި ވާހަކަ ދެއްކުމަކީ ބޮޑުކަމެއް ކަމުގައި ދެކެންފަށައެވެ. އަދި އޭނާއާއި ހަމައެކަނި މުހިންމު ކަމެއްގައި ނޫނީ ވާހަކަ ނުދައްކައެވެ.

6. ފިރިމީހާއާއި އެހެންމީހުންނާއި އަޅާކިޔުން؛

ހުރިހާ އެންމެންވެސް ބޭނުންވާނީ އެންމެ ފުރިހަމަ މީހާއެވެ. ބައެއް މީހުންނަކީ ކައިވެނިކުރި މީހާއާއިމެދު ހިތްހަމަޖެހުމާއިއެކު ދިރިއުޅޭ މީހުންނެވެ. ނަމަވެސް އަނެއްބައި މީހުންގެ ތެރޭގައި ހިމެނޭ ފިރިންދެކެ ފޫހިވާ އަނބިންނަށް ފިރިމީހާގެ ރަނގަޅު ސިފައެއް ނުފެންނަފަދައެވެ. ނުލާހިކު ލޯބިން ކައިވެނިކުރިނަމަވެސް، ފިރިމހާގެ މަތިން ފޫހިވާންފެށުމުން އޭނާގެ އެއްވެސް ހެވެއް ނުފެނި އަދި އެހެން މީހުންގެ ފިރިން ކަންތައް ކުރަނީ އެހެންނޭ މިހެންނޭ ކިޔައި ފިރިމީހާއާއި އެހެން މީހުންނާއި އަޅާކިޔަންފަށައެވެ. ހެޔޮލަފާއަނބިން އޭނާގެ ޒިންމާދާރު ފިރިމީހާ ދިރިއުޅުމަށްޓަކައިވާ ހުރިހާ ޤުރުބާނީއެއް ޤަބޫލުކޮށް ބަލައިގަންނާނެއެވެ. އެހެންކަމުން އެފަދަ މީހަކަށް މިގޮތަށް ބަދަލު އަތުވެއްޖެނަމަ އެއީ އޭނާ ހިތުގައި ގިނަ އުދާސްތަކެއް ހުރުމުން ތިބާދެކެ ފޫހިވާންފެށުމުން ދިމާވެދާނެ ކަމެކެވެ.

7. ގިނަގިނައިން ބަލިވާންފެށުން؛

ބައެއްފަހަރު ގިނަގިނައިން ބލިވުމަކީ ކޮންމެހެން އުމުރުން ދުވަސްވުމުން ނުވަތަ ބޭރުތެރެއިން އަންނަ ކަމަކުން ވާގޮތެއް ނޫނެވެ. ބައެއްފަހަރު އެއީ މީހާގެ ސިކުނޑިއަށް ބުރަބޮށުވެގެން ހަށިގަނޑު ބަލިކަށިވުމުންވެސް ވެދާނެކަމެކވެ. އަބަދުހެން ދެރަވެ ހިތާމާއިގައި އުޅޭނަމަ އެގޮތަށް ބަލިވެ ބޮލުގައި ރިއްސައި ލޭމައްޗަށް ދިއުންފަދަ ކަންކަން ދިމާވެއެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ފަރުވާ ހޯދާއިރު އަނބިމީހާއާއި ވާހަކަ ދައްކައި ތިބާގެ ފަރާތުން ހިތްހަމަ ނުޖެހޭކަންކަން ހުރިތޯ ހޯދައި އެކަންކަން އިސްލާހު ކުރާށެވެ.8. ކުރިންދިންހެން ލޯބިނުދިނުން؛

ފިރިމީހާގެ މަތިން އަބަދުހެން ފޫހިވެފައި ހުންނަނަމަ ހިތްހަމަ ޖެހިގެން ފިރިމީހާގެ އުފަލަށްޓަކައި ކޮށްދޭ ކަންކަން ކުރުމަށް އެއްވެސް ޝައުޤުވެރިކަމެއް ނުހުންނާނެއެވެ. ކުރީގައި ގެއަށް ފިރިމީހާއައުމުން އުފާވެފައި ފިރިމީހާގެ ގައިގައި ބައްދާލައި އޭނާއަށް ޚިދުމަތްތެރިވާ އަންބެއްނަމަވެސް އޭނާގެ ފިރިމީހާ މަތިން ފޫހިވާނަމަ އެކަން ބަދަލުވެދާނެއެވެ. އަދި އެފަދަ ކުދިކުދި ކަންކަން އެއްކޮށްހެން ދޫކޮށްލައި ފިރިމީހާ އުފާކޮށްދިނުމަށް ސަމާލުކަމެއް ނުދޭނެއެވެ.

9. ފިރިމީހާ ދައްކާވާހަކަ އަޑުނޭހުން؛

ކިޔަމަންތެރި އަންބެއް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެހެންނަމަވެސް ފިރިމީހާގެ ފަރާތުން އޭނާ ހިތްކުދިކުދިވާ އެތަކެއް ކަމެއްފެނި ފިރިމީހާގެ މަތިން މުޅިން ފޫހިވުމުން ފިރިމީހާއަކީ މާމުހިންމު މީހެއްކމުގައި އޭނާއެއް ނުދެކޭނެއެވެ. ނަތީޖާއަކީ ފިރިމީހާ އޭނާއަށް ޤަދަރުނުކުރިގޮތަށް އޭނާވެސް ފިރިމީހާއަށް ޤަދަރުކުޑަވުމެވެ. އަދި ބަސްނޭހުމެވެ. އަދި ފިރިމީހާ ދައްކާ ވާހަކަތަކަށް ސަމާލުކަންވެސް ނުދިނުމެވެ.

ކޮންމެ ކައިވެންޏެއްގައިވެސް އުފާވެރި ދުވަސްތަކާއި ހިތްހަމަނުޖެހޭ އަދި އެހައި އުފާވެރި ނޫންދުވަސްތައްވެސް އަންނާނެއެވެ. ހާލަތަކާއިގުޅިގެން ދުވަސްގަނޑާކަށް ދެމީހުންގެ މިޒާޖަށް ބަދަލުތަކެއް އަތުވެ ދެމީހުން އެކަކު އަނެކަކު ދެކެ ފޫހިވުމަކީ ވެދާނެކަމެކެވެ. ނަމަވެސް، ފޭސްބުކާއި ސޯޝަލް މީޑިއާ އެތައްމިތަނުގައި ގުޅޭނެ 'އޮޕްޝަން'ތައް ހުރި މިޒަމާނުގައި ހައްލުނުކުރެވި ހުންނަ މައްސަލަތައް ގިނަވާންވެއްޖެނަމަ ރަންގަނޑެއްފަދަ އަނބިމީހާވެސް ގެއްލިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


-14

ޔާސިރް

13-Sep-2023

ގިނައިން ފައިސާ ދިނީމަ ފޫހިނުވާނެ ކަމަށް ދިރާސާތިކުން ދައްކާޓްރެންޑިން