"އަދުރޭގެ ހިސާބު ޖެހުން" މީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވަރަށް މަޝްހޫރު ވެގެން ދިޔަ ވާހަކައެކެވެ. މިއީ މިފަހުން މިސާލު ބަހެއްގެ ގޮތުގައި ވެސް ބޭނުން ކުރަމުން އަންނަ މިސާލު ބަހެކެވެ. މީހަކު ނުބައިކޮށް ހިސާބެއް ޖަހައިފިނަމަ ނުވަތަ އަންދާޒާއެއް ކޮށްފިނަމަ "ތިޔައީ އަދުރޭގެ ހިސާބު ޖެހުމޭ" އުޅެއެވެ.

"އަދުރޭގެ ހިސާބު ޖެހުން" ވާހަކަ މަޝްހޫރުވެ ސިޔާސީ މަޝްރަހުގެ ހަޖުލަކަށްވީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ އެންމެ ފޯރިގަދަ ފުވަސްވަރު ރައީސް ޔާމީންގެ ބޮޑު ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރޯ ނުބައިކޮށް ހިސާބު ނަންބަރެއް ޖެއްސެވުމުންނެވެ. އެއްފަހަރަށްވުރެ ގިނަ އެ ހިސާބު އަދުރޭ ތަކުރާރު ކުރަށްވައި ފަހުން ވެސް އެ ހިސާބު ރަނގަޅު ކުރަށްވާފައެއް ވެސް ނުވެއެވެ.

ނަމަވެސް އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން އެކި ފަރާތްތަކުން ވަރަށް ކަށަވަރު ހިސާބު ތަކެއް ޖެއްސެވި އެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ލިބުމުން ގިނަ ބައަކަށް އެނގުނީ މިފަހަރު ދިމަވީ އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ޖެއްސެވި ހިސާބު ކަމެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވެފައި ވަނީ މި އިންތިހާބުގައި ރައީސް ސާލިޙަށް 40 އިންސައްތަ ވޯޓް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު މިދަންނަވަނީ އިބްރާހިމް މުޙައްމަދު ސާލިޙަށް މި ރާއްޖޭގައި ވޯޓް ލިބޭ އަދަދު މި ރާއްޖޭގައި ވޯޓްލާ މީހުންގެ އިންސައްތައަށް ބަލައިފިއްޔާ 40 އަކަށް ނާރާނެ." މުއިއްޒުގެ ކެމްޕޭން ޖަލްސާއެއްގައި އަދުރޭ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މައްޗަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ 46 ޕަސެންޓަށްވުރެ މަތިން ވޯޓް ހޯއްދަވާފައެވެ. އެއީ، ގާތްގަނޑަކަށް 100،723 ވޯޓެވެ. ރައީސް ސާލިޙަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެެ. އެއީ ގާތްގަނޑަށް 85،126 ވޯޓެވެ.

އެހެންކަމުން މިފަހަރު އަދުރޭ ޖެހި ހިސާބު މިވަނީ ދިމާވެފައެވެ. އަދުރޭގެ ހިސާބު ފިމާވެގެން އެވާހަކަ ގިނަ ބަޔަކު ދައްކަންފެށީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިޅް ވަރަށް ޔަގީން ކަމާއެކު ޖެއްސެވި ހިސާބެއްގެ ސަބަބުންނެވެ. ފައްޔާޒު ވިދާޅުވީ މި އިންތިހާބުގައި ރައީސް ޞާލިހަށް ލިބިވަޑައިގަންނަވާ ވޯޓު 56 އިންސައްތައަށް ވުރެ އެންމެ ތަންފުޖެއް ވެސް ދަށްނުވާނެ ކަމަށެވެ.

ނަމަވެސް އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާއިން ފައްޔާޒުގެ ހިސާބުވީ ކުރިން ބުނެއުޅޭ އަދުރޭގެ ހިސާބު ޖެހުމަށެވެ. މިފަހަރު މާބޮޑަށް ދިމާވީ އަދުރޭގެ ހިސާބެވެ.

އެހެންކަމުން މިހާރު މީސް މީޑިޔާގައި ވެސް ގުގުމާލާފައި އޮތީ ކުރިން ބުނިއެތި ކެންސަލްވެ، "ފައްޔާޒުގެ ހިސާބު ޖެހުމަށް" އަދުރޭގެ ހިސާބު ޖެހުމުގެ މިސާލުބަސް ބަދަލުވި ވާހަކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން