ދޮންކޭލަކީ ކެއުމަށް ބޭނުންކުރާ ވަރަށް އާންމު މޭވާއެކެވެ. އަދި ވިޓަމިން ބީ، ޕޮޓޭސިއަމް، ފޮލޭޓް، މެގްނީޒިއަމް އާއި އެހެނިހެން ގިނަ މާއްދާތައް ހިމެނޭ ނިއުޓްރިޝަން ގިނައިން ލިއްބައިދޭ މޭވާއެކެވެ. ނަމަވެސް މި މޭވާގައި ހަމައެކަނި އެތެރޭގައިވާ އާއްމުކޮށް މީހުންކައިއުޅޭ ބައިގެ އިތުރުން ބޭރުގައި ހުންނަ ތޮށިގަނޑުގައިވެސް ގިނަ ފައިދާތަކެއް އެކުލެވިގެންވެއެވެ. މިކަން ގިނަބަޔަކަށް ފަހަރުގައި ނޭނގުމަކީ އެކަށީގެންވާ ކަމަކެވެ.

ދޮންކެޔޮ ތޮއްޓަކީ އާއްމުކޮށް އެންމެވެސް އުކާލާބައެއްނަމަވެސް ދޮންކޭލުގެ ތޮށިން ގޭތެރޭގެ ބައެއް ބޭނުންތަކުގައާއި ބަގީޗާއާއި ތަރުކާރީއާއި މޭވާ ގަސްތައް އިންދުމަށާއި، އަދި އަހަރެމެންގެ ހަމުގެ ރީތިކަން ދެމެހެއްޓުމަށް ވަރަށްވެސް ބޭނުންތެރި އެއްޗެކެވެ. ހަޤީޤަތަކީ މޭވާއާއި ތަރުކާރީގެ ގިނަ ބާވަތްތަކަކީ ހަމައެކަނި ކެއުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. އެއިން، ކުރިން ދެންނެވި ފަދަ ތަފާތު ކަންކަމުގައި ބޭނުން ކުރެވޭނެއެވެ. އެހެންކަމާއެކު ދެންފަހަރަކު ދޮންކެޔޮ ކައިފައި އޭގެ ތޮށިތައް ކުނީގެ ގޮތުގައި އުކާލުމުގެ ކުރިން ދޮންކެޔޮ ތޮށިން ކުރެވޭ ހައިރާން ކުރުވަނިވި 10 ބޭނުންތައް ތަޖުރިބާކޮށްލާށެވެ.

ދޮންކެޔޮ ތޮށި ބޭނުންކުރުމުގައި، ހޫނާއި އިރުގެ އަލިން ދުރުގައި އަދި އައިސްއަލަމާރިން ބޭރުގައި ރައްކާކުރަން ހަނދާނުގައި ބަހައްޓާށެވެ. ދޮންކޭލުގައި ގިނައިން އެކުލެވިގެންވަނީ ކާބޯހައިޑްރޭޓްސް ކަމަށްވެފައި އޭގައި ހިމެނޭ ހަކުރުގެ މިންވަރު އެންމެ ގިނައިން ހުންނަނީ ތޮށިތައް ކަޅުވުމުންނެވެ.

1. ދޮންކެޔޮ ތޮށީގެ ސައިން ލިބޭ ސިއްހީ ފަރުވާ:

ދޮންކެޔޮ ތޮށީގައި ހުންނަ މާއްދާތަކުގެ އެހީގައި ޑިޕްރެޝަން، ނިދި ނުލިބުމާއި، ހާސްކަން ފަދަ ކަންކަމަށް ފަރުވާ ލިބެއެވެ. އަދި ދިފާއީ ނިޒާމު، މެޓަބޮލިކް ފަންކްޝަން، އަދި ހަޖަމުކުރުމުގެ ސިއްހަތު ރަނގަޅުކޮށްދިނުމަށް އެހީތެރިވެދެއެވެ. ސާފު، ދޮންކެޔޮ ތޮށިގަނޑެއް ދެތަށި ފެނުގައި 10 މިނެޓް ވަންދެން ކައްކާށެވެ. އޭރުން ދޮންކެޔޮ ތޮށީގެ ސައި ތައްޔާރުވީއެވެ.

2. ބޫޓު ޕޮލިޝްކުރުން:

ލެދާ ބޫޓުގައި އެއްކޮށް ދޮންނުވާ ކޭލުގެ ތޮށި ހޭކުމުން ރީތިކޮށް ބޫޓު ޕޮލިޝްވެފައި ވިދުމެއް ހުންނާނެއެވެ. މިކަމަށް އެއްކޮށް ދޮންވެފައިވާ ކޭލުގެ ތޮށި ކަމަކުނުދާނެއެވެ. ވަނދުކޭލުގެ ތޮށީގައި ޤުދުރަތީގޮތުން ހިމެނޭ ތެލެއް އެކުލެވިގެންވެއެވެ.

3. އިރުގެ ދޯދިތަކުން ލިބޭ ގެއްލުމުން ހަންގަނޑު ސަލާމަތްކުރުން:

ފަހުގެ ދިރާސާތަކުންދައްކާގޮތުގައި ދޮންކޭލުގެ ތޮށީގައި ހިމެނޭ އަލްކަލައިން މާއްދާތަކުގައި އެންޓި ބެކްޓީރިއަލް އަދި އިރުގެ ދޯދިތަކުން ހަންގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ މާއްދާތަކެއް އެކުލެވިގެންވެއެވެ. މީގެ ސަބަބުން މޫނުގައި އުނގުޅައިފިނަމަ ހަންގަނޑުގައި ހުންނަ ލައްތައް ފިލުމަށް އެހީތެރިވެދީ މެލަނިން އުފެއްދުން ކޮންޓްރޯލްކޮށްދޭނެއެވެ. އަދި ހަންގަނޑުގައި ހަލާކުވެފައިވާ ސެލްތައްވެސް އަލުން އިއާދަކޮށްދޭނެއެވެ.

4. ދަތް ހުދުކުރުން:

ދޮންކެޔޮތޮށި ދަތުގައި އުނގުޅުމުން ދަތްތައް ހުދުވެއެވެ. އާއްމުކޮށް ދަތް އުނގުޅާ އުސޫލުން ދަތް އުނގުޅުމާއިއެކު ދޭތެރެއަކުން މިގޮތަށް ދޮންކެޔޮ ތޮށިން ދަތްތައް ސާފުކޮށްލުމުން ދަތްތައް ހުދުވެ ދަތްތަކުގައި ހުންނަ ހަޑިތައް ސާފުވެގެންދާނެއެވެ.

5. ވިނެގާ ތައްޔާރުކުރުން:

ދޮންކޭލު ތޮށި ރާކޮށްގެން ވިނެގާ ތައްޔާރުކުރެވޭނެއެވެ. ކާއެއްޗެހީގައި މަޑު ފޮނިކަމެއް އެކުލޭ މިވިނެގާ ކެއްކުމަށް ބޭނުންކުރެވިދާނެއެވެ. އަދި މީގައި ހިމެނޭ އެންޓި ސެޕްޓިކް ނުވަތަ ފާރުވުމާއި ވިހަވުމުން ސަލާމަތްކޮށްދޭ މާއްދާތަކުގެ ސަބަބުން ފައިގައި ނުބައިވަސް ދުވުމުންނާއި ފަޔަށް ޖެހޭ ފަންގަލް ބަލިތަކުން ރައްކާތެރިވުމަށް ފައި ދޮވުމުގައި މިވިނެގާއިން އެތިކޮޅެއް އަޅައިގެން ބޭނުންކުރެވިދާނެއެވެ.

6. ދޮންކެޔޮ ތޮށީގެ ޗަޓްނީ:

ފައިދާހުރި އަދި މީރު ޗަޓްނީއެއް ތައްޔާރުކޮށްލުމަށް ދޮންކެޔޮ ތޮށި ފެނުކައްކާފައި ނަގައި މިކްސަރުން ގިރާލާފައި އިނގުރާއި ފިޔައާއި ލުނބޯހުތް ކަދުރު އަދި ހަކުރާއިއެކު ކުޑަ ހަވާދުކޮޅެއް އަޅާފައި ބަހައްޓާށެވެ.

7. ކޮމްޕޯސްޓު ނުވަތަ ގަސްކާނާ:

މިއީ އާއްމުކޮށް އެންމެވެސް ދަންނަ ދޮންކޭލުގެ ތޮށިން ކުރެވޭ ބޭނުމެކެވެ. ދޮންކޭލުގެ ތޮށި ބިމުގެ ތެރެއަށް ކުނިވެ ފީވެގެން ވެއްޔާއިއެކުވުމުން ފަސްގަނޑުގައި ގަސް އިންދުމަށް ބޭނުންވާ ގިނަ މާއްދާތަކެއް ފަސްގަނޑަށް ލިބިގެންދެއެވެ.

8. ހަންގަނޑުން ނުކުންނަ އުންވައްތަރު އެއްޗެހި ފިލުވައިލުމަށް:

ވާޓްސް ނުވަތަ އުން ހުންނަ ތަންތަނުގައި ދޮންކޭލުގެ ތޮށީގެ އެތެރެބައިން ތަންކޮޅެއް ނަގައި ހަމުގައި ހުރި އުމުގައި އަޅައި ޓޭޕްކޮޅަކުން ބަންދުކުރާށެވެ. އަދި 24 ގަޑިއިރު ބެހެއްޓުމަށްފަހު ނަގާށެވެ. މިގޮތަށް އުން އެއްކޮށް ނެއްޓެންދެން ކުރިއަށްގެންދާށެވެ. ދޮންކެޔޮ ތޮށީގައި ހިމެނޭ އެންޒައިމްސްތަކުން އުންތައް ރަނގަޅުކޮށްދެއެވެ.

9. ލޯދުޅަވުން ރަނގަޅުކޮށްދިނުން:

ހެނދުނު ގަޑީގައި ތެދުވާއިރު ލޯދުޅަވެ ލޯކައިރި ކަޅުވެފައި ހުރޭ ހެއްޔެވެ؟ މިގޮތަށް ހުންނަނަމަ ދޮންކޭލުގެ ތޮށީގެ އެތެރޭގައި ހުންނަ ބައި ސަމްސަލަކުން ކަހާލާފައި އެލޮވީރާއާއިއެކު އެއްކޮށްފައި ލޯކައިރީގައި އުނގުޅާށެވެ. އަދި 30 މިނެޓު ބެހެއްޓުމަށްފަހު ދޮވެލާށެވެ. މިގޮތަށް ހެދުމުން ލޯކައިރީގައި ހުންނަ ދުޅަތިރިވެ ލޯކައިރި އަލިކޮށްދޭނެއެވެ.

10. ހަންގަނޑަށް ވަންނަ ކުދިކުދި އެތިކޮޅުތައް ތަދުނުކޮށް ނެގުން:

ހަންގަނޑަށް ވަކަރުގެ އެތިކޮޅެއް ވަނުމުން ނަގަން އުނދަގޫވެ ބައެއްފަހަރު ވަޅިން ނޫނީ ކޮންމެވެސް ތޫނު އެއްޗަކުން ނަގަން އުޅުމުގެ ތެރޭގައި ވަރަށް ތަދުވެއެވެ. އެއަށްވުރެ ފަސޭހައިން މިހެން ހަންގަނޑަށް ވަންނަ އެއްޗެހި ނެގުމަށް ދޮންކެޔޮ ތޮށިކޮޅެއް އޮޅާލާފައި 24 ގަޑިއިރުވަންދެން ބަހައްޓާށެވެ. އަމިއްލަޔަކަށް އެއެތިކޮޅު ހަންގަނޑުން ބޭރަށް ނުކުމެދާނެއެވެ. އޭރުން ފަސޭހައިން އޭގައި ހިފައި ހަންގަނޑުން ނައްޓާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން