އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   8 ސެޕްޓެމްބަރު 2023 - 16:11
ފެނަކީ ބޮޑުވެގެންވާ މުއުޖިޒާތެކެވެ.

.

މި ބިންމަތީ ގައި ދިރުން ހުރުމަށް ބޭނުންވާ އެންމެ އަސާސީ ޢުންޞުރު ނުވަތަ ބަހާ އަކީ، ފެން ކަމާ މެދު ސައިންސު ޢިލްމުވެރިން އެއްބަސްވެއެވެ. ފެނުގެ މަތިވެރި ނިޢުމަތާ ބެހޭ ގޮތުން ލިޔާ މި ލިޔުން ވެސް ފުރަތަމަ ކީރިތި ޤުރްއާނުގެ އާޔަތަކުން ފަށާނަމެވެ. ސޫރަތުލް މުއުމިނޫން ގެ 18 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

(وَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً بِقَدَرٍ فَأَسْكَنَّٰهُ فِي ٱلأَرْضِ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَٰدِرُونَ )

މާނައީ: "އަދި ތިމަން ރަސްކަލާނގެ، ވަކި މިންވަރަކަށް އުޑުން ފެން ބާވައިލެއްވީމެވެ. ފަހެ، އެ ފެން ތިމަން ރަސްކަލާނގެ ބިމުގައި ހަރުލެއްވީމެވެ. އަދި ހަމަކަށަވަރުން، އެ ފެން (ތިޔަބައިމީހުންނަށް އަތުނުވާ ހިސާބަށް) ގެންދެވުމަށް، ތިމަން ރަސްކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެން ވަމެވެ."

އިސްވެ ދިޔަ އާޔަތުގެ މާނައާ މެދު ވިސްނައިލާ އިރުو ހާމަވާ ނުގުތާ ތަކެއް އެބަހުއްޓެވެ.

o އޭގެ ތެރެއިން އެއް ކަމަކީ، ވާރޭ ނުވަތަ އުޑުން ފެން ވެއްސަވަނީ ﷲ ތަޢާލާ ކަމެވެ.

o އަދި ދެވަނަ ކަމަކީ، އެ ފެން ވެއްސަވަނީ އެ ކަލާނގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ވަކި މިންވަރަކަށް ކަމެވެ.

o އަދި ތިނަވަނަ ކަމަކީ، ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޤުދުރަތުގެ ނިޒާމެއްގެ ދަށުން އެ ފެން ބިމުގައި ހިފަހައްޓަވާ ކަމެވެ.

o އަދި ހަތަރުވަނަ ކަމަކީ، އެ ފެން އަހަރެމެންނަށް ބޭނުން ނުކުރެވޭ ހިސާބަކަށް ފުނަށް ގެންދެވުމަށް (ޖައްވަށް އެރުއްވުމަށް ނުވަތަ ބިމުގެ ފައިތަޅާ ފޫވައްޓާލާފައި އަހަރެމެންގެ އަތް ނުފޯރާ ހިސާބު ފުނަށް ގެންދެވުމަށް) ވެސް އެ ކަލާނގެ ކުޅަދުންވަންތަކަމެވެ.ފެނާ ބެހޭ ޢިލްމީ ބައެއް ވާހަކަ

މިހައި ތަނަށް އައި އިރު، ޢިލްމުވެރިން ކުރި ދިރާސާ ތަކުން، ދުނިޔޭގައި މި ހުރި ފެނުގެ މަޞްދަރަކީ ކޮބައިކަން ކަނޑައެޅިގެން އެނގިފައެއް ނުވެ އެވެ. މިހައި ތަނަށް އުފެދިފައި ހުރި ސައިންސުގެ ނަޒަރިއްޔާތައް ބުނާ ގޮތުން، ދުނިޔެ އާއި އެ ނިޒާމުގެ ތެރޭގައި މި ދުނިޔެ ނުވަތަ ބިން ހިނެމޭ ޝަމްސީ ނިޒާމު ވުޖޫދަށް އައިސްފައި ވަނީ، ސައިންސުގެ ބަހުރުވައިން ނަމަ ސުޕަ ނޯވާ ކިޔާ ބިޔަ ތަރިއެއް ގޮވި ބޮޑު ގޮވުމުގެ ސަބަބުން އުފެދުނު ދުން ނުވަތަ އޭގެ މާއްދާގެ ކުނޑިތައް އެކުވުމުގެ ނަތީއެއްގެ ގޮތުންނެވެ. ނުވަތަ މި ނިޒާމަކީ މި ބަޔާންކުރާ ޙާދިސާގެ ސަބަބުން އެކި ސައިޒަށް އުފެދުނު ގުޅަވަރު ތަކެކެވެ. މި ދެންނެވި ގުޅަވަރުތައް ގުޅަވާން ފެށީ މާއްދާ ގައި ހުރި، އެކެތި އަނެކެއްޗަށް ދަމާ ބާރު ނުވަތަ ޖާޒުބިއްޔަތުގެ ސަބަބުން ކަމަށް ސައިންސު ޢިލްމުވެރިން ބުނެއެވެ. މި ޙާދިޘާގެ އެތައް މިލިއަން ނުވަތަ ބިލިއަން އަހަރަކަށް ފަހު، މި ނިޒާމު ނުވަތަ ޝަމްސީ ނިޒާމު ނުވަތަ ސޯލާ ސިސްޓަމު އުފެދުނު ކަމަށް މި ވަނީ ސައިންވެރިން ނިންމާފަ އެވެ.ދުނިޔޭގައި ހުރި ފެނާ ބެހޭ ބައެއް ނަޒަރިއްޔާ

ދުނިޔޭގައި ހުރި ފެނާ ބެހޭ އެއް ނަޒަރިއްޔާ އަކީ، އެއީ ކަނޑުތައް އުފެދުމުގެ ކުރިން ފަރުބަދަތަކުގެ ހިލައިގައި ތަތްވެފައި ހުރި އެއްޗެއް ކަމަށް ބުނާ ބުނުމެވެ. އަދި އެ ގޮތަށް ފެން ހަރުލާފައި އެ ހުރީ، ޖާޒުބިއްޔަތު ނުވަތަ ގުރެވިޓީގެ ބާރުން ކަމަށް ބުނެއެވެ. ދެން ބިމުގެ ސަޠަޙަ ފިނިވުމުން ފެނުގެ އާވި ބޯވެ، ބިމާއި ވާދީ ތަކަށް ވާރޭގެ ސިފައި ގައި ވެހި، ބޮޑެތި ބިޔަ ކަނޑުތަކާއި ކޯރުތައް އުފެދުނީ ކަމަށް ބުނާ ބުނުމެވެ. އަދި އޭރު މި ބިން އޮތީ އެކެތިގަނޑަކަށް ކަމަށާއި، އޭރުގެ ދުނިޔެ އަށް ދީފައިވާ ނަމަކީ އެންޖިއާ ކަމަށް ބުނެވެއެވެ.

އަދި ފެނާ ބެހޭ ދެ ވަނަ ނަޒަރިއްޔާ އަކީ، ފެނަކީ، ޝަމްސީ ނިޒާމު އުފެދުމުގެ ކުރިން އުފެދި ނިމިފައި ހުރި އެއްޗެއް ކަމުގައި ބުނާ ބުނުމެވެ. އަދި ދުނިޔެ އުފެދި އެކުލެވިގެން އައި މުއްދަތުގައި ހިނގި ޢަމަލުތަކާއި، ރައްދު ޢަމަލުތަކުގެ ވަރުގަދަ ކަމުންނާއި، އޭރު ދުނިޔޭގެ ބިމުގައި ހޫނުމިން ހުރީ އެތައް ސަތޭކަ ޑިގުރީ ފައިރަން ހައިޓުގައި ކަމަށް ވާތީ، ފެން އޭރު ހުންނާނީ ގޭސް ނުވަތަ އާވީގެ ސިފައިގާ، މުޅި ހިސާބަށް ފެތުރިފައި ކަމަށް ބުނާ ބުނުމެވެ. އަދި ހަމަ އެ މަރްޙަލާ އަކީ، މި ބިން އުފެދިގެން އައި މަރްޙަލާ ކަމަށް ވާތީ، ބިމުގެ ވަށައިގެން ޖައްވެއް އުފެދެން ބޭނުންވެފައި ވާނެ ކަމަށް ބުނާ ބުނުމެވެ. އެއީ އެހެން ތަރިތަކަށް ވެސް އޭރު މެދުވެރިވެފައި އޮންނާނެ ޙާލަތު ކަމަށް ބުނެއެވެ.

ތިން ވަނަ ނަޒަރިއްޔާ އަކީ، ޖައްވުގެ ތެރޭން އަންނަ ގިނިކަނދު، ދުންތަރި އަދި އޭގައި ގިނަ މިންވަރަކަށް ފެން އެކުލެވޭ ގިނިހިލަ ތައް ވެއްޓުމުން ބޮޑެތި ކަނޑު ތައް އުފެދި ބިމުގައި ފެން އާލާވީ ކަމަށް ބުނާ ނަޒަަރިއްޔާއެވެ.

ސޫރަތުލް މުއުމިނޫން ގެ 18 ވަނަ އާޔަތު ގައި، އެ ވާ ގޮތުން، އެއީ ދުނިޔޭގައި ފެން އާލާވި، ފުރަތަމަ މަރްޙަލާ ކަމުގައި ވެއްޖެ ނަމަ، ފެނަކީ ކުރިން ނުވަތަ ދުނިޔެ އުފެދުނު އިރު، މި ބިމުގައި ހުރި އެއްޗެއް ނޫން. މި އާޔަތުން ދޭހަވާ ބަދީހީ މާނައާ، ފަހުން މި ދެންނެވި ސައިންޓިފިކު ނަޒަރިއްޔާއާ ދެމެދު ވަރަށް ބޮޑު ގުޅުމެއް އެބަހުރި ކަމަށް ބެލެވެއެވެ. އާޔަތުގެ މާނާގައި އެ ވަނީ އުޑުން ފެން ވެއްސެވި ވާހަކައެވެ. މި ތަނުގައި މި އިޝާރާތް ކުރަނީ މިހާރު ދުނިޔޭގެ ޖައްވުގައި ވިލާ އެފެދުމާއި ވާރޭ ވެހޭ ގޮތުގެ ނިޒާމުގެ ވާހަކައަަކަށް ނޫނެވެ. އެކަމަކު އެއީ އެކީއެކައްޗަކަށް، މަތިން ވާރޭ ނުވަތަ ފެން ވެހުމާއި އެކީއެކައްޗަކަށް، ﷲ ތަޢާލާ މި ބިމުން ފެން ގެންދެވުމުގެ ވާހަކައެވެ. އެހެން އެ ކަން ދިމާ ވެއްޖެ ނަމަ، ބިމުގައި ހުރި ފެންއާރުތަކާއި ކޯރުތައް ހިކޭނެއެވެ. އަދި އެއްވެސް ގަހެއް ރުކެއް ނުހެދޭނެއެވެ. އެއްވެސް ޖަނަވާރަކަށް ބޯނެ ފެނެއް ނުލިބޭނެއެވެ. އެ ތަކެތި މަރުވެ އިންސާނުން ވެސް އެންމެ ފަހުން ނެތި ފަނާވެދާނެއެވެ. މީގެ މާނަ އަކީ ފެނަކީ ދުނިޔެ އުފެދުނު އިރު މިހާރު މި ހުރި ގޮތަށް ދުނިޔޭގެ ބިމާއި ޖައްވު ގައި ހުރި އެއްޗެއް ނޫނެވެ.

ސޫރަތުލް ބަޤަރާގެ 164 ވަނަ އާޔަތުގެ މާނަ އަށް ބަލާ އިރު ވެސް މި ކަހަލަ މާނައެއް އެބަ ދޭހަވެއެވެ. އެހެނީ އެ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވަނީ، ބިން މަރުވުމަށް ފަހު ވާރޭ ވެއްސަވައި، އަލުން ދިރުއްވި ވާހަކައެވެ. އެ އާޔަތުގައި ވަނީ: (إِنَّ فِي خَلْقِ ٱلسَّمَٰوَٰتِ وَٱلأَرْضِ وَٱخْتِلاَفِ ٱللَّيْلِ وَٱلنَّهَارِ وَٱلْفُلْكِ ٱلَّتِي تَجْرِي فِي ٱلْبَحْرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٍ فَأَحْيَا بِهِ ٱلأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٍ وَتَصْرِيفِ ٱلرِّيَاحِ وَٱلسَّحَابِ ٱلْمُسَخَّرِ بَيْنَ ٱلسَّمَآءِ وَٱلأَرْضِ لآيَاتٍ لِّقَوْمٍ يَعْقِلُونَ) "ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، اللَّه އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށް ފަހު، އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައި އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭ ތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭ ގޮތުގައި ވައި ޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާ ބަޔަކަށް ކަނޑައެޅިގެން ހުރި ހެކިތަކެއް ވާކަން ކަށަވަރެވެ." މި އާޔަތުގެ މާނާގައި "ބިން މަރުވެ އޮތުމަށް ފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި،" މި ފަދައިން އައިސްފައި އޮތުމުން ބިމުގައި ދިރުން ނެތް ޒަމާނެއް އައި ކަން އެބަ އެނގޭ.. ނުވަތަ ފެން ނުލިބުމުން ބިމުގައި އެއްވެސް ދިރުމެއް ނެތި މަރުވާނެކަން އެބަ އެނގެއެވެ.

މި ކަމަށް ބާރު ލިބޭ އެހެން އާޔަތެއް ވެސް އެބަ އޮތެވެ. އެއީ އަލް އަންބިޔާ ސޫރަތުގެ 30 ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ: (وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَ) މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށް ވެފައިވަނިކޮށް، ފަހެ، ތިމަން ރަސްކަލާނގެ އެ ދޭތި ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަން ރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން އީމާން ނުވަނީ ހެއްޔެވެ؟" މި އާޔަތުގެ މާނަ އަށް ވިސްނައިލާ އިރު ބިމުގައި ފެން ނެތް އިރު އެއްވެސް ދިރޭ އެއްޗެއް ނޫޅޭނެކަން އެނގެއެވެ. އެކަމަކު އެއްވެސް ތަނެއް ގައި ފެން އުފެއްދެވި ވާހަކަ، މިއިން އާޔަތެއް ގައި ބަޔާންވެފައި ނެތުމުން، އޭރު ﷲ ތަޢާލާ ފެން ޚަލްޤު ކުރައްވާފައި ވާނެ ކަމަށް ދަލީލު ލިބެއެވެ. އެހެން ވީމައި ކުރިން ހާމަކުރި ނަަޒަރިއްޔާތަކުގެ ތެރެއިން މި އާޔަތްތައް ބޮޑަށް ބާރުދެނީ ދެ ވަނަ ނަަރިއްޔާ އަށެވެ. އެއީ އަހަރެމެން މި ހީކުރާ ގޮތާ ޚިލާފަށް، ﷲ ތަޢާލާ މާ ކުރިން ފެން އުފައްދަވާފައި ވުމެވެ.

ހޫދު ސޫރަތުގެ 7 ވަނަ އާޔަތުން މި ނަޒަރިއްޔާ އަށް ވަރަށް ވަރުގަދަ ދަލީލެއް އެބަ ލިބެއެވެ. އެ އާޔަތު ގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވަނީ: (وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ) މާނަ އަކީ: "އަދި އެ ކަލާނގެއީ، ހަ ދުވަހުގެ ތެރޭ ގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ އެވެ. އެކަލާނގެ عرش (އޭރު) ވަނީ ފެން މަތީގަ އެވެ." މި އާޔަތުގެ މާނަ އިން ދޭހަވަނީ، އުޑުތަކާއި ބިން އަދި އެ ތަންތަނު ގައި ވާހައި އެއްޗެއް ހެއްދެވުމުގެ ކުރިން، ﷲ ގެ ޢަރްޝި ފެން މަތީގައި ހުރި ވާހަކައެވެ.

މީގެ އިތުރުން ދުނިޔެ އުފައްދަވައި، އެ ދުނިޔެ އަށް ވާރޭ ވެއްސެވުމަށް ފަހު އައި މަރްޙަލާއެއްގެ ވާހަކަ ޣަރީބު ޙަދީސެއް ގައި ވާރިދުވެފައި ވެއެވެ. އެ ޙަދީސުގައި ވާ ގޮތުން ދުނިޔޭގެ ބިމުގައި އޭރު އޮތީ ހުސް ފެނެވެ. ނުވަތަ މުޅި މި ބިން އޮތީ ފެނުއަޑީގައެވެ. އެހެން އޮވެފައި، އެންމެ ފުރަތަމަ އުފެދުނު ހިކިފަސް ތަނަކީ ކަޢުބާ އެކަންޏެވެ. މިއީ އަލް ހަރަވީ ޣަރީބުލް ޙަދީސު ގެ ތެރޭގައި ރިވާ ކުރެއްވި ޙަދީސެކެވެ. ހަމަ މި ފަދަ މާނައެއް ދޭހަވާ މައުޤޫފު ޙަދީސެއް، އައްޠަބަރާނީ އާއި އަލް ބައިހަޤީ ތަޚްރީޖު ކުރައްވާފައި ވެއެވެ. އެ ޙަދީސުގައި ވެސް އައިސްފައިވާ ފަދައިން، ބިމުން އެންމެ ފުރަތަމަ ފެންމައްޗަށް ހިއްކައިލި ތަނަކީ ކަޢުބާ ކަމަށް ވެއެވެ. އެހެން ވީމައި ﷲ ތަޢާލާގެ ގެފުޅު ކަމުގައިވާ ކަޢުބާ ގެ އަސާސީ ބިނާ އަކީ އިލާހީ ބިނާއެއް ކަމަށް ވެސް މި ޙަދީސްތަކުން އެބަ ދޭހަވެއެވެ.

1997 ގައި، ޖައްވީ އުޅަނދު ޕޯލާ އިން ފޮޓޯ ނަގާފައިވާ ކުޑަ ދުން ތަރި އަކީ، އޭގެ ވަށައިގެން ގިނަ މިންވަރަކަށް ފެން ހުރި ދުންތަރިއެއް ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. ފޮޓޯ ނެގި އިރު، އެ ތަރި އޮތް ކަމަށް ވަނީ 8000 ކިލޯމީޓަރު އުހުގައެއެެވެ. އެކަމަކު ދުނިޔޭގެ ޖައްވަށް ވަނުމާ އެކު 54 ސިކުންތު ތެރޭގައި ބޯ ވިލާގަނޑެއްގެ ސިފައަށް އެ ތަރި ބަދަލުވެ، އޭގެ ދުވަސް ހިނގައްޖެ ކަމަށް ބުނެއެވެ. މި ޙާދިސާ އިން ދޭހަވަނީ ޖައްވުގެ ތެރޭން ދުނިޔޭގެ ބިމަށް ފެން އަންނަކަމެވެ.

ކޮންމެއަކަސް އަހަރެމެން އިންސާނުންނަށް މުހިއްމީ، މި ދުނިޔޭގައި ފެން އުފެދުނު ގޮތެއް ނޫނެވެ. ނުވަތަ އެއީ އެހެން ޕުލެނެޓަކުން އައި އެއްޗެއްތޯ ނުވަތަ މި ބިމުގައި ﷲ ތަޢާލާ އުފަން ކުރެއްވި އެއްޗެއްތޯ ބެލުމެއް ވެސް ނޫނެވެ. އެކަމަކު ފެނާ ބެހޭ މައުލޫމާތު ހޯދުމުގައި އަހަރެމެންގެ ބޭނުމަކަށް ވާންވާނީ، ﷲ ތަޢާލާ ގެ މި މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުމެވެ. އަދި މި ނިޢުމަތުގެ މަތިން އަހަރެމެން ހަނދާންކޮށް، ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި، އެ ކަލާނގެ ކުޅަދުންވަންތަވެރިކަމަަށް ހެކިވުމެވެ. އެހެން ނޫނީ ވިއްޔާ އީމާން ނުވާ މީހުން އަހަރެމެންނަށް ވުރެ މާ ގިނަ މަޢުލޫމާތު އެބަ ހޯދައެވެ. އަދި އެ މީހުން ދުނިޔޭގައި އެ މަޢުލޫމާތުން ނުހަނު ގިނަގުނަ ފައިދާ ވެސް ޙާޞިލު ކުރެއެވެ. އަހަރެމެންނާ އެ މީހުންނާ ހުރި ތަފާތަކީ އެ މީހުންގެ އެކައުންޓު ދުނިޔެއާ ހަމައިން ބަންދުވާ ކަމެވެ. އަދި ﷲ ގެ ވަޖުހަފުޅަށް ޓަކައި، އިޚްލާޞްތެރިކަމާ އެކު އަހަރެމެން ޢިލްމު ޙާޞިލު ކޮށްފި ނަމަ އަހަރެމެންނަށް ދެ ދުނިޔޭގައި ވެސް އެ ޢިލްމުން ފައިދާ ކުރާނެކަމެވެ.ފެނުގެ ބޭނުންތެރިކަން

ޝައްކެއް ނެތް ގޮތުގައި ފެނަކީ، މި ދުނިޔޭގައި ދިރުން ހުރުމުގެ ސިއްރެވެ. ހުރިހައި ދިރޭ އެއްޗެއްގެ އަސާސީ ބަޔަކީ ފެނެވެ. އެއީ އިންސާނެއް ވިޔަސް، ޖަނަވާރެއް ވިޔަސް، އަދި ގަހެއް ރުކެއް ވިޔަސް ނުވަތަ ފަނިފަކުސަ ކަމަށް ވިޔަސް މެއެވެ. ޢިލްމީ ދިރާސާތަކުން ހާމަވެ، ކަށަވަރުވެފައިވާ ގޮތުގައި، ގާތްގަނޑަކަށް އިންސާނާގެ ޖިސްމުގެ ތިންބައިކުޅަ ދެ ބަޔަކީ ފެނެވެ. މުޅި ދުނިޔޭގެ ފެނުގެ ނިސްބަތަކީ ވެސް ގާތްގަނޑަކަށް ހަމަ މިއީ އެވެ. ފެން ބޭނުންވަނީ ހަމަ އެކަނި އިންސާނާ ބުއިމަކަށް ނޫނެވެ. ފެނުން އެހެން އެތަކެއް ބޭނުން ތަކެއް ވެސް ފުއްދޭ ގޮތަށް ﷲ ތަޢާލާ ތަޤްދީރު ކުރައްވާފައި ވެއެވެ. ފެނަކީ ވަކި މިންވަރަކަށް ހަށިގަނޑު ގައި ހުރުން އެކަނި، އޭގެ ބޭނުމެއް ކަމުގައި ލައްވާފައިވާ މާއްދާއެއް ނޫނެވެ. އެކަމަކު ފެނަކީ އިންސާނާގެ ހަށިގަނޑުގައި ހުރުމުގެ އިތުރުން ހަށިގަނޑުގެ ތެރޭގައި ގިނަގުނަ ވަޒީފާތަކެއް އަދާކޮށްދޭ ވަސީލަތެކެވެ. ހަށިގަނޑުން ބޭރުވާން ޖެހޭ އެތައް ބާވަތެއް ބެރުވުމަށް އެ ތަކެތި ބޭނުންކުރާ ސަވާރީ އަކީ ފެނެވެ. ބޭނުން ނޫން ނުވަތަ ބޭނުން ކޮށް ނިމިފައި ހުންނަ ކުނިބުނި ހަށިގަނޑުން ބޭރުވަނީ ވެސް ފެނުގެ ޒަރީޢާ އިންނެވެ. އޭގެ ތެރޭގައި ލޮނާއި، އެކި ބާވަތުގެ ޖަރާސީމާއި، އެކި ބާވަތުގެ ވިހަ މާއްދާތައް ހިމެނެއެވެ. އެހެން ކަމުން އެވްރެޖު އިންސާނަކަށް ދުވާލަކަށް 2.5 ލިޓަރު ފެން ބޯން ބޭނުންވާނެއެވެ. މި މިންވަރުގެ ތެރެއިން ސީދާ ދިޔާ ތަކެތީގެ ގޮތުގައި ގާތްގަނޑަކަށް އެއް ލިޓަރު ފެން ބުއިމުން ބާކީ ބައި ބައި، ކާބޯ އެހެނިހެން ތަކެތީން ލިއްބައިދޭނެ ކަމަށް ބުނެވެއެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނެތިއްޖެ ނަމަ ހަށިގަނޑުގެ ތެރޭގައި ހިނގާ ކީމިޔާވީ ޢަމަލުތަކާއި ރައްދު ޢަމަލުތަކެއް ފުރިހަމައަކަށް ނުހިނގާނެއެވެ.ފެން މަދުވުމުުން ދިމާވެދާނެ މަސްއަލަތައް

ޝައްކެއް ނެތް ގޮތުގައި، ބޭނުން މިންވަރަށް ވުރެ ހަށިގަނޑު ގައި ފެން މަދުވެއްޖެ ނަމަ، ހިކިކަން މެދުވެރިވާނެއެވެ. އޭގެ ނަތީޖާ އަކަށް ވާނީ ލޮނުގެ ބައި ހަށިގަނޑު ގައި ނިސްވަތުން އިތުރު ވުމެވެ. ދެން ވަރުބަލިކަން އިޙްސާސްވާން ފަށާނެއެވެ. ބޮލުގައި ރިހުން ފަދަ ޞިއްޙީ ޙާލަތްތައް މެދުވެރިވާނެއެވެ. ވީމައި ﷲ ގެ މި ނިޢުމަތަށް ޝުކުރުވެރިވާން އަހަރެމެންނަށް ލާޒިމުވާނެއެވެ. އެ ގޮތުން ކުރަންވީ އެއް ކަމަކީ ﷲ އަށް އީމާންވެ، އެ ކަލާނގެ އެންގެވި ގޮތަށް އަހަރެމެންގެ ދިރިއުޅުން ބައްޓަން ކުރުމެވެ. ފެނާ ގުޅޭ ގޮތުން ވާހަކަ ދައްކާ އިރު، ފެން އިސްރާފު ނުކުރުމަކީ އެ ނިޢުމަތަށް ޝުކުރު ކުރުމުގެ މަތީ ފަންތީގައި ހިމެނޭނެ ޢަމަލެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތު ގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. لَئِن شَكَرتُم لَأَزِيدَنَّكُمْ "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ." ފެނަކީ ﷲ ގެ ބޮޑު ނިޢމަތެކެވެ. އެ ނިޢުމަތަށް ޝުކުރުކުރުމުގެ އެއްބަޔަކީ ފެނުން އިސްރާފު ނުކުރުމެވެ.ފެނުން އަހަރެމެންނަށް ހިފޭ ބައެއް ބޭނުން

ތަކެތި ދޮވެ ސާފު ކުރުން، ކެއްކުން، ކަރުހިއްކުން ފިލުވުމަށް ޓަކައި ބުއިން، ހަށިގަނޑުގެ ސެލްތަކާ ހަމައަށް ފުރާނައިގެ އަސާސީ އެއް ކާނާ ކަމުގައި ވާ އޮކްސިޖަން ފޯރުކޮށްދިނުން، ފެން ނުލިބިއްޖެ ނަމަ ނުވަތަ ފެން ލިބުން ދަތި ވެއްޖެ ނަމަ ލިބޭނެ ގެއްލުމަކީ، އޭގެ ތަފްޞީލާ އެކު ދުލުން ބުނެލަން ނުވަތަ ގަލަމަކުން ބަޔާން ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. ކުރުކޮށް ބުނާ ނަމަ މުޅި އިންސާނީ ނައުޢު ހުއްޓުމަކަށް އަންނާނެއެވެ. ގަހެއް ރުކެއް ނުހެދޭނެއެވެ. މަހެއް މެއްސެއް ނޫޅޭނެއެވެ. ޖަނަވާރުތައް ފެނަށް ޖެހި، ހިކި އަނަރޫފަވެ ފަނާވެދާނެއެވެ.ފެން އުފެދިފައި ވާ ގޮތް

ފެން އުފެދިފައި ވަނީ ދުނިޔޭގައި ހުންނަ ދެ ގޭހެއް ކަމަށް ވާ އޮކްސިޖަން އާއި ހައިޑްރިޖަން ގޭހުންނެވެ. މީގެތެރެއިން ހައިޑްރިޖަން އަކީ އޭގައި އެނދުމުގެ ޤާބިލުކަން ހުރި އަލިފާން ރޯވާ އެއްޗެކެވެ. އަދި އޮކްސިޖަން އަކީ އަންދައިދޭ އެޖެންޓެވެ. އެކަމަކު ޙައިރާންވާން ޖެހޭ ކަމަކީ މި ދެ ގޭސް އެއް ވެގެން އުފެދޭ މާއްދާ ކަމުގައި ވާ ފެނަކީ އަލިފާން ނިއްވާ މައްދާ ކަމުގައި ﷲ ތަޢާލާ ލައްވާފައި ވާކަމެވެ.ފެނުގެ ސިފަ

ކޮބައިތޯ ފެނުގެ ސިފަ އަކީ؟ މި ސުވާލުގެ އެންމެ ޞައްޙަ އެއް ޖަވާބަކަށް ވާނީ އެއީ އެއްވެސް ވަހެއް ނުދުވާ، އެއްވެސް ކުލައެއް ނެތް، ވަކި ރަހައެއް ނުލާ ދިޔާ މާއްދާ އެކޭ ބުނާ ބުނުމެވެ. އެކަމަކު އެއީ އެހެއް އެއްޗަކާ އެއްކޮށްފި ނަމަ އެއާ ގުޅި، އެއަށް ގިނަގުނަ އަސަރު ތަކެއް ކުރުވާ އެއްޗެކެވެ. ފެނަކީ އެއްވެސް ކުލައެއް ވަހެއް އަދި ރަހައެއް ހުރި އެއްޗަކަށް ވީ ނަމަ އެއިން މިހާރު އަހަރެމެން ކުރާ ވަރަށް ގިނަ ބޭނުން ތަކެއް ނުފުދުނީހެވެ. ބޯކަށް، ދޮންނާކަށްް އެއްޗެއް ކައްކާކަށް އަދި ތާހިރުވާކަށް ވެސް ބޭނުމެއް ނުކުރެވުނީހެވެ.ޚުލާޞާ

ފެނާ ބެހޭ މި މަޟްމޫނުން ދޭހަވި ގޮތުގައި، މި ބިން ކުރިން އޮތީ އޭގައި އެއްވެސް ބާވަތެއްގެ ދިރުމެއް ނެތް، މަރުވެފައިވާ އެއްޗެއްގެ ޙުކުމު ގައެވެ. އެހެން އޮއްވައި، ﷲ ތަޢާލާ އެކަލާނގެ ޤުދްރަތްތެރިކަމާއި ޙިކުމަތްވަންތަކަމުން މި ބިމުގައި ފެން ވުޖޫދު ކުރެއްވިއެވެ. އަދި އެއަށް ފަހު މި ބިމުގައި ވާ ހުރިހައި ދިރުމެއް ގެ އަސާސީ އެއް ބަހާ އަކީ ފެން ކަމުގައި ލެއްވެވިއެވެ. ﷲ ތަޢާލާ ބިމަށް ވެއްސަވާ ފެން ވެއްސަވަނީ އެ ބިމަށް ބޭނުންވާ މިންވަރަށް ކަން އެނގެއެވެ. އެ ކަން އަހަރެމެންނަށް އެނގެނީ އަލް މުއުމިނޫން ސޫރަތުގެ 18 ވަނަ އާޔަތުންނެވެ. އެއްވެސް ކޮންޓުރޯލެއް ނެތި ބިމަށް ފެން ވެހެން ވެއްޖެ ނަމަ، މުޅި ދުނިޔެ ޣަރަޤު ވެއްޖައީހެވެ. އަދި ވާރޭ ނުވެހި މާގިނަ ދުވަސް ވާން ވެއްޖެ ނަމަ ދަނޑުފަނގު ހިކި އަނަރޫފަ ވެއްޖައީހެވެ. ނަމަވެސް އެ ކަން އެ ހިނގަނީ އެ ގޮތަކަށެއް ނޫނެވެ.

ފުރަތަމަ ބިން އޮތީ ފެނުން ފުރިފައި ކަމަށާއި، އެންމެ ފުތަމަ ފެނުން ތޮޅެލި ތަނަކީ ކައުބާ ކަމަށް ބެލެވެއެވެ. އެ ކަން ދެހަވާ އެއް ދަލީލަކީ އަލް ޙައްޖު ސޫރަތުގެ 26 ވަނަ އާޔަތެވެ. އެ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވަނީ މިފަދައިިންނެވެ. (وَإِذْ بَوَّأْنَا لإِبْرَاهِيمَ مَكَانَ ٱلْبَيْتِ) މާނައީ: "إبراهيم ގެފާނަށް ގެފުޅު ހުންނަ ތަން ތިމަންރަސްކަލާނގެ ދެއްކެވިހިނދު، ހަނދުމަކުރާށެވެ!" މި އާޔަތުން ދޭހަވާ ގޮތުގައި، ﷲ ތަޢާލާ އިބްރާހީމް ގެފާނަށް އަންގަވައިދެއްވީ ގެފުޅު ހުންނަ ތަނެވެ. ގެފުޅު ހުންނަންވީ ތަނެއް ނޫނެވެ. އެހެންކަމުން ގެފުޅަކީ ކުރިން ވެސް ވުޖޫދުވެފައި ހުރި ތަނެއްގެ މާނަ އެބަ ދޭހަވެއެވެ. އަނެއް އާޔަތެއްގައި އާދެ އިބްރާހީމް ސޫރަތުގެ 37 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވަނީ (إِنَّيۤ أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ ٱلْمُحَرَّمِ) މާނައީ: "އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިން ކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއް ގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަ ރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ." މި އާޔަތުގެ މާނާގައި އެ ވާ "އިބަ ރަސްކަލާނގެ ގެފުޅު އަރިހުގައި،" އެވެ އޮތް ބަސްފުޅުން ދޭހަވަނީ ގެފުޅަކީ މާކުރިން ވެސް ހުރި ތަނެއް ކަމެވެ. ސަބަބަކީ އޭރު އަދި އިބްރާހީމް ގެފާނާއި އިސްމާޢީލުގެފާނުގެ ދެބަފައިކަލުން އެ ގެފުޅު ބިނާއެއް ނުކުރައްވައެވެ.

މުޅި މި ބިން ފެނުން ފޮރުވިފައި އޮތް ޒަމާނެއްގެ ވާހަކަ ކީރިތި ރަސޫލާ ‘ ގެ އެތައް ޙަދީސެއްގައި އެބަ އޮވެއެވެ. އެއީ އަދި މި ޒަމާނުގެ ސައިންސު ބަޔާން ނުކުރާކަން ވާހަކައެއްކަން އެނގެއެވެ. އެއީ އަދި ޢިލްމުވެރިންނަށް ހޯދިދާނެ ޙަޤީޤަތެއް ކަމަށް ވުން ވަރަށް ގާތެވެ.

މި ނިޒާމު އުފެދެމުުގެ ކުރިން ﷲ ގެ ޢަރްޝި ފެންމަތީގައި ހުރި ވާހަކަ އަކީ، ކީރިތި ޤުރްއާނުުގެ ނައްޞުން އެނގޭ ޙަޤީޤަތެކެވެ. އެހެން ކަމުން ފެނަކީ މާކުރިން ޚަލްޤުކުރައްވާފައިވާ އެއްޗެއް ކަން އެނގެއެވެ. ދުނިޔޭ ގައި މިހުރި ފެން އިރުގެ ޢުމުރަށް ވުރެ ދޮށި ކަމަށް ދިރާސާތަކުން ވެސް ދައްކައެވެ.*****

މިއީ "އިލާހީ ބައެއް މުއުޖިޒާތް" މި ސުރުޚީގެ ދަށުން، ރަސް އޮންލައިން ގައި، އަޅުގަނޑު ލިޔަމުން ގެންދާ ސިލްސިލާ މަޟްމޫނުތަކެކެވެ. އަޅުގަނޑުގެ އުއްމީދަކީ، އަދި ދުޢާއަކީ އަޅުގަނޑުމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަވެ އަޤީދާ ވަރުގަދަވެގެންދިޔުމެވެ. އާމީން!


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން