ބިލަބޯން ހައި އިންޓަނެޝަނަލް ސްކޫލް އައްޑޫ ކެމްޕަސްގެ ދަރިވަރުންތަކެއް ސެޝަންއެއްގެތެރެއިން - ފޮޓޯ: ބިލަބޯން ހައި އިންޓަނެޝަނަލް ސްކޫލް އައްޑޫ ކެމްޕަސް
ބިލަބޯން ހައި އިންޓަނެޝަނަލް ސްކޫލް އައްޑޫ ކެމްޕަސްގެ ދަރިވަރުންތަކެއް ސެޝަންއެއްގެތެރެއިން - ފޮޓޯ: ބިލަބޯން ހައި އިންޓަނެޝަނަލް ސްކޫލް އައްޑޫ ކެމްޕަސް
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނުގައި ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވަނީ ދިވެހި ރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް ތަފާތުކުރުމެއްނެތި، ފަށާ ތަޢުލީމާއި މެދުމަދަރުސީ ތައުލީމު އުނގަންނައިދިނުމަށެވެ. މިކަމަށްޓަކައި ރާއްޖޭގެ މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި ސަރުކާރުން ސްކޫލެއް ޤާއިމުކޮށް ކޮންމެ ކުއްޖަކަށްވެސް ރާއްޖޭގެ ޤާނޫނުގައި ބުނާފަދައިން ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިކޮށްދީފައި އެބައޮތެވެ. އެހެންނަމަވެސް ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްޤެއް ކަމުގައި ކަނޑައަޅާފައިވާ އުނގެނުމުގެ ހައްޤު ލާޒިމްކޮށްފައި އޮތްއޮތުމަށް ބިނާކޮށް ޕްރައިވެޓް ސްކޫލްތަކަށް ކުދިންނަށް ސަރުކާރުގެ ފަރާތުން އެއްވެސް އެހީއެއްނެތްކަމުގެ ޝަކުވާ ވަރަށް ގިނަބަޔަކުދަނީ އުފުލަމުންނެވެ.

އެއްބަޔަކު ބުނާގޮތުގައި ޕްރައިވެޓް ސްކޫލްތަކަށް ދަރިން ފޮނުވާނީ އެބަޔެއްގެ މާލީ ތަނަވަސްކަން އެކަމަށް ތަންދޭތީއެވެ. އެބައެއްގެ ކުދިންނަށް ސަރުކާރުގެ ސްކޫލްތަކަށްވުރެ ގިނަ ފުރުޞަތު ހޯދައިދިނުމަށް ނުވަތަ ސަރުކާރުގެ ސްކޫލްތަކަށްވުރެ މަތީ ކޮލިފިކޭޝަންތަކެއް ހޯދުމަކީ ދިރިއުޅުމުގެ ފެންވަރަށް ބަލައި މުހިންމުކަމެއް ކަމަށްދެކޭތީއެވެ. އެހެންކަމަށްވާނަމަ ސަރުކާރުން އެފަދަކުދިންގެ ކިޔެވުމަށް ދައުލަތުގެ މާލުން ޚަރަދުކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިހެން ކަންތައްކޮށްފިނަމަ އެއީ ސަރުކާރު ސްކޫލްތަކުން އުނގެނެމުންދާ ނިކަމެތިންގެ ކުދިންނާއިމެދުވެވޭ ނާއިންސާފެއްކަމަށްވެސް އެމީހުންދެކެއެވެ. ސަރުކާރުގެ ސްކޫލްތަކުން ކިޔެވެން އޮވެ ޕްރައިވެޓް ސްކޫލްގައި ކިޔަވަން ފުރުސަތުލިބި އަދި އޭގެ އިތުރަށް ސަރުކާރުން އެފަދަކުދިންނަން ހޭދަކުރުމުން ނިކަމެތި މީހާގެ ދަރިއަށް ނުލިބޭ ފުރުޞަތެއް މުއްސަނދިންގެ ދަރިންނަށް ދިނުންކަމުގައި ނޫނީ ނުވާނެއެވެ.

ހަމަމިއާއެކު ސްކޫލްތަކުން އުނގަންނައިދޭ މާއްދާތަކާއި ޓެކްސްޓްތަކުގައިވެސް ބައެއް ޕްރައިވެޓް ސްކޫލްތަކުގައި ފަރަޤު ހުންނަކަން ފާހަގަކޮށް ބައެއް މީހުން ބުނަމުންދަނީ އިންޓަރނޭޝަނަލް ކަރިކިއުލަމްތަކެއް ނަގައިގެން ބައެއް ޕްރައިވެޓް ސްކޫލްތަކުގައި އުނގަންނައިދޭ ހުރިހާ ބައިތަކަކީ ސަރުކާރު ސްކޫލުން ކުދިންނަށް ލިބޭ ފުރުޞަތެއް ނޫންކަމަށެވެ. އަދި މިފަދަ ފުރުޞަތެއް ހޯދައިދީ ޕްރައިވެޓް ސްކޫލްތަކަށް ކޮންމެހެންވެސް ދަރިން ފޮނުވަނީ ސަރުކާރު ސްކޫލްތަކުގެ ފެންވަރު ދަށްވެގެން ނޫންކަމަށެވެ. މިހާރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ކިޔަވައިގެންވެސް މޮޅެތި ފާސްތައް ހޯދައިގެން ބޭރުޤައުމުތަކުންވެސް އުނގެނުމުގެ ފުރުޞަތު ސަރުކާރުގެ ސްކޫލުން ކިޔަވައި ނިންމާ ދަރިވަރަށްވެސް ލިބެއެވެ. އެހެންކަމުން ޕްރައިވެޓް ސްކޫލަކަށް ދަރިވަރު ލުމަކީ ތިމާގެ 'ސްޓޭޓަސް' ނުވަތަ ހައިސިއްޔަތު މަތިކުރުމަށް ކުރާ ކަމެކެވެ. އަދި މިއީ ސަރުކާރުން ހޭދަކުރަންޖެހޭ ކަމެއްނޫނެވެ.

މިބަހުސްގެ އަނެއްފަރާތުގައި ތިބި މީހުން ބުނާގޮތުގައި ސަރުކާރުގެ ސިޔާދަތަކީ ހުރިހާ ކުދިންނަށް އުނގެނުމުގެ ފުރުޞަތުފަހިކޮށްދީ ހުރިހާ ކުދިންނަށް އުނގަންނައިދިނުމެވެ. އެހެންކަމަށްވާނަމަ އެކަމުގައި ސަރުކާރުގެ ސްކޫލެއް އަމިއްލަ ސްކޫލެއް ފަރަޤުކުރަންވީ ކީއްވެތޯ އެމީހުން ސުވާލުކުރެއެވެ. ސަރުކާރުގެ ސްކޫލްތަކުގެ ކުދިންނަށް ފޮތް ލިސްޓު ހިލޭ ދޭއުސޫލުން ނޭޝަނަލް ކަރިކިއުލަމްގައި ހިމެނޭ ފޮތްތައް އެކުދިންނަށް ފޯރުކޮށްދިނުމުގައި ފަރަޤުކުރެވިގެން ނުވާނެކަމަށް އެމީހުން ބުނެއެވެ. ސަރުކާރުގެ ސިޔާދަތަކީ ހުރިހާ ކުދިންނަށް މިފުރުޞަތު ފޯރުކޮށްދިނުން ކަމުގައިވީހިނދު ވަކި ޕްރައިވެޓް ސްކޫލަކަށް ދިއުމަކީ އެކުދިންނަށް އެހެން ކުދިންނެކޭ އެއްފަދައިން ސަރުކާރުންދޭ މިފަދަ އެހީތައް އިސްތިސްނާކުރެވެންޖެހޭ ކަމެއްތޯވެސް އެމީހުން ސުވާލުކުރެއެވެ.

މީގެއިތުރުން ސަރުކާރުގެ ކޮލެޖުތައް ހުރެމެ، އަމިއްލަ ކޮލެޖުތަކުން އުނގެނޭ ދަރިވަރުންނަށް ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔަވައިދެއްވުމަކީވެސް އެމީހުން ފާހަގަކުރާ ނުކުތާއެކެވެ. އެމީހުން ބުނާގޮތުގައި ސަރުކާރުގެ މަތީ ތައުލީމުދޭ ޔުނިވަރސިޓީތައް ހުރިއިރު މިގޮތަށް މަތީ ތައުލީމަށް އެހީތެރިކަން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ލިބިގެންދާއިރު އެފަދަ އެހީތެރިކަމެއް އަމިއްލަ ސްކޫލްތަކުން ކިޔަވަ ދަރިވަރުންނަށް ނުލިބެންވީ ސަބަބެއްނެތެވެ. އަދި ހަމައެހެންމެ ސަރުކާރުން އާސަންދައިގެ އެއްބައި ދައްކައިދީގެން އަނެއްބައި އަމިއްލަޔަށް ޚަރަދުކުރާގޮތަށް ޕްރައިވެޓް ހޮސްޕިޓަލުންނާއި ކްލިނިކްތަކުން ޑޮކްޓަރަށްދެއްކުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައިއެބައޮތެވެ. ވީމާ، ދިވެހި ދަރިވަރުންނަށް ސަރުކާރުން ކުރާ ޚަރަދުގެ ކޮންމެވެސް މިންވަރެއް ޕްރައިވެޓް ސްކޫލުން ކިޔަވާ ދަރިވަރުންނަށްވެސް ހައްޤެއްނޫންތޯއެވެ؟

މިބަހުސްގެ އެއްކޮޅުގައި ވަނީ ސަރުކާރުގެ ސްކޫލްތަކަށް ފޮނުވާ ދަރިވަރުންގެ ބެލެނިވެރިންނެވެ. އަނެއްކޮޅުގައިވަނީ ޕްރައިވެޓް ސްކޫލްތަކަށް ދަރިން ފޮނުވާ ބެލެނިވެރިންނެވެ. ޤާނޫނުގެ ހަމަތަކުން ބަލާއިރު ދިވެހި ކޮންމެ ދަރިވަރަކަށް ކިޔަވައިދނިނުމުގެ ފުރުސަތު ފަހިވެފައި އޮންނަންޖެހެއެވެ. މިބަހުސްގައި ތިޔަ ބޭފުޅުންގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން