އަރބަންކޯއިން ކުރިއަށްގެންދާ ކޮމިއުނިޓީ އަރބަން ފާރމިންގެ ދެވަނަ ބުރަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ހުޅުމާލެއިން ދަނޑު ބިން ކުއްޔަށްދީ، ހުޅުމާލޭގައި ދަނޑުވެރިކަން އިތުރުކުރުމަށް ހިންގޭ މިމަޝްރޫޢުގެ ދެވަނަ ބުރުން ބިން ހޯދުމަށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެ ކޯޕަރޭޝަންގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއިއެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލޭގައި މަގުފަހި ކޮށްދިނުން ކަމަށް އަރބަންކޯއިން ބުންޏެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން 673.28 އަކަފޫޓްގެ 12 ލޮޓް، 5 އަހަރު ދުވަހަށް ކުއްޔަށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކަމަށް އެދި ހުށަހެޅޭނީ، ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި ހުށައަޅާ ފަރާތަކީ އަރބަންފާރމިންގް ގެ އެހެން ޔުނިޓެއް މީގެ ކުރިން ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

މި މަޝްރޫއު ހިންގޭނީ 3 ކެޓަގަރީއަކަށް، ކޮންމެ 3 މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުންނެވެ. ފުރަތަމަ ކެޓަގަރީ ފަރުމާކުރެވިފައިވަނި އަންހެނުން ބާރުވެރިކުރުވުމަށެވެ. އެގޮތުން ދޫކުރެވޭ ޔުނިޓް ތަކުގެ 50 އިންސައްތަ ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފައެވެ.

ދެވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއެކެވެ. މި ކެޓަގަރީއަށް ޚާއްސަ ކުރެވިފައި ވަނީ 25 އިންސައްތަ އެވެ. މިއާއެކު ތިން ވަނަ ކެޓަގަރީ އަކީ އާންމުކޮށް ހުޅުވާލެވޭ ކެޓަގަރީއެވެ. މި ކެޓަގަރީއަށް 25 އިންސައްތަ ބިން ވަނީ ހާއްސަކޮށްފައެވެ.

ދަނޑުވެރިކަމުގެ ވިޔާފާރިއަށް ދޫކުރާ މި ޔުނިޓްތަކުން ތަފާތު ޚިދުމަތްތައް ލިބިގެންދާކަނެ ކަމަށް އަރބަންކޯއިން ބުނެއެވެ. މީގެ ތެރޭގައި ގަސްކާނާއާއި، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ލިބޭނެއެވެ.

މިކަމަށް ޝައުގުވެރިވާ، ފަރާތަތަކުން އަރބަންކޯ ވެބަސައިޓް މެދުވެރިކޮށް ފޯރމް ބައްލަވައިގެން ފޯރމާއި އެކު 28 ސެޕްޓެމްބަރ 2023 ވަނަ ދުވަހު އާރބަންކޯ ހެޑްއޮފީހަށް ވަޑައިގެން ފޯމް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން