ލުނބޯ: ދިވެހިންގެ ކެއުމުގައި އެކި ގޮތްގޮތަށް ބޭނުންކުރެވޭ މޭވާއެއް
ލުނބޯ: ދިވެހިންގެ ކެއުމުގައި އެކި ގޮތްގޮތަށް ބޭނުންކުރެވޭ މޭވާއެއް
ލުނބޯއަކީ ދިވެހިންގެ ކެއުމުގައި އެކި ގޮތްގޮތަށް ބޭނުންކުރެވޭ މޭވާއެކެވެ. ގަރުދިޔައާއި ބަތާއި ކާއިރު ލުނބޯކޮޅެއް ފިތާލައިގެން ކެއުމަކީ ކެއުމުގެ ރަހަ މީރުކޮށްދޭ ކަމެކެވެ. އެކި ބާވަތުގެ ހެދިކާ ތައްޔާރުކުރަން މޮޑޭ މަސްގަނޑަށްވެސް ލުނބޯހުތް އަޅައިގެން ތައްޔާރުކުރެއެވެ. އަދި ލުނބޯ ފަންޏަކީވެސް ދިވެހިންގެ ތެރޭގައި މީރު ބުއިމެކެވެ. މީގެ އިތުރުން ރޯގާ ޖެހުމުންވެސް އަސޭމިރުހާއި މާމުޔާއިއެއްކޮށްފައި ލުބޯހުތް އަޅައިގެން ބޭސް ގަނޑެއް ތައްޔާރުކުރެއެވެ.

ލުނބޯއަކީ ދިވެހިންގެ ދިރިއުޅުމުގައި އެހައި މުހިންމު މޭވާއެއް ކަމުން ލުނބޯގެ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ. ބޭރުތޮށި ރީނދޫކޮށް ހުންނަ މޭވާތަކުގައި ވިޓަމިން ސީ އެކުލެވިގެންވެއެވެ. އަދި ފައިބަރއާއި ހަށިގަނޑަށް ބޭނުންވާ މިނަރަލްވެސް ހިމެނެއެވެ. އަދި ލުނބޯއަކީ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭ މޭވާއަކަށްވާއިރު، ހޫނުފެނަށް ނުވަތަ އާދައިގެ ފެނަށްވެސް ލުނބޯ އަޅައިގެން ބުއިމަކީ ބަރުދަން ލުއިކޮށްދީ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދީ ބަނޑުގެ ޞިއްހަތު ދުޅަހެޔޮކޮށްދޭ ކަމެއްވެސްމެއެވެ.

އެހެންކަމުން އާދަވެގެން ކޮންމެ ދުވަހަކުވެސް ކެއުމުގައި ލުނބޯ ހިމެނުމުން ލިބިދެވޭ ފައިދާތަކުގެ ތެރެއިން ބައެއް ފައިދާތައް ތިރީގައި ހިމަނާލާނަމެވެ.

ލުނބޯއިން ލިބިދެވޭ ފައިދާތައް:

1. ބަރުދަން ލުއިކޮށްދިނުން:

ލެމަން ވޯޓާ ނުވަތަ ލުނބޯ ފެނަށް އަޅައިގެން ބުއިމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ލުނބޯ ހުތަކީ ގްލައިސީމިކް އިންޑެކްސް ނުވަތަ ހަކުރު ހިމެނޭ މިންވަރު މަދު މޭވާއެކެވެ. އެހެންކަމުން މިއީ ލޭގައި ހަކުރު ހިމެނޭ މިންވަރު މަދުކޮށްދޭނެ އެއްޗެކެވެ. އަދި ހަޖަމުގެ ނިޒާމް ރަނގަޅުވެ ހަށިގަނޑުން ވިހަ މާއްދާތައްވެސް ބޭރުކޮށްދީ އަދ މެތަބޮލިޒަމް އިތުރުކޮށްދޭ ބާވަތެއްވެސް މެއެވެ.2. ދިފާޢީ ނިޒާމް ވަރުގަދަވުން:

ލުނބޯ ފެނަކީ ވިޓަމިން ސީ އެކުލެވޭ އެއްޗަކަށްވުމުން ލުނބޯފެން ބުއިމުން ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކޮށްދިނުމަށް އެހީވެދެއެވެ. އަދި ހަށިގަނޑަށް ދިމާވާ އިންފެކްޝަންތަކާއި ރޯގާފަދަ ބަލިތައް ފަސޭހައިން ރަނގަޅު ވުމަށްވެސް ލުނބޯގައި ހިމެނޭ ވިޓަމިން ސީ އެހީތެރިވެދެއެވެ.

3. ހިތުގެ ދުޅަހެޔޮކަން:

ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ހިތުގެ ބަލތަކާއި ގުޅިގެން މަރުވާ މީހުންނެވެ. މީގެ ތެރޭގައި ހިތް ހުއްޓުމާއި ސްޓްރޯކް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރެވެ. ލުނބޮލަކީ ހިތުގެ ބަލިތަކުން ދިފާއުވުމަށް ކެއުމުގައި ހިމެނުން މުހިންމު ބާވަތެކެވެ. ސަބަބަކީ ވިޓަމިން ސީ ހިމެނޭ މޭވާތައް ކެއުމަކީ ހިތުގެ ބަލިތަކުން ދިފާއުކޮށްދޭކަމެއް ކަމުގައި ގިނަ ރިޕޯޓުތަކުން ދައްކާތީއެވެ.

4. ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލަތަކުން ރައްކާތެރިވުން:

ލުނބޯހުތުގައި ހިމެނޭ ސިޓްރިކް އެސިޑް އަކީ ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލައިން ރައްކާތެރިކޮށްދޭ އެއްޗެއް ކަމުގައި ގިނަ ދިރާސާތަކުން ދައްކައެވެ. ޚާއްސަކޮށް ލުނބޯ ފެނަކީ ހަށިގަނޑުން ވިހަ މާއްދާތައް ސާފުކޮށްދޭ އެއްޗަކަށް ވުމުން މިއީ ކިޑްނީގެ ދުޅަހެޔޮ ކަމަށްވެސް ރަނގަޅު މޭވާއެއްކަން ފާހަގަ ކުރެވެއެވެ.

5. އެނީމިއާ:

އެނީމިއާއަކީ ހަށިގަނޑުގައި އަޔަން މަދުވުމުން މިހާ ވަރުބަލިވުމާއި ހަށިގަނޑު ބަލިކަށިވުމަށް މެދުވެރިކުރުވާ ބައްޔެކެވެ. މިއީ ހަށިގަނޑުން އަޔަން ނުވަތަ ދަގަނޑުގެ ބާވަތް މަދުމުން ދިމާވާ ކަމެއްކަމުން ހަށިގަނޑަށް އަޔަން އެބްޒޯބްކުރުމަށް ބޭނުންވާ މާއްދާތައް ކެއުމުގައި ހިމެނުމަކީ މުހިންމުކަމެކެވެ. މިގޮތުން ލުނބޯގައި ހިނެމޭ ވިޓަމިން ސީ އަކީ އެހެން ބާވަތްތަކުން ހަށިގަނޑަށް ވާސިލްވާ އަޔަން އެބްޒޯބް ކޮށްދިނުމަށް އެހީތެރިވެދޭނެ ބާވަތެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން