ދިވެހި ރާއްޖެއަކީ މިއަދު މިސަރަޙައްދުގައި އާބާދީގެ ނިސްބަތުން އެންމެ ކުރިއަރާފައިވާ އެއް ޤައުމެވެ. އެތައް ގޮތަކުން ބެލިޔަސް މިކަން އޮތީ ހަމަ މިހެނެވެ. ދިރިއުޅުމުގެ ފެންވަރާއި ހޭލުންތެރިކަމާއި ޢިލްމީ ޤާބިލުކަމަކީ މިސަރަޙައްދުގެ އެއްވެސް ޤައުމަކަށް މުޅި ޤައުމުގެ އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖެއާ އަރާ ހަމަކޮށްލޭވަރަށްވުރެ ރާއްޖެ ކުރިއަރާފައިވާ ކަންކަމެވެ.

ރާއްޖޭގެ އާބާދީ 90 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުންގެގޮތުގައި އޮންނަތާ ބައި ޤަރުނާ ގާތަށް ދަނީއެވެ. މިހާރުގެ ޒުވާން ޖީލުގެ 100 އިންސައްތައެއްހާ މީހުންނަކީ ނިޒާމީ ތަޢުލީމު ފުރިހަމަކޮށްފައިވާ މީހުންނެވެ. މިހާ ތަޢުލީމީ ޤައުމެއްގައި ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއް ހިނގަމުންދާއިރު ފެނިގެންނުވާނެ ބައެއް މަންޒަރުތައް މިދުވަސްވަރު ރާއްޖޭގެ ބައެއް ރަށްރަށުން، ފެންނަމުން ދިއުމަކީ ހައިރާންވާކަމެކެވެ. މިއީ ކިހިނެއްވާކަމެއްތޯ ބަލަންޖެހެއެވެ. ހަމަ ހަޤީޤަތުގައިވެސް ތިމާމެންގެ ރަށު މީހުންގެ ވިސްނުމުގެ ފެންވަރު ހުރީ މިހާ ދަށުދަރަޖައިގަތޯ ނުވަތަ މީއީ ބަޔަކު ތިމާމެގެ ރަށުގެ އަގުވައްޓާލަން ގަސްތުގައި ކުރިކަމެއްތޯ ވިސްނާލަންޖެހެއެވެ.

ދަންނަވަން މިއުޅެނީ މިހާރު ހިނގަމުން މިދާ ރާއްޖޭގެ ރިޔާސީ ކެމްޕެއިންގައި ފެންނަ ބައެއް މަންޒަރުތަކުގެ ވާހަކައެވެ.

ފުރަތަމަ ކަމަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ކެމްޕެއިންގައި ބައެއް ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އިދިކޮޅު އެނޫންވެސް ބައެއް މީހުންގެ އަމަލުތައް ހުންނަގޮތަށް ބަލާލަމަތޯއެވެ؟

ރައީސާ ދެކޮޅަށް ނުކުމެ އަޑުއުފުލައެވެ. އިސްތިއުފާއަށް ގޮވައެވެ. ރައީސް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ރަށަށް ފައިބާ ވަޑައިގަންނަވާ ދިމާގައި ނުރުހުމުގެ ބަސްތައްލިޔެފައި ހުންނަ ބެނާތަކާއި އެހެނިހެން ލިޔުންތައް ދަމައެވެ. މިފަދަ ބައެއް ކަންކަމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅާތީ ނުރުހުން ފާޅުކުރެއެވެ.

ވިސްނާލަންޖެހޭ ދެތިން ނުކުތާއެއް އެބައޮތެވެ. ޑިމޮކްރެޓިކް ނިޒާމެއް ހިނގާ ޤައުމުތަކުގައި ޝުޢޫރު ފާޅުކުރުމާއި އިހުތިޖާޖު ކުރުމާއި ނުރުހުން ފާޅުކުރުން އޮންނަނީ ކިހިނެއްތޯއެވެ؟ އަޅުގަނޑުމެންގެ ކަމާ ގުޅުންހުރި ޤާނޫނުތައް ބުނަނީ ކީކޭތޯއެވެ؟ ހިނގަމުން މިދަނީ ރިޔާސީ ކެމްޕެއިނެކެވެ. އިންތިޚާބާބެހޭ ޤާނޫނުތަކުގެ ދަށުން އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އަރައިގަތުމަކީ ކުށެކެވެ. ސާބިތުނުހިފޭ އެއްވެސް ވާހަކައެއް އެއްވެސް ކެންޑިޑެޓަކާ މެދު ދެއްކުމަކީ ކުށެކެވެ. އެއްވެސް ކެންޑިޑެޓަކާ ޒާތީގޮތުން ދިމާކޮށް ހެދުމަކީ ކުށެކެވެ. އެންޓި ކެމްޕެއިން ކުރުމަކީ ކުށެކެވެ.

ދެން ވިދާޅުވެ ބައްލަވާށެކެވެ. އިދިކޮޅުން އެކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެއީ ސުލްޙަވެރިކަމާއެކު، ޤާނޫނު އަސާސީގައި އެބުނާ ޚިޔާލުފާޅުކުރުންހެއްޔެވެ؟ ނޫނީ މުޖުތަމަޢުގެ ޢާންމު މަސްލަޙަތު ނަގާލައި ޢާންމު އިޖުތިމާޢީ މިންގަނޑުން ބޭރުން އިންތިޚާބާބެހޭ ޤާނޫނާވެސް ޚިލާފަށް ހިންގާ ކުށްހެއްޔެވެ؟ ކުށްކުރުން ހުއްޓުވުމަކީ ސަލާމަތީ ބާރުތަކުގެ މައްޗަށް އޮތް ޒިންމާއެކެވެ. އެޒިންމާ އެފަރާތްތަކުން އަދާކުރާއިރު އެކަމަށް ހުރަސްއަޅައި ދެކޮޅުވެރިކަން ދައްކާނަމަ އެދައްކާބަޔަކަށް ހާނީއްކަވުމަކީވެސް ވެދާނެކަމެކެވެ.

މިފަދަ ޢަމަލުތައް ހިންގާ ރައްރަށުގެ ރައްޔިތުން ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އެއީ ތަހުޒީބު ދިވެހިންގެ ސިފައެއް ނޫންކަމަށެވެ. އަމިއްލަ ޢާއިލާގެ ތެރޭގައި އަޑުއަހަން ނުކެރޭ، އަދި ތިމާ ތާޢީދުކުރާ ކެންޑިޑޭޓަށް ނިސްބަތްކުރަން އަމިއްލައަށް ނޭދޭ ބަސްތައް އެހެން މީހުންނަށް އަމާޒުކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ކޮންމެ މީހަކު ހުއްޓަސް އެމީހަކަށް އިޙްތިރާމްކުރުމާއި ޤަދަރުކުރުމަކީ އަޅުގަނޑުމެންގެ ޅަ ދަރިންނަށް ދަސްކޮށްދޭންޖެހޭ ރީތި އާދައެކެވެ. އެއީ އަޅުގަނޑުމެންގެ ކާބަފައިން ދަސްކޮށްދިން ގޮތްވެސް މެއެވެ. ދިވެހިންގެ ގޮތްވެސް މެއެވެ. ރައީސުލްޖުމްހޫރިއްޔާއަށް އިޙްތިރާމް ކުރުމަކީ ވަކިމީހަކަށް ކުރާ އިޙްތިރާމެއް ނޫނެވެ. މާދަމާ އެމަޤާމު ފުރުއްވާނީ ކޮންބޭފުޅެއްކަމެއް ނޭނގެއެވެ. އެއީ އެމަޤާމަށް ކުރާ އިޙްތިރާމެކެވެ. ދިވެހިންގެ ޝަރަފުވެރި ރިޔާސަތަށް ކުރާ ޤަދަރެކެވެ.

އެހެންނަމަވެސް މިފަހުންވެސް ބައެއް ރަށްރަށުން ފެނިފައިވަނީ ހިތާމަކުރަންޖެހޭ ކަންކަމެވެ. ޤައުމުގެ ވަލިއްޔުލް އަމްރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހުވަދު އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން މަޑަވެލީގައި އެމްޑީޕީގެ ޖަގަހައެއް ޒީނަތްތެރިކޮށް ޖަލްސާއަށް ތައްޔާރުކޮށްފައިވަނިކޮށް ދަންވަރު ބަޔަކުވަނީ އެތަނުގައި ހުޅުޖަހައި އަންދާލާފައެވެ.

މިއީ ނުރައްކާތެރިކަމެކެވެ. މިކަމުގައި ދެކަމެއް ފާހަގަކޮށްލަން ޖެހެއެވެ. ފުރަތަމަ ކަމަކީ މިވަރުގެ ކަމެއް ހިނގިއިރު ސަލާމަތީ ބާރުތަކަށް ހަމަ ރޭކާވެސް ނުލަނީބާއޭ އުފެދޭ ސުވާލެވެ؟ މިދަަންނަވަނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ. ރައީސް ވަޑައިގަންނަވަން ތައްޔާރުކުރި ތަނެއްގެ ވާހަކައެވެ. ވަޑައިގަތުމަށް 24 ގަޑިއިރަށްވުރެ ވަގުތު ކުޑަތަންވެފައި އޮއްވައި އެތަނުގައި ހުޅުޖަހައި އަންދާލި ވާހަކައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަކީ އެކަން ކަށަވަރުކުރަން އެންމެ މަތީ ދަރަޖައަށް ޤައުމީ ދިފާޢީ ބާރާއި ފުލުހުންގެ މައްޗަށްވެސް ޤާނޫނީގޮތުން ލާޒިމްކަމެކެވެ. ރައީސް ރަށަކަށް ވަޑަޑައިގަތުމުގެ ކުރިން އެޑްވާންސް ޓީމުތައްވެސް އެތަންތަނަށް ދެއެވެ. ދުރާލައި ބަލަންޖެހޭ ކަންކަންވެސް ހުރެއެވެ. އެހެނަސް މި ނުރައްކާތެރި ޢަމަލު މިއޮތީ ހިނގާފައެވެ. ނަސީބަކުން މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް މިއީ ޒިންމާވަންޖެހޭ ބަޔަކު ޒިންމާ ކުރުވަންޖެހޭ ކަމެކެވެ.

މިއީ ދެރަކަމެކެވެ. ނުރައްކަލަށް ހުށަހެޅުނީ ރައީސަށްވުރެ ބޮޑަށް މަޑަވެއްޔެވެ. އެރަށުގެ ރައްޔިތުންނެވެ. ގެއްލުންވީ އެރަށު ރައްޔިތެއްގެ މުދަލަށެވެ. މާލީ ބޮޑު ބުރައެއް އުފުލަންޖެހުނީ އެރަށު މީހެކެވެ. މީހުންގެ ކުރިމަތީގައި ވެއްޓުނީ އެރަށުގެ އަގެވެ. މިއީ ހަމަ ވަޑަވެލީގެ ރައްޔިތުންގެ ފެންވަރުހެއްޔެވެ؟ އެއީ ހަމަ އެހައި ނާތަހުޒީބު ރައްޔިތަކު ދިރިއުޅޭ ރަށަކީހެއްޔެވެ. އެމީހުންހަމަ އެހައި ޑިމޮކްރަސީއާ ބީރައްޓެހީހެއްޔެވެ؟

މިފަދަ ބައެއް ކަންކަން ބައެއް އެހެން ރަށްރަށުގައިވެސް އެބަ ހިނގައެވެ. އެފަދަ އެއް ޙާދިސާއަކީ ގއ. ކޮލަމާފުށީގައި ހިނގި ޙާދިސާއެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ސަރުކާރުގެ މަސައްކަތުން ހަދައި ނިންމާފައިވާ އައުޓްޑޯ ޖިމްއެކެވެ. ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގެން އެތަން ރަސްމީކޮށް ހުއްޓުވައިދެއްވަން ތައްޔާރުވެފައިވަނިކޮށް ބަޔަކު މީހުން އެތަނަށް ބޮޑެތި ގެއްލުންދީ އެތަނުގައި ހަޑިހުތުރުބަހުން ލިޔެ ތަން ހުޅުވުން ހުއްޓުވައިފިއެވެ.

މިކަމުން ގެއްލުންވީ ކާކަށް ހެއްޔެވެ؟ ރައީސަށް ހެއްޔެވެ؟ ނުވަތަ ރަށުގެ ރައްޔިތުންނަށް ހެއްޔެވެ؟ މިއީ ހަމަ ގައިމުވެސް ރަށުގެ ހަރުމުދަލެކެވެ. ރައްޔިތުންގެ ހަރުމުދަލެކެވެ. ރައްޔިތުންގެ ފައިސާއެވެ. މިތަން ބޭނުންކުރާނީވެސް އެރަށުގެ ރައްޔިތުންނެވެ. މިއިން ނުކުތް ނަތީޖާއަކީ ކޮބައިހެއްޔެވެ؟

ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއްގައި ޤައުމުގެ ވެރިކަމަށް ވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ އެންމެހައި ރައްޔިތުން ރުހޭނެ ބޭފުޅަކަށް ނުވާނެއެވެ. ކޮންމެ ރައީސަކަށްވެސް ވޯޓުދޭ ބަޔަކާއި ނުދޭބަޔަކު ތިބޭނެއެވެ. ޑިމޮކްރަސީގެ އެންމެ މުހިންމުކަމަކީވެސް އަޣުލަބިއްޔަތަށް ތަބާވާން ދަސްކުރުމެވެ. އަދި އަޣުލަބިއްޔަތު ނުލިބޭ މަދު ބަޔަކަށް އިޙްތިރާމްކުރަން އެނގުމެވެ. މިކަންކުރުމުގެ ހިތްވަރާއި ތަހުޒީބުކަން ނެތް ބައެއްގެތެރޭގައި ޑިމޮކްރަސީއެއް ނޯންނާނެއެވެ. އޮންނާނީ ހަމަނުޖެހުމާއި ހަލަބޮލިކަމެވެ. އަނިޔާއާއި ބޭއިންސާފެވެ.

މިސާލަކަށް ބަލާނަމަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މިފަހުގެ ތާރީޚެއްގައި އެންމެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ވޯޓުން އެއްބުރުން ރާއްޖޭގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ރައީސެވެ. އެމަނިކުފާނާ ދެކޮޅަށް ޣައިރު ޤާނޫނީ، ހަރުކަށި ޢަމަލުތައް ހިންގައި ހަމަނުޖެހުން އުފެއްދުމުން އެކަމުގެ ރައްދުދޭން އެމަނިކުފާނުގެ ސަޕޯޓަރުން ނުކުމެއްޖެނަމަ ދެން ވާނީ ކިހިނެއްތޯއެވެ. މުޅި ޤައުމުގެ ހަމަޖެހުން ގެއްލި ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބުން ނޫންކަމެއް ނުވާނެއެވެ. އެކަން އެހެން ވިޔަ ނުދިނުމަށް ރައީސް ތަކުރާރުކޮށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް އަންގަވަނީ ބަދަލު ނުހިފުމަށެވެ. އިދިކޮޅު ޙަރަކާތްތަކަށް ރައްދު ނުދިނުމަށެވެ.

އިދިކޮޅުން ކެމްޕޭން ކުރަން ރަށްރަށަށް އަރާނެއެވެ. މިހާރު މިއޮތީ އެވަގުތު އައިސް ޖެހިފައެވެ. ރައީސް ޞާލިހުގެ ސަޕޯޓަރުންގެ ވެސް ހަމަ އެޖޯޝާ ހަކަތަ ހުންނާނެއެވެ. ލަދުވެތި ހުތުރު ބަސްތައް ލިޔެ ބެނާވެސް ދެމޭނެއެވެ. ބޮޑެތި ތުހުމަތުތައްކޮށް ވަގަށް ވެސް ގޮވޭނެއެވެ. އަޑުގަދަ ކުރާ ބޭނުންކޮށްގެން އަޑު ވެސް އުފުލޭނެއެވެ. ގައުވެސް ވެލިވެސް އުކޭނެއެވެ. ޖަލްސާގައި ދައްކާ ވާހަކަ ރައްޔިތަކަށް އަޑު ނީވޭ ވަރަށް ލަވަވެސް ޖެހޭނެއެވެ.

މިއަދު މިކަންކަން ކުރާ މީހުން މީގެ ނަތީޖާއާމެދު އެންމެ ފަހަރަކު ނަމަވެސް ވިސްނާލަން އެބަޖެހެއެވެ. ވާދަވެރިކަމުގައި ދެފަރާތުން ނުކުނެ އެއްބަޔަކު އަނެއްބައެއްގެ ކެމްޕޭނަށް ހުރަސްއަޅައި ޖެއްސުންކޮށް ދިމާކޮށް ހަމަނުޖެހުން ހިންގަން ފެށުމުން ނުކުންނާނެ ނަތީޖާއަކީ މުޅި ގައުމުގެ މަސްލަހަތު ގެއްލި މުޖުތަމަޢުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދުމެވެ.

ކޮންމެއަކަސް ޚިޔާލު ފާޅުކުރުމުގެ ނަމުގައި ނުކުމެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ސާބިތު ނުހިފޭ ދޮގުހެދުމާއި، ހަޑިހުތުރުބަހުން އަޑުގަދަކުރުމާއި ޢާންމު އިޖުތިމާޢީ މަސްލަޙަތު ނަގާލުމާއި ތަންތަނުގައި ހުޅުޖެހުމާއި މީހުންގެ މުދަލަށް ގެއްލުން ދިނުމަކީ ޑިމޮކްރަސީ ދަންނަ ކަންކަމެއް ނޫނެވެ. އަދި އެއީ ވަރަށް ނާތަހުޒީބު ހަޑިހުތުރު ޢަމަލުތަކެކެވެ. އެއީ ރާއްޖެފަދަ ތަޢުލީ ހޭލުންތެރި ޤައުމެއްގެ އެއްވެސް ހިސާބަބުން ފެންނަން ޖެހޭފަދަ މަންޒަރެއް ނޫނެނެވެ. މަދުބަޔަކު ތިމާމެންގެ ރަށުގެ އަގުވެއްޓޭގޮތަށް ހިންގާ މިދަފަ ޢަމަލުތައް ހުއްޓުވަންޖެހެއެވެ.

އިންތިޚާބުގެ ނަތީޖާ ނެރެންޖެހޭނީ ވޯޓުންނެވެ. ކެމްޕެއިން ކުރަންޖެހޭނީ ތިމާ ތާޢީދުކުރާ ކެންޑިޑޭޓުގެ ޤާބިލްކަން ހާމަކުރުމަށެވެ. ވާދަވެރިކަން އޮންނަންވާނީ ވައުދުވުމާއި ނަތީޖާ ނެރުމުގައެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ޙަމަ

16-Aug-2023

ނޫސްވެރިން މިޔޮއްހާދުވަހު އެއްވެސްއެއްޗެއްނުބުނެ ތިތިބީ ކިހާވަރެއްދޭތީތަ އަހަރުމެންނައްއިންގޭ ރަތްޔިތުންނައް ކެއްނުވީމަވާނެމިހެން...


-3

ބަޗީ

16-Aug-2023

ޢުމްރާނީ ގޮތުން ތަރައްޤީ ވިޔަސް ވިސްނުން ތަރައްޤީ ނުވާކަން ދޭހަވޭ ނޫންތޯ؟



ޓްރެންޑިން