މަރިޔަމް ލަމްޙާ ރަޝީދު   12 އޯގަސްޓު 2023 - 10:14
ސަޔަކީ މިސަރަހައްދުގެ ގިނަ ޤައުމުތަކުގެ މީހުންގެ ކެއުންތަކުގައި އެންމެ އާއްމުކޮށް ހިމަނާ ބުއިމެވެ. އެންމެ ކުޑައިރުއްސުރެ ކުދިންނަށް ފެނިފައި ހުންނާނީ މަންމަމެންވެސް ކޮންމެ ކެއުމަކާއިއެކުހެން ކަޅުސައި ބޯ މަންޒަރެވެ. އަދި އެކުދިންވެސް އެހެންވެ ސައި ބޯން ބޭނުންވެ ސައިދިނުމަށް އެދި ބޮޑާ ހާކައެވެ. އެހެންނަމަވެސް ސަޔަކީ ތުއްތު ކުދިންގެ ޞިއްޙަތަށް ގެއްލުންހުރި އެއްޗެކެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްއަށް ނިސްބައްވާ އުމުރުން އެންމެ 18 މަހުގެ ކުއްޖަކު ވަނީ ސައި ބުއިމުގެ ސަބަބުން ވަރަށް ފަހުން ނިޔާވެފައެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާދިސާގައި އެ ތުއްތު ދަރިފުޅު ސައި ބުއިމުން ކުއްލިޔަކަށް ނޭވާލުން ހުއްޓުނެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ހޮސްޕިޓަލަށްގެން ދިޔަ މަގުމަތީގައި ކުއްޖާ ވަނީ ނިޔާވެފައެވެ.މިކުއްޖާއަށް ފަރުވާހޯދުމަށް ގެންދިޔަ ހޮސްޕިޓަލުގެ ސުޕަރިންޓެންޑެންޓް ޑޮކްޓަރ ޕްރީތީ މަލްޕަނީ ބުނެފައިވަނީ ކުއްޖާ ހޮސްޕިޓަލަށް ގެނެވުނު އިރު ނިޔާވެފައި ވުމުން، ކުއްޖާ ނިޔާވާން މެދުވެރިވި މައިގަނޑު ސަބަބު ދެނެގަތުން އުނދަގޫކަމަށެވެ. އެހެންނަމަވެސް، ނިއުޓްރިޝަން އަދި ޑައެޓިކްސްގެ ޚާއްސަ ޑައިޓިޝަނުން މިކަމާއި ގުޅިގެން ބުނެފައިވަނީ މިއީ ދަރިފުޅަށް ސައިދިނުމުން ދިމާވިގޮތެއް ކަމުގައެވެ.

މިގޮތުން ޕްރާޗީ ޖައިން ނަމަކަށް ކިޔާ ޑައިޓީޝަންއެއް ބުނެފައިވާ ގޮތުގައި ސައިފަތުގައި ކެފެއިން ހިމެނެއެވެ. ކެފެއިންއަކީ އެބުއިމުން މީހާގެ ސިކުނޑި އެކްޓިވްކޮށްލާ އަދި ސިކުނޑިއާއި ނާވަސް ސިސްޓަމްގެ މަސައްކަތްތައް ސްޓިމިއުލޭޓް ކުރާ އެއްޗެކެޗެކެވެ. އަދި އޭގެ ސަބަބުން ކުދިންގެ ނިދި ހަމައަށް ނުލިބުމާއި ހޭލާ ވަގުތު ވަރުބަލިކަން އިހުސާސް ކުރެވެއެވެ. އަދި މީގެ އިތުރުން ސައި ބުއިމުން އޭގައި ހުންނަ ކެފެއިންގެ ސަބަބުން ގިނައިން ކުޑަކަމުދެވޭ ގޮތްވެ ކުދިންގެ ހަށިގަނޑުން ފެން މަދުވެ ޑީހައިޑްރޭޓްވާގޮތް މެދުވެރިވާކަމަށް ޖައިން ބުނެފައިވެއެވެ.

ޖައިން ބުނާގޮތުގައި ކުޑަކުދިންގެ އުމުރުން 12 އަހަރު ވުމުގެ ކުރިން ސައި ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި ސައިގެ ބަދަލުގައި ކުދިންނަށް ދިނުމަށް އެންމެ ރަނގަޅީ ކިރު ކަމަށެވެ. އޭގެ ތެރެއަށް އެހެން އެއްޗެއް އަޅަން ބޭނުންވާ ކަމުގައިވާނަމަ، ސިނަމަން، ކާޑަމަން، އިނގުރު އަދި އެކިވައްތަރުގެ ނަޓްސް އެޅިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން