ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުންނަމަ ހަނދާންނެތެން ފަށަނީ ނުވަތަ ހަނދާންނެތޭ ބަލި ޖެހެނީ އުމުރުން 65 މައްޗަށް ދިޔުމުންނެވެ. އެހެންނަމަވެސް މިއީ މުޅިން ކުށްހީއެކެވެ. އުމުރުން ދުވަސްވުމުގެ އިތުރުން މިބަލި ޖެހުމަށް މެދުވެރިވާ އެހެން ސަބަބުތައްވެސް ހުރެއެވެ. މީގެ ތެރޭގައި ނިދި ހަމަނުވުމާއި ބޮލަށް ގެއްލުމެއް ލިބޭފަދަ ހާނިކައެއް ވުން ހިމެނެއެވެ.

މީހާގެ އުމުރުން 40 އަހަރަށް އެޅުމުން ސިކުނޑީގެ މަސައްކަތުގެ %11 ދަށްވެ ހަނދާންނެތުމުގެ މައްސަލަތައް ކުރިމަތިވާކަމަށް ދިރާސާތަކުން ދައްކައެވެ. ނިއުރޯ-ޑީޖެނަރޭޓިވް ބަލިތަކުގެ މާހިރެއްކަމުގައިވާ އަލްމާ ބޯނޯ ވިދާޅުވާ ގޮތުގައި އާއްމުގޮތެއްގައި މިއުމުރަށް އެޅުމުން ހަނދާންވުން ކޮށިވުމާއި އަދި ބައެއްފަހަރު ހަށިގަނޑު ހަރަކާތްތެރިކުރުމަށްވެސް ބަދަލުއާދެއެވެ. އެހެންނަމަވެސް، މިއުމުރުގައި މީހާއާއި ދިމާވާ ކަންކަން ދަނެގަތުމާއި ކަންކަން ދޭހަކުރުމާއި ވާހަކަ ދެއްކުމުގައި ގެންގުޅޭ ބަސްމޮށުންތެރިކަން ކުރިއަށްވުރެ ރަނގަޅުވާކަމަށް އަލްމާ ފާހަގަކުރައްވައެވެ.

އަލްމާ ބޯނޯ، 20 މިނިޓުސް އޮންލައިން ނޫސްގައި ޝާއިއުކޮށްފައިވާ އާޓިކަލްގައިވާ ގޮތުން އަލްޒައިމިއާ ނުވަތަ ހަނދާންނެތޭ ބަލީގެ ފުރަތަމަ އަލާމާތްތަކަކީ ވާނުވާ ނޭނގުން، ކަންކަން އޮޅުން އަރައި ތަރުތީބު ގެއްލުން އަދި އާއްމުކޮށް ވާހަކަ ދެއްކުމުގައި ކުށްގިނަވެ ކިޔާ އެކައްޗެއް މާގިނައިން ތަކުރާރު ކުރެވުމެވެ. މިކަހަލަ ހާލަތްތަކުގައި އެންމެ ފުރަތަމަ މިކަން ފާހަގަ ކުރެވޭނީ އެކުގައި އުޅޭ މީހުންނަށާއި އާއިލާއަށެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އިން، މެމޮރީ ލޮސް ނުވަތަ ހަނދާން ނެތުން ކަމަށް ކަނޑައެޅުމަށް ޑޮކްޓަރުންނަށް ދީފައިވާ ކްރައިޓީރިއާގައިވަނީ މީހަކަށް އާއްމު ދިރިއުޅުމުގައި ހަނދާންނެތުމުގެ ސަބަބުން އުނދަގޫތައް ދިމާވުމުންނެވެ. އަދި ކުދިކުދި ކަންކަން އާއްމުކޮށް ހަނދާންނެތުމަކީ އަލްޒައިމިއާ ކިޔާ މިބަލީގެ ފުރަތަމަ ކޮޅުގެ އަލާމަތްތަކެވެ. އަދި މިހާހިސާބުން ބަލި ދެނެގަނެވިއްޖެނަމަ، ކޮގްނެޓިވް ޑިކްލައިން ނުވަތަ ސިކުނޑީގެ މަސައްކަތްތައް ފިލައިދާ ސްޕީޑް ދަށްކުރުމަށް ފަރުވާކުރެވެންފެށިދާނެއެވެ.

ބައެއް ހާލަތްތަކުގައި 40 އަހަރަށް އެޅުމުން އާއްމުކޮށް އެއުމުރުގެ އެހެން މީހުންނާއި ޚިލާފަށް ކަންކަން ހަނދާންނެތި މީހާގެ ދިރިއުޅުމަށް އަސަރު ކުރާނަމަ އަދި ވިސްނުމުގެ ޤާބިލުކަން ދަށްވާނަމަ އެއީ އަލްޒައިމިއާ ބަލީގެ ކުރީކޮޅު ކަމަށް ބެލިދާނެއެވެ.

އަލްޒައިމިއާ ބަލިޖެހި އެއްވެސް ކަމެއް ކުރަން ނޭނގުމާއި ވާހަކަ ދައްކަން ބޭނުން ކުރަންޖެހޭ ބަސްތައް ހަނދާންނެތުމަކީ ވަރަށް އުނދަގޫވާނެ ކަމެކެވެ. އަދި އަޅައިލަން ތިބޭ މީހުންނަށްވެސް ވަރަށް ހިތްދަތިކަމެއް ކުރިމަތި ކުރުވާނެ ބައްޔެކެވެ. އެހެންކަމުން މިބަލިން ދިފާއުވުމަށް އެންމެ މުހިންމީ ސިކުނޑީގެ ދުޅަހެޔޮކަމަށް ބޭނުންވާ ސިކުނޑިއަށް ކަސްރަތު ހޯދުމެވެ. މިގޮތުން ފޮތް ކިޔުމާއި ހިސާބުތައް ހެދުމާއި ލިޔުންފަދަ ސިކުނޑި މަސައްކަތް ކުރުވާނެ ފަދަ ކަންކަން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމާއި ރަނގަޅަށް ނިދި ހަމަކުރުމާއި ރަނގަޅު ކާނާ ކެއުމަށްވެސް ސަމާލުކަން ދޭންވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން